ads
ކަބުލްގެ މަގުމަތީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލާ މުޒާހަރާ ކުރަނީ-
ތާލިބާނުންގެ ސަރުކާރު އެކުލަވާލައިފި، އެންމެ އަންހެނެއް ވެސް ނެތް
އަންގާރަ ދުވަހު ތާލިބާނުން ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލައިފަ އެވެ. ނަމަވެސް ގިނަ ބަޔަކަށް އަޅައިގަތީ މެދުމިނުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނި ތާލިބާނުންގެ ސަރުކާރުގައި އެންމެ އަންހެނެއް ވެސް ނެތް ކަމެވެ.
Advertisement

އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުންގެ ސަރުކާރުގައި ތިބީ 1990 އިން ފެށިގެން އަދި ފާއިތުވި 20 އަހަރު އެމެރިކާ އާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިސްކޮށް ހަރަކާތްތެރިވި މީހުންނެވެ. 

ބައިނަލް އަގުވާމީ ދުނިޔޭގެ ތާއީދު ހޯދަން މަސައްކަތް ކުރަމުން އަންނަ ތާލިބާނުންގެ ސަރުކާރުގައި އަންހެނެއް ނެތުމުން ގިނަ ބަޔަކު ހައިރާނެއް ނުވެއެވެ. 

އަންހެނުންނަށް ހައްގުތައް ދޭނެ ކަމަށާއި ސަރުކާރުގައި އަންހެނުންގެ ބައިވެރިވުން އޮންނާނެ ކަމަށް ތާލިބާނުން ބުނި ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވަނީ މީގެ ކުރިން ވައުދުތަކަށް ވުރެ ބޮޑަށް ބަލާނީ އަމަލުތަކަށް ކަމަށް ބުނެފައެވެ. 

ތާލިބާން ސަރުކާރުގެ އިންޓީރިއާ މިނިސްޓަރުކަމަށް ހަމަޖެއްސި ސިރާޖުއްދީން ހައްގާނީ އަކީ އެމެރިކާގެ އެފްބީއައި މޯސްޓް ވޯންޓެޑް ލިސްޓުގައި ފަސް މިލިއަން ޑޮލަރު އޭނާގެ ބޮލަށް ކަނޑައަޅައިފައިވާ މީހެކެވެ. އޭނާ އަކީ އެތައް ބަޔަކު މަރާލި ހައްގާނީ އިސްވެރިޔާ އެވެ. މިވަގުތު ވެސް އޭނާގެ ބެލުމުގެ ދަށުގައި ރަހީނުކޮށްފައިވާ އެމެރިކާގެ ރައްޔިތެއް ހުރި ކަމަށް ބެލެވިފައިވެއެވެ. 

ތާލިބާނުން ސަރުކާރު އެކުލަވާލައިފައިވާ ކަމަށް އިއުލާން ކުރި އިރު ކަބުލްގެ މަގުމަތީ މުޒާހަރާ ކުރަމުންދިޔަ މީހުން ކޮންޓްރޯލްކުރުމަށް ވައިގެ ތެރެއަށް ބަޑި ޖަހައި އެތައް ނޫސްވެރިންނެއް ހައްޔަރުކޮށްފައިވެއެވެ. 

މުޒާހަރާތައް ރޫޅާލުމުގައި ތާލިބާނުން ވަނީ ހަރުކަށި ބާރުގެ ބޭނުންކޮށްފައެވެ. 

އަފްގާނިސްތާންގެ ބަޖެޓްގެ 80 ޕަސެންޓް ވަންނަނީ ބޭރުގެ ގައުމުތަކުގެ އެހީގައެވެ. ކުރިން ވެސް ހީނަރު އިގްތިސާދެއް އޮތް އަފްގާނިސްތާންގެ އިގްތިސާދު ވަނީ ތާލިބާނުން ވެރިވެގަތުމާއެކު ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ. 

އިންސާނީ އެހީއަށް ބޭނުންވެފައިވީ ނަމަވެސް މިވަގުތު އަފްގާނިސްތާނަށް އިންސާނީ އެހީގެ ފްލައިޓްތައް ބާއްވަނީ ގަތަރުން އެކަންޏެވެ. ތާލިބާނުންނަށް އެކަހެރިވެގެން އެ ގައުމަށް ބޭނުންޖެހިފައިވާ މުހިއްމު އެހީތައް ނުލިބޭނެއެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ވަނީ ތާލިބާނުންގެ ކެބިނެޓްގައި އެންމެ އަންހެނެއް ވެސް ނެތުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި މިވަގުތު އަފްގާނިސްތާންގެ އޮތް ސަރުކާރާމެދު ގޮތެއް ނިންމާނީ އެމީޙުންގެ އަމަލުތަކަށް ބެލުމަށް ފަހު ކަމަށް ސްޓޭޓް ޑިޕާޓްމެންޓް އިން ވެސް ތަކުރާރުކޮށްފައިވެއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް