އެ ކައުންސިލުން ބުނީ ރަސްފަންނު މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާކަމަށެެވެ. އެކަން އެހެންވެފައިވަނީ ރަސްފަންނު ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއެއް ފަޅައިގެން ގޮސްގެން ކަމަށް ކައުންސިލުން ބުނެއެވެ.
އެ ސަރަހައްދުގެ މޫދަށް ގިނަ އަދަދަކަށް ކަޅު ތެޔޮ ޖަމާވެފައިވާތީ އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ކުރަމުންނެވެ.
ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާތީ އެމައްސަލަ ހައްލުކުރެވެންދެން އެސަރަހައްދުގެ މޫދު މިހާރު ވަނީ އާއްމުންނަށް ބަންދުވެސް ކޮށްފައެވެ.
ރަސްފަންނު މޫދަށް ތެޔޮ ޖަމާވެފައިވާއިރު އިއްޔެ މާލެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ވިލިނގިލި ފަރުމައްޗަށް ތެޔޮ ބޯޓެއް އަރާފައިވެއެވެ. ނަމަވެސް، ރަސްފަންނު ސަރަހައްދަށް ތެލުގެ އަސަރު ކޮށްފައިވަނީ އެ ބޯޓުން ތެޔޮ ލީކުވެގެން ނޫން ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވަނީ ވިދާޅުވެފައެވެ.