ސަލާމަތީ ބާރުތަކުން ޓީވީއެމްއަށް 2012ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު ފުލުހުންނާއި ސިފައިންވެސް އެއްވެ، ސަލާމަތީ ބާރުތަކުން ޓީވީއެމްއަށް ވަދެގަންފައިވަނީ އެތަނުގެ ގޭޓު ތަޅަށް ހަމަލާ ދިނުމަށްފަހުއެވެ.
ޓީވީއެމްގެ އެތެރެއަށް ވަދެގަނެ އޮންއެއަރ ކޮންޓްރޯލްކޮށް ޓީވީއެމްގެ އެވަގުތު ގެނެސްދެމުންދިޔަ ފީޑު ކަނޑާލުމަށްފަހު ސަލާމަތީ ބާރުތަކުން ޓީވީއެމުން ބްރޮޑްކާސްޓު ކޮށްފައިވަނީ ވީޓީވީއިން ވަގުތުން ދައްކަމުންދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފީޑެވެ.
ވެރިކަން ހިންގާ ޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި ފެންނަ އިބްރާހިމް ރަޝީދު މޫސާ (ގެވަޅު ބްރޯ) އެކުގައި ބޮންޑޭ އިސްކޮށް ހުންނަވާ، އިންތިގާލީ އޮފީހަށް މާދަމާ ހުށަހަޅާ އެ މައްސަލައިގައި ބުނެފައިވަނީ، ފެބްރުއަރީ ހަތްވަނަ ދުވަހު ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާއި އަދި ދިވެހި ދައުލަތާއި ދެކޮޅަށް ބަޔަކު ނުކުމެ ގާނޫނު އަސާސީ އާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރު ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމުގެ ގޮތުން ދައުލަތުގެ މީޑިޔަ ހިންގަމުން ގެންދިޔަ އިމާރާތް ކަމުގައިވާ ޓެލެވިލްޒަން އޮފް މޯލްޑިވްސް (ޓީވީއެމް) ނުވަތަ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެމްއެންބީސީ) އިމާރާތުގެ ގޭޓަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ޔުނިފޯމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު ވަނީ އެ އިމާރާތަށް ޓެރަރިސްޓް ހަމަލާއެއްދީފައި ކަަމަށެވެ. އަދި ތަނުގައި ތިބި މުވައްޒަފުން
ރަހީނުކޮށް، ދައުލަތުގެ މީޑިޔާގެ ލައިވް ފުރީކުއެންސީ ހުއްޓާލައި، ވީޓީވީ ދައުލަތުގެ މީޑިޔާގެ
ފުރީކުއެންސީގައި ދައްކާފައިވާ ކަމަށެވެ.
ރަހީނު ކޮށްގެން ކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭތީ، މިމައްސަލަ އިންތިގާލީ އިންސާފުގެ އޮފީހުން ބައްލަވައިދެއްވުން އެދި އަޅުގަނޑުމެން ހުށައަޅަމެވެ" މާދަމާ ހުށަހަޅަން ނިންމާފައިވާ އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
އެއިމާރާތް ހިސޯރު ކުރުމުގައި އިސްވެ އުޅުއްވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުގެ
ކުރިން އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ހުންނެވި، އަދި ބަޣާވާތުގެ މޭޒްތެރިޔާގެ ގޮތުގައި ތުހުމަތު ކުރާ ޑރ.
މުހައްމަދު ވަހީދު ހަސަން މަނިކު ނަމަކަށް ކިޔުނު ބޭފުޅާގެ ކޮއްކޮ އަލީ ވަހީދު ކިޔުނު ބޭފުޅެއް ކަމަށް ހެކިވެރިންގެ މައުލޫމާތުން ސާބިތުވާކަމީ އެކަމުގައި ސައްކެއް ވަސްވާހެއް އަދި ވަހުމެއް ނޫފެދޭ މިންވަރަށް ސާބިތުވާ ކަމެއް ކަމަށްވެސް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
އެ ހުށަހެޅުމުގައި އިތުރަށް ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ރައީސުލް ޖުމްހޫރިއްޔާގެ އޯޑަރު ތަކަށް ބޯލެބުމެއް ނެތި، ދައުލަތުގެ މުދަލަށް ނުހައްޤުން ގެއްލުން ދިނުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށާއި، ހަމަ އެޔާއި އެކު ރައްޔިތުންގެ މުދަލާއި ފުރާނައާއި މި ޤައުމުގެ ވަހުދަތާއި އިސްތިޤްލާލް ނަގަހައްޓަން މައިރަސްކަލާންގެ ހަޒުރަތައް ހުވައެއް ކޮށްގެން ތިބެ ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ރަހީނު ކުރުމަކީ ޤާނޫނީ ބޮޑު ކުށެއް ކަަމަށެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.