ކެމްޕެއިންކުރުމަށް ބޮޑުވަޒީރު ޓްރޫޑޯ މަޑުކުރި ހިސާބުގައި މީހުން މުޒާހަރާ ކުރަމުންދާތީ ބޮޑު ވަޒީރުވަނީ އެ އިވެންޓް ކެންސަލް ކުރަން ޖެހިފައެވެ.
އިވެންޓް ކެންސަލް ވުމުން ބޮޑުވަޒީރު އެނބުރި ބަހާ ދިމާލަށް ދަނިކޮށް ބަޔަކު ވަނީ ބޮޑު ވަޒީރު ޓްރޫޑޯ އަށް އަމާޒުކޮށް ގާ އުކާފައެވެ.
މުޒާހަރާކޮށްފައި ވަނީ އެގައުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާތަކުގެ ސަބަބުންނާއި ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ. ނަމަވެސް އެ މުޒާހަރާ ވަކިހިސާބުން ކޮންޓްރޯލް ގެއްލި ބަޔަކު ވަނީ ބޮޑު ވަޒީރާ ދިމާލަށް ގާ އުކާފައެވެ،
ބޮޑު ވަޒީރަށް އަމާޒުކޮށް ބަޔަކު ގާ އުކި ނަމަވެސް ބޮޑު ވަޒީރަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ލަންޑަނަށް ދަތުރުކުރުއްވި ފްލައިޓެއްގައި ބޮޑު ވަޒީރު ޓްރޫޑޯ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެތަނުން ގަލެއް ފަހަރެއްގައި ކޮނޑަށް އަރާފައިވާނެ ކަމަށެވެ.
އެގައުމުގެ އިދިކޮޅު ޕާޓީން ވަނީ ބޮޑުވަޒީރާ ދިމާލަށް ގާ އުކުން ކުށްވެރިކޮށްފައެވެ.
ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށާއި ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ގިނަ ބަޔަކު އަންނަނީ މުޒާހަރާކުރަމުންނެވެ.