ads
ހިޔާ ފްލެޓްތައް-- ފޮޓޯ: ވަން އޮންލައިން
ފޭސް ދޭއްގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން "އުތުރި" އަރަނީ
ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކަކީ އެއިން ރައްޔިތުންނަށް ބޯހިޔާވަހިވެ، މާގިނަ ދަތިތަކެއް ކުރިމަތި ނުވެ ތަޅުދަނޑި ހިފައިގެން ގޮސް ގެއަށް ވަދެވޭ ގޮތަށް ރާވާ ހިންގާ މަޝްރޫއު ތަކެކެވެ. އެހެންނަމަވެސް ހުޅުމާލޭގައި ހަދާފައިވާ ފްލެތްތަކަށް ވަންނަން ޖެހޭ މީހުންނަށް އެކަން އެގޮތަށް ވާނެ ގޮތެއް ނެތެވެ. އޭގެ ބަދަލުގައި ފްލެޓްތައް މިހާރު ވަމުންއެދަނީ އެމީހުންނަށް ތަކްލީފްތަކެއް ކުރިމަތި ކުރުވާ ކަމަކަށެވެ.
Advertisement

ކުލީގެ މައްސަލަ

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގި މަޝްރޫއުގެ ފްލެޓްތައް މިސަރުކާރުން ދޭން ނިންމީ 7500 ރުފިޔާގެ ކުލީގައެވެ. އޭގެ އިތުރުން 1000 ރުފިޔާގެ މެއިންޓެނެންސް ފީއަކާއެކުއެވެ. އެހެންނަމަވެސް އިދިކޮޅުން ބުނަމުންއައީ 6600 ރުފިޔާގެ ކުލީގައި އެ ފްލެޓްތައް ދެވޭނެ ކަމަށެވެ. އެ ވާހަކަތަކެއްގައި ތިބެ މިއަދާހަމައަށް އައި އިރުވެސް ކުލިން ކުޑަވެފައެއް ނުވެއެވެ. 8500 ރުފިޔާ ފްލެޓްގެ ވެރިން ދައްކަން ޖެހެއެވެ.

ރައީސް ޔާމީނުގެ ސަރުކާރު ނިމުނުއިރު ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތްތައް ހުރީ ނުނިމިއެވެ.  އެހެންވެ އިންޓީރިއާ މަސައްކަތްތައް ނިންމަން ޖެހެނީ އެބަޔަކު އަމިއްލައަށްކަމަށް ސަރުކާރުން ނިންމިއެވެ. 

ހިޔާ ފްލެޓް ތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް ގެންދިޔައީ ކަންބޮޑުވުންތަކެއް ހުރެގެންނެވެ. ހިޔާ ޔޫނިއަން އިން އެދެނީ ޔުނިޓްތަކުގެ ކުލި -/5600ރ އަށް ކުޑަކުރެވި އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެދުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މަޢާފް ވެގެން ދިއުމެވެ.

your imageހިޔާ ފްލެޓާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޝުއޫރު ފާޅުކޮށްފައި-- ފޮޓޯ: ހިޔާ ޔޫނިއަން

ހިޔާ ފްލެޓް ތަކުގެ ކުލި -/5600ރ އަށް ހަދައި، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެއްދެވުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މަޢާފް ކޮށްދެއްވުމަށް ދަންނަވައި ފްލެޓް ލިބުނު 2177 މީހުން ސޮއި ކޮށް 01 ޖޫން 2021 ގައި ރައީސް އޮފީހަށް ހުށަހެޅުނު ޕެޓިޝަނާއި ގުޅިގެން، ހިޔާ ޔޫނިއަން އިން ރައީސް އޮފީސް ، ހައުސިން މިނިސްޓްރީ އަދި އެޗް.ޑީ.ސީ އާއި އެކު ދެންނެވުނު ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ފާއިތުވީ 02 މަސް ދުވަހު ކުރެވުނު މަސައްކަތް ތަކުން ސަރުކާރުގެ ވުޒާރާތަކުން މިކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާތީ ދެންނެވުނު ކަންބޮޑުވުންތަށް ރައްޔިތުންގެ މަންދޫބުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރ ޢަލީ އާޒިމް އާއި ހަވާލު ކުރެވުނީ މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.

ހިޔާ ޔޫނިއަން އިން ކުރަމުންދާ މަސައްކަތް ތަކަކީ މަތީގައި ބަޔާން ކުރެވުނު 3 މަގްސަދު ހާސިލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެކެވެ. ހިޔާ ޔޫނިއަންގެ އެދުމަކީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅި ކޮމެޓީ މަރުޙަލާއިން ގޮތްތަކެއް ނިންމި މަޖިލިސް ތަޅުމުން މިކަމާއި ގުޅިގެން ގޮތެއް ނިމުން ކަމަށް ހިޔާ ޔޫނިއަން އިން އޭރު ބުންޏެވެ.

25،000 އެތަކެއް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މި މައްސަލަ އަށް ހައްލެއް ލިބުމަކީ ހިޔާޔޫނިއަންގެ އެދުމެވެ. ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތް ތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަން އިން އެދިފައި ނުވާނެ ކަމަށްވެސް ހިޔާ ޔޫނިއަން އިން ބުނެފައިވެއެވެ. އެހެންނަމަވެސް އެކަންކަމަށް މިއަދާ ހަމައަށްވެސް މާބޮޑު ބަދަލު ތަކެއް އައިސްފައި ނުވެއެވެ. 

އިންތިޒާމެއް ނެތުން

ހިޔާ ފްލެތްތަކުގެ މަސައްކަތް މިހާރު އެދަނީ ކުރަމުންނެވެ. އެބަޔަކު އަމިއްލައަށް އެބައެއްގެ މަސައްކަތް ތަކެވެ. ހިޔާ ޔޫނިއަން އިން ބުނަނީ މަސައްކަތް ކުރާ ސަރަހައްދުގައި ވަނީ އިންތިޒާމެއްނެތި، ބޮއްސުން ލާފައި ކަމަށެވެ. އެތަނުގައި ހުރި ބައެއްފްލެޓްތަކުގައި މިހާރު ބިދޭސީން ނިދުމާއި، ފެންވެރުމާއި ކެއުންފަދަ ކަންކަން ދަނީ ކުރަމުންނެވެ. ތަޅު ނުލައި ހުރުމުގެ ސަބަބުންނެވެ. ފްލެޓަކަށް ބޮޑުކައުގޮސްފައިވާ ކަމަށްވެސް ވެއެވެ. 

"މިހާރު އިންތިޒާމްތަކެއް ނެތް އެއްގޮތަކަށްވެސް . މީހުން ނުވަދެ ހުރި ފްލެޓްތައް ލޮކްކޮށްފައި ބަހައްޓަން ފްލެޓްޓަކަށް މީހުންއައުމާއެކު އަޅުގަނޑުމެން ލަފާއެރުވިން އެޗްޑީސީއަށް. އެކަމަކު އެގޮތަށް އެކަމެއް ނުދޭ" ހިޔާ ޔޫނިއަންގެ މީޑިއާ އޮފިޝަލް ހަމްދޫން ރަޝީދު ވިދާޅުވިއެވެ. 

އެސަރަހައްދުގައި މިހާރު މަސައްކަތްތައް ހިނގަމުންދަނީ އެއްވެސް ބެލެހެއްޓުން ތެރިކަމެއް ނެތިއެވެ. އެހެންނަމަވެސް އެޗްޑީސީން މިކަންކަމާ މުޅިން އެއްބަހެއް ނުވެއެވެ. އެޗްޑީސީން ބުނީ ކުރިން މަސައްކަތް ކުރަމުން އައީ ވަކި ގަޑިތަކެއްގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަނީ 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ގޮތަށް ހުޅުވާލެވިފައި ކަމަށާއި، އެހެންވެ، މައްސަލަތައް ގިނަވީ ކަމަށެވެ. އެޗްޑީސީން އިތުރަށް ބުނީ އަބަދުވެސް އެތާގައި އެޗްޑީސީގެ އިންސްޕެކްޓަރުން އެސަރަހައްދު ބަލަހައްޓާ ކަމަށެވެ.

" ވަރަށް ބޮޑު ސަރަހައްދެއް މީ. އަދި ވަރަށް ގިނަ ފްލެޓްތަކެއް މީ. އެހެންވީމަ ކޮންމެ ފްލެޓެއް ވަކިން ނުބެލެހެއްޓި ހިނގައިދާނެ. އެކަމަކު އެޗްޑީސީން ބަލަހައްޓަމުންދަނީ. އިތުރަށް ކުރެވޭނެ ކަންކަން ވެސް ބަލަމުން ގެންދަނީ" އެޗްޑީސީގެ މީޑިޔާ އޮފިޝަލް އަލީ މަޝާރު ވިދާޅުވިއެވެ.

