ads
ރައީސްގެ ދެ ކަނބަލުން ށ އަދި ރ އަތޮޅަށް ފުރާވަޑައިގަތުން… ފޮޓޯ/ރައީސް އޮފީސް
ރައީސްގެ ދަތުރުފުޅުތައް: ކޮށްނުދެވި ހުރި ކަންކަމުގެ ވާހަކަތައް މަތިމައްޗަށް
ވަރަށް ގާތްގާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް ދަތުރުފުޅުތަކެއް ކުރައްވާ ފަ އެވެ. އެރަށްރަށަށް ދަތުރުފުޅުތައް ކުރައްވާފައިވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުގެ އިސްވެރީންނާވެސް އެކުއެވެ. ދަތުރުފުޅުތައް ފެއްޓެވިއިރު ބޯމަތިވެފައި އޮތް ގައުމީ އިންތިހާބެއް ނެތެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގެ އިންތިހާބު މިމަހު ފަހުކޮޅު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މިއީ، ފަޅިވެފައިވާ އެމްޑީޕީން ރައީސް ސޯލިހުގެ ފަޅިއަށް ގޮނޑި އިތުރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ވެސް ބުނާ އަޑު އިވެ އެވެ.
Advertisement

ރައީސް ސޯލިހުގެ ދަތުރުފުޅުތަކުގެ މަގުސަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ރަށްރަށުން އަންނަނީ ރައީސް ސޯލިހުގެ ސަރުކާރުން ނުކޮށްދެވި ހުރި ކަންކަމުގެ ވާހަކަތަކެވެ. ފުއްޕާ ހަންތަކަކާއެކު ބައެއް މީހުން ރަށްރަށުން ރައީސް ސޯލިހު އަށް މަރުހަބާ ކީކަމުގައި ވިޔަސް، ކައުންސިލްތަކުގެ އިދާރާތަކަށް ވަނުމުން ފެންނަނީ އެހެން މަންޒަރެކެވެ. އެމީހުންގެ ޝަކުވާތަކެވެ. ނުކުރެވި ހުރި ކަންކަމުގެ ވާހަކަތަކެވެ. 

ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެވޭނީ ކޮންއިރަކުންތޯއެވެ؟ ސިއްހީ ކަންކަން ހައްލު ކޮށްދެވޭނީ ކޮންއިރަކުންތޯއެވެ؟ އަންހެނުންގެ ކޮމިޓީއަކުގެ އެލަވަންސް ބޮޑުކޮށްދެވޭނީ ކޮންއިރަކުންތޯއެވެ. އަތޮޅު ކައުންސިލަށް ފަޅުރަށެއް ލިބިދާނެތޯ އެވެ؟ އަތޮޅުގައި ހުރި ރިސޯޓުތަކުގައި މަސައްކަތް ނިންމައި އަވަސްކުރަން ސަރުކާރުން ބާރު ނާޅުއްވަނީތޯ އެވެ؟ އަހަރެމެންގެ ރަށުގައި ވެސް އެއާޕޯޓެއް އަޅައިދޭންވީ ނޫންތޯއެވެ؟

އަންހެނުންގެ ކޮމިޓީގެ އެލަވަންސް

އޮގަސްޓުމަހު 18 ވަނަދުވަހު ރައީސް ވަނީ ތ. ކިނބިދޫއަށް ވަޑައިގެންފައެވެ. ރައީސްގެ އެދަތުރުފުޅުގައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އޭގެފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް ރަށްރަށުން އެމައްސަލަވެސް އައެވެ. އެކަމަށް އެދެނީ ކޮމިޓީތަކުންނެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައިގެ ގޮތުގައި ފިނޭންސުން ކަނޑައަޅާފައިވަނީ ރައީސަށް 3000 ރުފިޔާއެވެ. އަދި ނައިބު ރައީސަށް 2500 ރުފިޔާ ލިބޭއިރު ކޮމިޓީގެ މެންބަރުންނަށް ލިބޭނީ 2000 ރުފިޔާއެވެ. 

your imageރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުން

ރައީސް ސޯލިހު ތ، އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން  އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައިވާއިރު، ކޮމިޓީގެ މެންބަރުންގެ މުސާރަ އާއި ޢިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކޮމިޓީގެ މެންބަރުން ވަނީ ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ.

ކިނބިދޫގެ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް ދެއްވާފައެއްނުވެއެވެ. މީގެ އިތުރުން ވެސް އިގުތިސާދީގޮތުން ހުރި ފުރުސަތުތަކާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

 

އަލިފުށީގައި އަޅާ އެއާޕޯޓު އެހެން ރަށަކަށް ބަދަލުކުރުން

ރ. އަލިފުށީގައި އެއާޕޯޓެއް އަޅަން ރައީސް ނިންމެވީ ކުއްލި ގޮތަކަށް ކަމަށް ބުނެ ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ. އަލިފުށީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށް އެ އެއްބަސްވުމުގައި ސެޕްޓެމްބަރު 1 ވަނަ ދުވަހު ވަނީ ސޮއިކުރެވިފައެވެ. މިކަމާ ގުޅިގެން ރ. އަތޮޅުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.  

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތްތަކެއް މިހާރު ވަނީ ފަށާފައެވެ. ރ. ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ސީއެންއެމް އަށް ވިދާޅުވެފައިވަނީ އެ މަސައްކަތްތައް މިހާރު ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން އެމަސައްކަތުގައި ބައިވެރިވަނީ ރ. އަތޮޅުގެ ކިނޮޅަހާއި، ފައިނު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، މާކުރަތު، މީދޫ އަދި މަޑުއްވަރީ ރައްޔިތުންކަމަށް ކިނޮޅަހު ކައުންސިލުން ވަނީ ބުނެފައެވެ. 

ކިނޮޅަހު ކައުންސިލުން ބުނީ ރައީސް އެއަތޮޅަށް ވަޑައިގެން އެސަރަހައްދުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށް މީހުން ބުނަމުންދާކަމަށެވެ. އެހެންވެ އެއީ ރަނގަޅު ވާހަކައެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ. އަދި މިއީ މިމަސައްކަތްތަކުގެ ފެށުން ކަމަށާއި މިމަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

your imageރައީސް ރ އަތޮޅު ކައުންސިލާ ބައްދަލު ކުރައްވަނީ 

ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ ރައީސް އެސަރަހައްދަށް ވަޑައިގެން އެސަރަހައްދުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމުގެ އިޝާރާތް ކުރިން ދެއްވާފައިވާ ކަމަށެވެ. 

"އެހެން ވިދާޅުވެފައިވާތީއާއި އަދި ފަހުން އެވާހަކަފުޅު ދައްކަވާފައިނުވާތީ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ. އަލިފުށީގައި އެއާޕޯޓެއް އަޅާތީއެއް ނޫން. އެތަން އޮތުމުން ވެސް އަޅުގަނޑުމެންނަށް ފަސޭހަވާނީ. މަސައްކަތް ކުރިއަށް އެބަދޭ. ވޭތުވެދިޔަ ދެ ރޭ ކްލަބްހައުސްގައި ވެސް މަޝްވަރާ ކޮށްފައިވާނެ" ސޯދިގު ވިދާޅުވިއެވެ. 

މިއަހަރު ކުރީކޮޅު ރައީސް ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ރ. އަތޮޅުގެ ކައުންސިލްތަކާއި އޮންލައިންކޮށް ބައްދަލުވުމެއް ބޭއްވިއެވެ. އެބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެއަތޮޅުގައި އެއާޕޯޓު އަޅާނެ ވަކި ތަނެއް ނުނިންމަވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ރަށެއްގެ އެންމެނަށް އެންމެ ރަނގަޅު ގޮތަކަށް ނިންމަވާނެ ކަމަށެވެ.

ރ. އަލިފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއަޕޯޓުގެ ބަދަލުގައި އެ އަތޮޅު ފުއްސަރު ފަޅުގައި އެއާޕޯޓެއް އެޅުމަށް މަޑުއްވަރީ ކައުންސިލުން ރައީސް ސޯލިހަށް މިހާރު ވަނީ ހުށަހަޅުއްވާފަ އެވެ. 

ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އަޅާފައި އޮތަސް މަޑުއްވަރީއަކީ އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮންނަ ރަށަށް ވާތީ އިފުރާ ދުރު ކަމުގެ ކަންބޮޑުވުންފާޅުކޮށް އެއަތޮޅު ފުސްފަރުގައި އެއާޕޯޓް އެޅުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ސަބަބެއްކަމަށް ކައުންސިލުން ބުނަނީ ރަށާ ކައިރީގައި ރިސޯޓްތައް ތަރައްގީކޮށްފައި އޮތުމެވެ. 

އަތޮޅު ކައުންސިލަށް ފަޅުރަށެއް 

އަތޮޅުކައުނސިލްގެ ކަންކަން ހިންގުމާއި އަތޮޅުގައި ކައުންސިލުން ހިންގަންޖެހޭ ކަންކަމަށް ބޭނުންކުރާނެ ރަށެއް އަތޮޅުން ލިބިދިނުމަށް ރައީސަށް ފުރަތަމަ ހުށަހެޅި ގއ. އަތޮޅު ކައުންސިލުންނެވެ. އެއީ ރައީސް އޮފީހުގައި ބޭއްވުނު ބައްދަލު ވުމެއްގައެވެ. އެހެން ނަމަވެސް އެފަހަރު ރައީސް ދެއްވި ޖަވާބަކީ ރިސޯޓުތަކުން ލިބޭ ނަފާގެ 40 އިންސައްތަ މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ގއ. އަތޮލޫ ކައުންސިލުން ބުނަނީ އެކަމަށް އުންމީދު ކުރާ ކަމަށެވެ. 

ރ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ރ. އަތޮޅު ކައުންސިލުން ވެސް އެދުނީ ކައުންސިލަށް ފަޅުރަށެއް ލިބޭގޮތް ވުމެވެ. ރައީސްގެ މިދަތުރުފުޅުތަކަކީ ރައްޔިތުންގެ ޑިމާންޑްތައް ގިނަ ދަތުރުފުޅުތަކެކެވެ. ބައިވަރު ކަންކަމުގައެވެ.

ރައީސް ސޯލިހުގެ ޕާޓީ، އެމްޑީޕީ އަކީ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގައި ރައްޔިތުން ބާރުވެރިކުރުމަށް ގޮވާލާ ޕާޓީއެކެވެ. ރައްޔިތުންގެ ސުވާލުތަކަށް ރައީސްގެ ޖަވާބަކަށްވަނީ ކަންކަން ބައްލަވާނެ ކަމަށާއި، ކުރައްވާނެ ކަމަށާއި، އަދި އިތުރު ކަންކަންވެސް ކުރައްވާނެ ކަމަށެވެ. މާބޮޑު ބަހުސްތަކަކަށް ވަޑައިގަންނަވާ ތަނެއް ނުފެނެވެ. 

އެހެނިހެން ކަންކަން

ރ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެ ގޮތްވުމާއި، އަތޮޅަށް ސްޕީޑްފެރީގެ ހިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައް ހިމެނެއެވެ. 

މީގެ އިތުރުން އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު މަގުތައް ހެދުމާއި އެރަށުގައި ހަދާފައިވާ އިސްލާމީ މަރުކަޒު ނުހުޅުވި ލަސްވާ މައްސަލައާ އަދި އުނގޫފާރުގެ ތަރައްގީއަށް މުހިންމު އިތުރު ކަންކަމާބެހޭގޮތުން ވެސް މިބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި މަޝްރޫއުތަކާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތުތައް ކައުންސިލުގެ މެންބަރުންނާއި ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ހައްލެއް ހޯއްދަވަން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. 

އެންމެފަހުން ރައީސް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ވަނީ މާލެއަށް ވަޑައިގަނެފައެވެ. ރައީސަށް ނޭނގޭ ކަމެއް ރަށްރަށުގައި ހިނގަމުން ނުދާނެއެވެ. އެހެންނަމަވެސް ގައުމީ އާދަކާއިދައިގެ ދަށުން ކޮންމެ ރައީސަކުވެސް ރަށްރަށަށް ވަޑައިގަންނަވައެވެ. 

ރައީސް މިފަހަރު ކުރެއްވި ދަތުރުފުޅުގެ ނަތީޖާ އަކަށް ވާނީ ކޮންކަމެއް ބާވައެވެ. އެއާޕޯޓު އަލިފުށިން އެހެން ރަށަކަށް "އުދުހިގެން" ހިނގައިދާނެ ހެއްޔެވެ؟ ނުވަތަ އިތުރު އެއާޕޯޓެއް "އުދުހިގެން" އެއަތޮޅަށް އަންނާނީ ހެއްޔެވެ؟ ދެންހުރި ކަންކަމުގެ ވާހަކަތައްވެސް ގާތުން ބައްލަވާނެތާ އެވެ. ހެޔޮބަދަލުތަކެއް ގެނެވިއްޖެނަމަ ރަނގަޅެވެ. މުހިއްމީ ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަ  ދިނުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް