ads
އާރިޔާނާ: ބޭނުން ވަނީ ލަވަކިޔައިދީގެން މީހުން އުފާކުރުވަން
ފިލައިގެން ދާންޖެހުނީ މަރަށް ބިރުން: އަފުޣާނިސްތާނުގެ ޕޮޕް ލަވަކިއުންތެރިޔާ އާރިޔާނާ
ތާލިބާނުންގެ ބާރުގެ ދަށަށް އަފުޣާނިސްތާނު ދިއުމުން އަމިއްލަ ވަޒަނުން އެންމެ ކުރިން ފިލައިގެން އެހެން ގައުމަކަށް ހިޖުރަ ކުރަން ޖެހުނު މީހުންގެ ތެރޭގައި އަފުޣާނިސްތާނުގެ ޕޮޕް ލަވަކިއުންތެރިޔާ ދުނިޔެއަށް މަޝްހޫރު އާރިޔާނާ ސަޢީދު ވެސް ހިމެނެއެވެ.
Advertisement

"އަހަރެން އަވަސް އަވަހަށް ގައުމުން ބޭރުވާން ޖެހުނީ ޠާލިބާނުންގެ އަތްދަށު ވެއްޖެނަމަ އަހަރެން މަރާލާނެކަން ޔަގީންވާތީ." އާރިޔާނާ ބުންޏެވެ. "ލަވަކިއުމަކީ ޠާލިބާނުން މަރުހުއްދަ ކުރާ ކަމެއް. އަދި ގައުމުގެ ލަވަކިއުންތެރީންގެ ތެރެއިން ޠާލިބާނުންގެ މަރު ލިސްޓުގެ އެންމެ ކުރީގައި އަހަރެންގެ ނަން ހިމެނޭ."

އޭނާ ގިނައިން ކިޔާފައި ވަނީ ޕާޝިއަން/ދަރީ އަދި ޕުޝްތޫ ލަވައެވެ. އަފުޣާނިސްތާނުގެ އެންމެ މަޝްހޫރު މިއުޒިކީ ފަންނާނުގެ ތެރޭގައި އޭނާ ހިމެނެއެވެ.

އާރިޔާނާ މަޝްހޫރުވެފައި ވަނީ ލަވަކިއުންތެރިއެއްގެ ގޮތުގައެވެ. އޭގެ އިތުރަށް އޭނާއަކީ ގައުމުގައި ވަރަށް މަގުބޫލު ޓީވީ ތަރިއެކެވެ. އެއީ ބޭރު ގައުމުތަކުގައި މިއުޒިކު ކުޅެ ޝޯ ބާއްވާ މަޝްހޫރު ތަރިއެކެވެ. އޭނާއަށް ވަނީ ލަވަ  ކިއުމުގެ ރޮނގުން އެކި ފެންވަރުގެ ވަރަށް ގިނަ އިނާމުތައް ލިބިފައެވެ.

ކާބުލްގެ އެންމެ ބޮޑު ސްޓޭޑިއަމްގައި އަފުޣާނިސްތާނުގެ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި މިއުޒިކާއި ކުޅިވަރުގެ އީދެއް ބާއްވަން ރޭވިއެވެ. ނަމަވެސް އަފްޣާނިސްތާނުގެ ދީނީ އިލުމުވެރިން އެކަމާ ދެކޮޅު ހަދައި ބަޔާނެއް ނެރުމުން ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ އީދު ފާހަގަ ނުކުރާ ގޮތަށް ސަރުކާރުން ނިންމިއެވެ.

އަފުޣާނިސްތާނުގެ ޢުލަމާ ކައުންސިލްގެ ވެރިޔާ އަދި ކާބުލް ޕްރޮވިންޝަލް ކައުންސިލްގެ މެންބަރު ޢަޠާއުﷲ ފައިޒާނީ ވިދާޅުވި ގޮތުގައި މިއުޒިކާއި ލަވަޔާއި ނެށުމުން ޒުވާނުންނަށާއި މުޖުތަމިއަށް ކުރާނީ ނޭދެވޭ އަސަރުތަކެވެ.

އާރިޔާގެ މިއުޒިކު ކޮންސެޓުތައް މީގެ ކުރީން ވެސް އެތައް ފަހަރަކު ކެންސަލްކޮށްފައެވެ. ދީނީ އިލުވެރިން އެތައް ފަހަރަކު ވަނީ އޭނާގެ ކޮންސެޓާ ދެކޮޅު ހަދައި އެކަން ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.

އަފުޣާނިސްތާނުގައި ދީނީ ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރާ ބައެއް އިލުމުވެރިން ވިދާޅުވާ ގޮތުގައި މިއުޒިކަކީ "ހަރާމް" އެއްޗެކެވެ. މަނާކަމެކެވެ. މިއުޒިކާއި ނެށުމާއި ލަވަކިއުމާއި ދުރުވާންޖެހެއެވެ.

ގަޔަށް ބާރު ހެދުމާއި ނިވައިކަން ކުޑަ ހެދުން ލައިގެން ނެށުމާ ދެކޮޅަށް ވާހަކަދައްކާ މީހުންގެ އަޑާއި އެމީހުން ދައްކާ ވާހަކަތަކުގައި ވަރަށް ބޮޑު ބަރުދަނެއް ހުރެއެވެ.

ނަތީޖާއަކަށް ވެފައި ވަނީ އަފުޣާނިސްތާނު ފަދަ މުސްލިމު ގައުމެއްގައި ބިރަކާ ނުލައި މަޖާކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމެވެ. އަދި އެފަދަ ކަންތައް ކުރާ މީހުންނަށް ހަމަލާ ދީފާނެކަމުގެ ބިރާ އަބަދުވެސް އޮންނަނީ ކުރިމަތިލާން ޖެހިފައެވެ.

މުސްލިމު ގައުމެއްގައި ނިވައިކަން ކުޑަ ހެދުމެއްގައި އަންހެނުން ބިރަކާ ނުލައި މަޖާކުރުމަކީ ވަރަށް ގިނަ ބަޔަކު ދެކޮޅު ހަދާ ކަމަކަށްވާތީ އަބަދުވެސް އާރިޔާނާއަށް އޮންނީ މަރުގެ ބިރާ ކުރިމަތިވެފައެވެ. އޭނާގެ ސަލާމަތީ ކަންކަން އޮންނަނީ ވަރުގަދަ ކުރަންޖެހިފައެވެ. އާރިޔާނާ އަކީ ޝައިޠާނެއްކަމުގައި ދެކެނީ މިއުޒިކާއި ލަވަޔާއި ދެކޮޅު މީހުންނެވެ.

އާރިޔާނާ ގަބޫލު ކުރާ ގޮތުގައި ލަވަޔާއި މިއުޒިކާއި ނެށުމުގެ ކޮންސެޓުތައް ބޭއްވުން އެއްވެސް ބަޔަކަށް ނުހުއްޓުވޭނެއެވެ.

"އަހަރުމެން އެއްވެސް ކަމެއް ގޯސްކޮށް ނުކުރަން." ވަރަށް ހިތްވަރުގަދަ ރާގަކަށް ލަވަކިއުންތެރިޔާ އާރިޔާނާ ބުންޏެވެ. "އަހަރުމެން އެންމެން ބޭނުންވަނީ މީހުން އުފަލުގައި ބައިތިއްބަން."

ނަމަވެސް އަފުޣާނިސްތާނުގެ އެތައް މިލިއަން ބަޔަކު ގަބޫލުކުރާ ގޮތުގައި އާރިޔާނާގެ އަމަލުތަކުން ފެންނަނީ  ދީނީ އަސާސްތަކާ ޚިލާފު އިސްލާމީ ސަގާފަތާ ދެކޮޅު ކަންތައްތަކެވެ.

އެއްފަހަރަކު ގައިގެ ކުލަހުރި ގަޔަށްބާރު ހެދުމެއް ލައިގެން އާރިޔާނާ ލަވަކިޔައި ނަށައި ހެދުމުން ވަރަށް ގިނަ ބަޔަކު އޭނާއާ ދެކޮޅަށް އަޑުއުފުލައި ރުޅިވެރިކަން ފާޅުކުރިއެވެ.

އެކަމާ ގުޅިގެން އާރިޔާނާ ވަނީ އެ ހެދުމުގައި ހުޅުޖަހައި ރޯކޮށް އަންދާލާފައެވެ.

އާރިޔާނާ އަފުޣާނިސްތާނުން ބޭރަށް ދިޔައީ އެމެރިކާގެ ފުލައިޓެއްގައެވެ. އޭނާ ފުރަތަމަ ދިޔައީ ތުރުކީއަށެވެ. ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމަށްފަހު ގައުމުން ބޭރަށް ދެވުމުން ހިތްހަމަޖެހިފައި ވާކަމަށް އޭނާ ވަނީ ބުނެފައެވެ.

އަފުޣާނިސްތާނު ފަދަ މުސްލިމް ގައުމެއްގައި އަންހެނަކު "އޮރިޔާން" ހެދުން ލައިގެން ނަށައި ލަވަކިޔައި ހެދުމަކީ ހެއުލަފާ މުސްލިމުން ރުހި ގަބޫލުވާނެ ކަމެއް ނޫންކަން އާރިޔާނާ އަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އޭނާގެ ބޮލަކަށް ނުވަނެވެ.

އުމުރުން 36އ ވީ އާރިޔާނާ މިވަގުތު އުޅެމުން ދަނީ އެމެރިކާގެ ލޮސް އެންޖެލްސްގައެވެ. ރެފިއުޖީއެއްގެ ގޮތުގައެވެ.

މަރަށް ބިރުން އަމިއްލަ ވަޒަން ދޫކޮށް އެމެރިކާއަށް ހިޖުރަ ކުރި އާރިޔާނާގެ މުސްތަގުބަލު އޮތީ ކިހިނެއްކަމެއް އޭނާއަކަށް އަދި އެހެން މީހަކަށް ނޭގެއެވެ. ނަމަވެސް އަފުޣާނިސްތާނުން އޭނާއަށް ކުރިމަތިވި ނުރައްކަލާއި ލިބުނު މަގުބޫލުކަން އެމެރިކާއިން ލިބޭނޭކަމާ މެދު ޝައްކެވެ.             

އަފުޣާނިސްތާނުގެ އެއްބަޔަކަށް އެއީ އަލިގަދަ ތަރިއެކެވެ. އަނެއްބަޔަކަށް އޭނާއަކީ ޝައިޠާނެކެވެ.     

އެނގޭހާވެސް އެއްޗަކީ މަރަށް ބިރުން އަފުޣާނިސްތާނުން ފިލި އާރިޔާނާއާ މަރު އައިސް ބައްދަލު ކުރާނޭކަމެވެ.

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
78%
ވަރަށް ސަލާމް
ކޮމެންޓްސް