މަސައްކަތްތަކުގެ ކޮންޓްރޯލް ބިދޭސީން އަތުގައި

ހިޔާފްލެޓްގެ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށްދާއިރު މުޅިތަންވަނީ ބިދޭސީ މަސައްކަތު މީހުނާއެކު ފުރިފައެވެ. މަސައްކަތްތައް ކުރަމުންދަނީ އެމީހުންނެވެ. އަދި އެމީހުން ބޭނުން ގޮތަކަށް ބޭނުން އަގުތަކެއްގައެވެ. ހިޔާ ޔޫނިއަނުން ބުނީ އެމީހުން މަސައްކަތް ކުރަމުންދާއިރު ގިނަ ގެއްލުންތަކެއް ވެސް ވަމުންދާކަމަށެވެ. އެގޮތުން އެތަނަށް އަރުވާ ތަކެތީގެ ސަބަބުން ލިފްޓު ހަލާކުވެދާނެތީ އެ ލިފްޓުގައި ޖަހާފައިވާ ފިލާގަނޑުތައް ވެސް މިހާރު ނައްޓާލާފައިވާ ކަމަށެވެ. އަދި މުޅި މަސައްކަތްތަކުގެ ކޮންޓްރޯލް އޮތީވެސް ބިދޭސީންގެ އަތްމަތީގައި ކަމަށް ވެސް ހިޔާ ޔޫނިއަން އިން ބުނެއެވެ. 

" ހުރިހާ މަސައްކަތް ތަކެއްގެ ކޮންޓްރޯލް އޮތީވެސް ބިދޭސީންގެ އަތްމަތީގައި. އެއްވެސް ރެގިއުލޭޝަނެއް ނެތް. ހުރިހާ ކަމެއް ހިންގަމުންދަނީ ބިދޭސީން ބޭނުންވާ ގޮތަކަށް" ހަމްދޫން ވިދާޅުވިއެވެ. 

your imageހިޔާފްލެޓުން ވިޔަފާރިއަށް ދީފައިވާ ދެ ފްލެޓެއް އެއްކޮށްލަނީ

ދާދިފަހުން ފްލެޓްގެ މަސައްކަތަށް މީހަކު ގެންދިޔަ ހުރިހާ ސާމާނެއް ވަގަށްވެސް ވަނީ ގެންގޮސްފައެވެ. މީޑިޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ އެމީހާގެ ތިންމަސްދުވަހުގެ މުސާރަ އެއްކޮށްގެން ގަތް ތަކެއްޗެވެ.

އެސަރަހައްދުގައި ރޭގަނޑު ކަރަންޓުގެ މައްސަލައަށްވެސް އަދިހައްލެއް އައިސްފައި ނުވެއެވެ. އެކަމާވެސް އެޗްޑީސީއާ ވާހަކަދައްކަމުން ގެންދާ ކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ. ހިޔާ ޔޫނިއަނުން ބުނީ ކަމާގުޅުންހުރި ހުރިހާ އެންމެނާވެސް އެޔޫނިއަނުން ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެކަމަކު މިހާރު އެސަރަހައްދު ވަނީ ކޮންޓުރޯލުން ނެއްޓި ބިދޭސީންގެ އަތްމަތީގައި ކަމަށެވެ. 

ސަރުކާރުން ހިންގާ މިފަދަ މަޝްރޫއުތަކުގެ ބޭނުމަކީ މިއީ ހެއްޔެވެ؟ ބޮޑު ކުއްޔެއް، ނަގައިގެން ހިންގާ މިފަދަ މަޝްރޫއު ތަކުގެ ސަބަބުން އެމީހުންނަށް އޮތީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ އިތުރު ތަކްލީފްތަކެއް ކުރިމަތިވާގޮތަށް މިފަދަކަންކަން ޕްލޭން ކުރެވިފައި ހުރުމުގެ ސަބަބުން ހީނުކުރާ ވަރުގެ ގެއްލުން ތަކާއި ދުއްތުރާ ތަކުގެ އިތުރުން ނުތަނަވަސްކަން ވެސް ދަނީ ކުރިމަތި ވަމުންނެވެ. މާދަމާ އެތަނަށް ވަދެ ނިދާލާއިރު ދެން ދިމާވާނީ ކޮންކަމެއް ބާވައެވެ؟  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް