އެއީ މީގެ ގާތްގަނޑަކަށް 59 އަހަރުކުރިން، 1962ގެ ކުރިން ރާއްޖެ ހިނގަމުން އައި ގޮތެވެ. މަރުކަޒީ ސަރުކާރުގައި ސަލާން ޖަހާކަން އޭރުނުޖެހެ އެވެ. "ފެޑެރަލް ނިޒާމެ"ކޭ ނުކިޔަސް ފެޑެރަލް ނިޒާމަކުން ލިބޭ ހުރިހާމިނިވަންކަމެއް ލިބިގެން ރައްޔިތުންގެ ތިބީ ހައްގު މިންވަރު ހޯދައިގެންނެ އެވެ.
މިއީ އޭގެ 59 އަހަރު ފަހެވެ. ރަށުން ގޯއްޗެއް ކަނޑާލެވެނީ ވެސް މަރުކަޒީ ސަރުކާރުގައި އާދޭސްކޮށް އެތައް ދުވަހެއްގެ އިންތިޒާރުގަ ތިބޭ ފަހުންނެވެ. މިސްކިތުގައި ހުރި ބޮކި ވެސް ބަދަލު ކުރެވެނީ އެހާލުންނެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. އަތޮޅުންނާއި ރަށުން ނިންމޭ ކަންތައްތައް އިންތިހާއަށް މަދުވި އެވެ. މާލޭގައި އޮތް މައި ސަރުކާރުގެ ބަހެއް ނުލިބި ކުރެވޭ އެއް ކަމެއް ވެސް ނެތް ފަދަ އިހުސާސްތައް މީހުންގެ ހިތުގައި ހިނގަން ފެށި އެވެ. އެ ހާލުގައި އުޅެނިކޮށް ދެން ދިވެހިން ކުރިމަތިލީ މާ މޮޅު ޒަމާނީ ގާނޫނު އަސާސީ އަކާ އެވެ.
އެ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގައި ވަނީ " ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުންނެވެ." މިގޮތަށް އާ ގާނޫނު އަސާސީގައި ކަނޑައެޅުނު ދުވަހު މަޖިލީހުގެ ތަޅުމުގައި އުފާފާޅުކޮށް އަތް ޖެހި އެވެ. ހީވީ މާ ބޮޑު ކާމިޔާބީއެއް ދިވެހިންނަށް ލިބުނު ހެންނެވެ. ދުވަހަކު ވެސް ނުލިބޭ ފަދަ މިނިވަންކަމަކާއި ކާމިޔާބީއެއް އެ ދުވަހު ލިބުނު ކަމުގެ އުފާ ތަޅުމުގައި ބައެއް މެމްބަރުން ފާޅު ކުރި ނަމަވެސް ސުވާލަކީ އެ މާއްދާ އެގޮތަށް އޮވެ ފާސްވެގެން ކިހާވަރެއްގެ މިނިވަންކަމެއް ނުވަތަ ރަށްރަށުގެ ރައްޔިތުންގެ ކަންކަން އެ މީހުން ބޭނުންވާގޮތަށް ނިންމަން ލިބުނީ ކިހާ ވަރަކަށްތޯ އެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ކަނޑައަޅައި، އާ ގާނޫނު އަސާސީއަށް ގައުމު ހިންގަން ފެށިތާ މިއަހަރަށް 13 އަހަރު ފުރުނު އިރު ވެސް ރަށްރަށުން ކުރާ ޝަކުވާތައް މަދެއްނުވި އެވެ. އަދި ވެސް ޝަކުވާތައް ދަނީ އޮހެމުންނެވެ.
އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ވެރިކަން ކުރަން ފުތަރަމަ ލިބުނީ މިހާރުވެސް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީކަމަށްވާ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށެވެ. ރައީސް ނަޝީދުގެ ވެރިކަން ދައުރު ހަމަވުމުގެ ކުރިން އެންމެ ތިން އަހަރުތެރޭގައި ވެއްޓިގެންދިޔަ އިރު ވެސް ރައްޔިތުންގެ ޝަކުވާތަކަށް މާ ބޮޑުތަނުން ހައްލެއް ލިބިފައެއްނުވެ އެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދައްކަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ންނެވެ. ކެމްޕޭންތަކާ ދިމާކޮށް އެޕާޓީން ވިއްކާ އެންމެ ބޮޑު އެއްވާހަކައަކީ އެވާހަކައެވެ. 2008ގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ފެށިގެން އައިއިރުވެސް ރައްޔިތުން އެންމެ ބޮޑަށް އުންމީދު ކުރި ކަމަކީވެސް އެއީ އެވެ. އެކަމަކު ސުވާލަކީ މިއަދާ ހަމައަށް އައިއިރުވެސް ރައްޔިތުންނަށް ރައްޔިތުންގެ ކަންކަން ގާތުން ނިންމާލުމުގެ ފުރުސަތު ލިބިފައި އެބައޮތްތޯއެވެ؟ ލިބިފައިވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ޖަވާބުގައި ބުނަން ޖެހެނީ ދެއްކި ވާހަކަގެ ސަބަބުން ރައްޔިތު މީހާ އުއްމީދުކުރި ވަރާ ގާތަށް ވެސް ލާމަރުކަޒީ ކުރުމުން ލިބޭނޭކަމަށް ބުނާ ބާރުތައް ރައްޔިތުންނަށް ލިބިފައި ނެތެވެ. މިކަމަކީ ވަކި ޕާޓީއެއް ބުނީތީ ރަނގަޅުވާ ނިޒާމެއްވެސް ނޫނެވެ.
ދާދިފަހުން ރައީސް ނިންމެވި ނިންމެވުމެކެވެ. ރ.އަތޮޅު އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމެވިއެވެ. އަލިފުށީގައި އެއާޕޯޓެއް އަޅަން ރައީސް ނިންމެވީ ކުއްލި ގޮތަކަށް ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކަން ފެށިއެވެ. އެރަށުގައި 451 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއު އެއްގެ ދަށުން އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށް އެ އެއްބަސްވުމުގައި ސެޕްޓެމްބަރު 1 ވަނަ ދުވަހު ވަނީ ސޮއިކުރެވިފައެވެ. އެ އެއާޕޯޓް އަޅަން އެއްބަސްވުމުގައި ސޮއި ކުރި ދުވަހުން ފެށިގެން ރ. އަތޮޅުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެހިޔާލު ތަފާތުވުން ތަކާއެކު އެއް ބަޔަކު ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތްތަކެއް އޭރު ފެށި އެވެ. އެމަސައްކަތުގައި ބައިވެރިވަނީ ރ. އަތޮޅުގެ ކިނޮޅަހާއި، ފައިނު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، މާކުރަތު، މީދޫ އަދި މަޑުއްވަރީ ރައްޔިތުންކަމަށް ރ. ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވި އެވެ.
ކިނޮޅަހު ކައުންސިލުން ބުނީ ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށް ބާރު އެޅުމުގެ މަސައްކަތް ކުރަނީ ގިނަ ރަށްރަށަށް އެކަމުން ލިބޭ ފައިދާ ބޮޑުވުމުންކަމަށާއި އެއާޕޯޓެއް ނެތުމުން އުފުލަން ޖެހޭ ތަކުލީފު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަލިފުށީގައި އެއާޕޯޓެއް އަޅަން ރައީސް ސޯލިހު ނިންމި ނިންމުމާ މެދު ރ. އަތޮޅުގެ ދެކުނު ބިތުގެ ރައްޔިތުންގެ ކަން ބޮޑުވުން އޮތީ އެ މީހުންގެ ހިޔާލެއްވެސް ނެތި ވާނުވާވެސް އެ މީހުންނަށް އެނގުމަކާ ނުލައި ނިންމީމަ އެވެ.
މިއީ މަރުކަޒީ ސަރުކާރުން ކަންކަން ނިންމުމުން ދިމާވެފައިވާ ކަމެކެވެ. ސަރުކާރުގައި އޭރަކު ތިބޭ ބައެއްގެ ނިންމުން ތަންފީޒުވެގެންދަނީ އެސަރަހައްދެއްގެ ރައްޔިތުންގެ ކެކުޅުންތަކަށް މާބޮޑު ތަސައްލީއެއް ނުލިބިއެވެ. ބަސް ބުނުމުގެ މިނިވަންކަން އޮތަސް ކަން ނިންމުމުގެ ބާރެއް ނޯވެއެވެ. ކަން ނިންމަނީ މައި ސަރުކާރުންނެވެ. ހަގީގަތުގައި ވެސް އެ ސަރަހައްދަށް އެންމެ މަންފާ ބޮޑުގޮތަކީ އެއީ ކަމަށްނުވެ ހިނގައިދާނެ އެވެ. މިއީ ލާމަރުކަޒީ ސަރުކާރުގެ ބާރުތައް މާ ބޮޑުވުމުން ނިކުންނަ ހިޔާލު ތަފާތުވުންތަކެެވެ. މިއީ ލާމަރުކަޒު ކުރުމެއް ކަމަށް ނުވެދާނެ އެވެ. އެ ގޮތަށް އެކަންވާއިރު ނަމަކަށް ލާމަރުކަޒީ ކުރުމުގެ ބޭނުމެއް އެބަ އޮތްތޯ އެވެ.
ސުވާލަކީ ކައުންސިލތްތައް ނުވަތަ އަތޮޅުތަކުގެ ރައްޔިތުން ބޭނުން ނުވާ ގޮތްގޮތަށް ކަންކަން ނިންމަން ޖެހެނީ ކީއްވެހެއްޔެވެ؟ އަތުގައި އޮތް ބާރެއް ދޫނުވެގެން އުޅެނީ ކީއްވެހެއްޔެވެ؟ ދާދި ފަހުން ރަށްރަށަށް ރައީސް ކުރެއްވި ދަތުރުފުޅުންވެސް ފެނުނީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސަގާފަތެވެ. ވެރިން އަރިހު ރައްޔިތުން ކަންކަމު ދަންނަވާ މަންޒަރެވެ. ދަންނަވަ ދަންނަވާ ތިބެންވީއެވެ. ކޮށްދެއްވާނީ، ކޮށްދެއްވަން ފެނިވަޑައިގެންނެވީމައެވެ. ރަސްކަމުގެ ޒަމާނާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ރަސްކަލަކަށް ހުންނަ މީހާވެސް ކަން ކޮށްދެއްވާނީ އެ ރަސްކަލަކަށް އެކަން އެއީ މުހިއްމު ކަމަކަށް ފެނުނީމައެވެ.
ކަން މިހެން އޮތުމުގެ ސަބަބުން ކޮންމެ ކޮންމެ ސަރުކާރެއް އަޔަސް ރައްޔިތުންނަށް ލިބެނީ ކުޑަބާރެކެވެ. އެމީހުންނަށް ސީދާ އެމީހުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ބާރެއް ނުލިބެއެވެ. ދިވެހި ރާއްޖެއަކީ ކުދިކުދި ގިނަ އަތޮޅުތަކަކަށް ބެހިފައިވާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. ރަށްތަކެއްގެ މައްޗަށް އެކުލެވޭ ވިއްސަކަށް އަތޮޅެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ކަންކަން ހިނގަމުން މިއަންނަނީ މަރުކަޒީ ނިޒާމެއްގެތެރެއިންނެވެ. މައިސަރުކާރުން ކަންކުރަމުންގެންދާގޮތަށެވެ. އެއާދަކާދައިގެ މަތިން މިއަދާ ހަމައަށް އައިއިރުވެސް އެކަން އަދި މިވަނީ ބަދަލެއް ނުގެނެވި އެވެ. އަތޮޅުތަކުގައި ހުންނަ ފަޅުރަށްތައްވެސް ހުންނަނީ މައިސަރުކާރުން ބޭނުން މީހަކަށް ދީފައެވެ. އެމީހާގެ ކިބައިން އެހެން މީހަކަށް ދެވެއެވެ. އަދި އެގޮތަށް ފަސް ހަ މީހެއްގެ ކިޔޫއެއް ހެދޭގޮތަށް ރަށްތައް ދެވިފައިވެސް ހުއްޓެވެ. މައިސަރުކާރުގެ ބާރުގައެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނަނީ "ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީ ވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުންފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ." މިއީ ލާމަރުކަޒު ކުރުމުގެ ބޭނުން ކަމަށް ގާނޫނުގައި ބުނާ ގޮތެވެ. އެކަމަކު ފުރިހަމަ މާނައިގައި އެކަމެއް ނުކުރެއެވެ.
އެހެން މިސާލެކެވެ. ދާދި ފަހުން ރައީސްގެ އަރިހުގައި ގއ.އަތޮޅު ކައުންސިލާއި ، ރ. އަތޮޅު ކައުންސިލުން އެދުނީ އެ އަތޮޅު ކައުންސިލްތައް ހިންގުމަށް ފަޅުރަށެއް ދެއްވުމަށެވެ. އެހެންނަމަވެސް ރައީސްގެ ޖަވާބަކީ "ހިމޭން"ކަމެވެ. ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމަށާއި ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންގޮތަކަށް އެކަމެއް ނިންމާލައި އަސްލު ހައްގުވެރިންގެ ބަހަކާއި ބާރެއް ނުހިނގަ އެވެ. ފެޑެރަލް ނިޒާމެއް އޮންނަން ޖެހެނީ އެހެންވެގެންނެވެ.
ލާމަރުކަޒީކޮށްގެން ގައުމު ހިންގަން އުޅޭތާ 13 އަހަރުވީ އިރު ވެސް ރައްޔިތުން ބޭނުންވި ކަންކަން ހާސިލެއްނުވި އެވެ. ލާމަރުކަޒީ ކުރަނީ ނަމަކަން ނޫން ކަމަކަށް ނުވި އެވެ. އެހެންކަމުން ނަމަކަށް ލާމަރުކަޒީ ކުރުމުގެ ބަދަލުގައި މި ގައުމުގެ އަސްލު ހައްގުވެރިންނަށް އެ މީހުންގެ ހައްގު ދެވޭނެ ނިޒާމަކަށް ވަނީ ބޭނުންވެފަ އެވެ. ރައްޔިތުންގެ ކަންކަން ރައްޔިތުން ކައިރިން ނިންމުމަށެވެ. އާދޭސް ކުރުމުގެ ނިޒާމް ދޫކޮށްލުމަށެވެ. އެކަންވާނީ އެކަން ކުރުމުގެ ހިތްވަރެއް ހުރެގެންނެވެ. ފެޑެރަލް ނިޒާމަކީ ބާރުތައް ސަރަހައްދުތައް ދީގެން އެސަރަހައްދެއްގެ ކަންކަން އެސަރަހައްދަކުން ނިންމާ އުސޫލެކެވެ. މުހިއްމު ބައެއް ކަންކަން ނިންމުމަށް އެމީހުންގެ އަމިއްލަ އުސޫލުތަކަކާއި ގަވާއިދުތަކެއް ހަދައި ހިންގުމުގެ ބާރުތައްވެސް ދިނުމެވެ.
އެކަން ކުރެވޭނެ ގޮތްތައް މިހާރު ފަހި ކޮށްދީ އެފުރުސަތު ހުޅުވާލުމަކީ އެންމެ ފަސޭހަ އަދި ތަރައްގީ އަށް އެޅޭނޭ މުހިއްމު ފިޔަވަޅެކެވެ. ބޭނުންވަނީ އެކަން ކުރުމުގެ ހިތްވަރެވެ. އެގޮތަށް އެކަން ނުކުރުމުން ލިބޭ ގެއްލުން ބޮޑެވެ. ކުޑަ މިސާލެކެވެ. މާލޭގައި މިއޮތް ތޮއްޖެހުމެވެ. ރާއްޖޭގެ ރަށްރަށް ހިންގުމުގެ ބާރު ސަރަހައްދުތަކަށް ދިނުމުން މާލެއަށް މިއޮތް ތޮއްޖެހުމުގެ ބިރު މުޅިން ފިލައިގެން ދާނެއެވެ. އިޖްތިމާއީ އެތައް ކަމެއް ހައްލުވާނެއެވެ. ގައުމުގައި ހަމަޖެހުމާއި މަސަލަސްކަން ގާއިމް ވެގެންދާނެއެވެ. ރައީސް ވަޑައިގެންނެވުމުން މިހާރު އެ އޮއްސާލާ ޝަކުވާތައް އިންތިހާއަށް މަދުވެ މިހާރަށްވުރެ ލާމަރުކަޒީވެގެންދާނެ އެވެ.