ބުދަ ދުވަހު ކުރި ޓްވީޓްކުރި ސްޓޭޓްމެންޓެއްގައި ގަނީ ވިދާޅުވީ އެހެން ގޮތަކަށް ކަންތައް ބަދަލު ނުކުރެވުނީތީ އަފްގާން ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ގަނީ ވަނީ އޭނާ ކުރިންވެސް ވިދާޅުވި ފަދައިން، ގައުމު ދޫކޮށް ވަޑައިގަތީ އޭނާ ގައުމު ދޫކޮށް ނުގޮސްފި ނަމަ މަގުމަތީގައި ލޭ އޮހޮރުވުންތަކެއް ހިންގާފާނެ ކަމަށް ގަނޑުވަރުގެ ސެކިއުރިޓީން އޭނާގެ އަރިހުގައި ތަކުރާރުކޮށް ދެންނެވުމުން ކަމަށް ވިދާޅުވެފައެވެ.
ގަނީ ވިދާޅުވީ 1990 ވަނަ އަހަރު އަފްގާނިސްތާންގައި ދާހިލީ ހަނގުރާމަ ފެށި ކަބުލްގައި ހިނގި ކަހަލަ ގަތުލުއާންމެއް ތަކުރާރުވާކަށް އޭނާ ބޭނުން ނުވާ ކަމަށެވެ.
ކަބުލް ދޫކޮށް ދިޔުމަކީ އޭނާ ދިރިއުޅުމުގައި ވެސް ނިންމި އެންމެ އުދަގޫ ނިންމުން ކަމަށް ގަނީ ވިދާޅުވި އެވެ. ނަމަވެސް ބަޑީގެ އަޑު މަޑުކުރުމަށާއި ކަބުލްގެ 6 މިލިއަން ރައްޔިތުންގެ ރައްކާތެރިކަމަށް ގައުމު ދޫކޮށް ދާން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަނީ ވަނީ ގައުމުގެ ހަޒާނާއިން ވައްކަން ކުރި ކަން ވެސް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ.
އަފްގާން ރައްޔިތުން އަންނަނީ އަފްގާން ސަރުކާރު އަދި އެމެރިކާއިން އެމީހުންނަށް ގައްދާރުވި ކަމަށް ބުނެ ނުރުހުން ފާޅުކުރަންމުންނެވެ.
މިހާރު އަފްގާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާނުން ބުނަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށާއި އެމެރިކާ އަދި އަފްގާން ސަރުކާރާއެކު މަސައްކަތްކުރި މީހުންނަށް މާފުދޭނެ ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ތާލިބާނުން އަންނަނީ ހުޅަނގުގެ ގައުމުތަކަށް މަދަދުވެރިވި މީހުން ހައްޔަރުކޮށް އަދަބުދެމުންނެވެ.
އިއްޔެ ތާލިބާނުްގެ ސަރުކާރު އެކުލަވާލާފާ ވާއިރު ތާލިބާން ސަރުކާރުގެ ކެބިނެޓްގައި އެންމެ އަންހެން ކަނބަލެއްވެސް ނުހިމެނެއެވެ.
އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާތްތަކަށް އަފްގާނިސްތާނުން ޖާގަ ނުދޭނެ ކަމަށްވެސް ތާލިބާނުން ބުނެފައިވެއެވެ.