ads
މޫދުގައި ކުޑަކުދިންތަކެއް ކުޅެނީ- ފޮޓޯ: މުސްތަފާ ސީއެންއެމް
ހަފްތާ ބަންދުގައި މޫދަށް ނުފޮނުވައިގެން މަންމަ ކައިރި ރުއި ހަނދާންވޭތަ؟
ހުކުރު ދުވަސް ކަމުން ނިދަން ނޯވެވިގެން ވަރަށް ހެނދުނު އަތިރި މައްޗަށް ނުކުމެލައި ގަހެއްގައި އެލުވާފައި އިން އުނދޯޏެއްގައި އިށީންދެ ހަމަޖެހިލިތަނާ ކުދި ބަޔަކު އެދިމާ މޫދަށް އެރެން އައެވެ. އުމުރުން 10 ވަރަކަށް އަހަރުގެ ފަސް ވަރަކަށް ކުދިން އެ ޓީމުގައި ތިއްބެވެ. ބައެއް ކުދިން އަތުގައި ފުޅިމަދު ގަނޑެއް ވެސް އޮތެވެ.

މި މަންޒަރާއެކު ހިތައް ގެނުވީ ވަރަށް ކުރީގެ ހަނދާންތަކެކެވެ. ކުޑަ އިރު ހަފްތާ ބަންދުގައި މޫދަށް އެރޭ ދުވަސްތަކުގެ ހަނދާންތައް ހިތުގައި ބިންވަޅު ނަގާލުމުން ޖެހިގެން އިން އުނދޯލީގައި އޮތް ރަހުމަތްތެރިޔާ ގާތު އަހަރުމެންގެ ކުޑަ އިރުގެ ވާހަކަތައް ދައްކަން ފެށުމުން އޭނާ ގާތަށް އައީ ހިންޏެވެ.

“ބުރޯ އަހަރުން ކުޑަ އިރު ދޯ މޫދަށް އެރިލަނީ.. ހުކުރު ހޮނިހިރެއް ނުލިބިފަ.” އޭނާ ބުންޏެވެ.

ތެދެކެވެ. އާދިއްތައިން ބުރާސްފައްޗަށް ސްކޫލްގައި ކިޔެވުމަށްފަހު ލިބޭ ޗުއްޓީ ދެ ދުވަހު އުފަލާއި ހިތްހަމަ ޖައްސާލަން މޫދަށް ދިޔަ މީހުން މަދެއް ނުވާނެއެވެ. އެހެން ނަމަވެސް އޭރު މޫދަށް އެރެން މަންމަ ނޫނީ ބައްޕަ ކައިރިން ހުއްދަ ހޯދުން އެއީ ބޮޑު ކަމެކެވެ.

your imageކުޑަކުއްޖެ ފަތަނީ- ފޮޓޯ: މުސްތަފާ ސީއެންއެމް

ހަނދާން ކޮށި ނޫންނަމަ ހަނދާން ހުންނާނެއެވެ. މޫދަށް ނުފޮނުވައިގެން އުޅެން ޖެހުނު ހާލު މިހާރު ހިތައް އެރުމުން އަންނަނީ ހިންޏެވެ.

"އަހަރެން ކުޑަ އިރު ވަރަށް ހިފާއްޓާނެ މަންމަ، އޭރު އުމުރުން 12 ވަރަކަށް އަހަރު. ބުނާނެ ޕޭރެންޓުންނާ ނުލާ ސްކޫލް ކުދިން މޫދަށް އެރެފިއްޔާ ސްކޫލް އޮފީހަށް އާދިއްތަ ދުވަހު ގެންދާނޭ.. އެހެން ކިޔާފަ ބިރުން ފިއްކަނޑުވާލާނެ" އަތިރި މައްޗަށް އައި އުމުރުން 25 އަހަރުގެ ޒުވާން ފިރުހެނެއް ކުޑަ އިރުގެ ވާހަކައެއް ހިއްސާކޮށްލިއެވެ.

އޭރު އަހަރުމެންނަށް ވުރެއް ބޮޑެތި ކުދިން މޫދަށް އެރޭތަން ފެނުނީމައި އިތުރަށް މޫދަށް އެރޭ ހިތް ވެއެވެ. ކެތް ނުވެގެން މޫދަށް އެރެން އުޅެފައިވެސް ގެއިން އައިސްދާނެ “ހަސްކާ” އަކަށް ވިސްނާލާފައި ހަމަ ފަސްޖެހެނީއެވެ.

"މަ ފައިކުރި އޮޅާގެން ތަންކޮޅަކަށް އެރިފަވެސް ގެއަށް ދާއިރު މަންމަ ރުޅި އައިސްދާނެތީ ދަނީ ފުރަތަމަ ހުއްދަ ހޯދަން. މަންމަ ބަދިގޭގަ ކައްކަން ހުންނަ އިރު މަ ހުންނަން ރޯން އާދޭސްކޮށްފަ" މިއީ އިތުރު ޒުވާނެއްގެ ވާހަކަ އެވެ.

ހުކުރު ވަގުތު ކައިރި ވަމުންދާ އިރުވެސް މަންމަ މެންގެ ހުއްދަ ނުލިބޭތީ ގެއިން އަތިރިއަށް ދުވަ ދުވެ ހުއްޓާ ހުކުރު ދުވަހުގެ 11:30 ވުމުން ސްކޫލުގެ ފަރާތުން ރަތް ދިދަ އެއް އަތިރި މަތީ ޖަހާ ހުރިހާ ކުދިން މޫދުން އެއްގަމަށް އެރުމަށް އެންގުމުން އެވާ ދެރަ މުޅި ހަފްތާގައި ވެސް ހިތުގައި ހުރެއެވެ. 

your imageކުޑަކުދިންތަކެއް ވާރެއާ ތެމެނީ- ފޮޓޯ: ފޭސްބުކް

"މިހާރު ކުދިން ވަރަށް ބަސް އަހާ ދޯ އަސްލު. އެ ދެން މިހާރު އެހާވަރަށް މޫދުގައި ކުދިން ނޫޅޭތީ އެރޭ ހިތް ނުވަނީ ގިނަ ކުދިން. އަހަރުން ވީކެންޑެއްގަ ބީޗަށް ގޮސްފިއްޔާ އެރެން މަޖުބޫރު މޫދަށް. ބައެއް ފަހަރު މަންމަމެންނަށް ނޭންގި ހުސް ބޮކްސާ ކޮޅަށް ހަދައިގެން މޫދަށް އެރި ހިކިގެން ގެއަށް ވެސް އަންނަން. އާން އެހެންނު ވާނީ އިނގޭވިއްޔަ ހުއްދަ ހޯދަން ދިޔަސް ނުފޮނުވާނެކަން" ކުޑަ އިރު ހިންގި ބޮޑު ޖަރީމާއެއްގެ ވާހަކަ އިތުރު ޒުވާނަކު ހެމުން ކިޔައިދިނެވެ.

މާޒީގެ ވާހަކަ ދައްކަމުން ދިޔަ އިރު އެންމެން ވެސް ފާހަގަކުރީ ކުރިއާއި އަޅާބަލާއިރު ހަފްތާ ބަންދުގައި މޫދަށް އެރޭ ކުޑަ ކުދިންގެ އަދަދު މިހާރަކަށް އައިސް ފެންނަލެއް މަދު ކަމެވެ. އޭރުގެ ކުދިންނަށް މޫދު ކިތައްމެ ރައްޓެހި ނަމަވެސް މިހާރުގެ ކުދިންނާއި ރައްޓެހީ ޓެކްނޮލޮޖީ އާ ކަމަށް ވާހަކަ ދައްކާލި އެންމެންވެސް ބުންޏެވެ.

ހުކުރު ހޮނިހިރު މޫދަށް ދާ އުސޫލުން ވިއްސާރަ ދުވަސްވަރު ވާރޭ ތެމެން ނުކުތުން ވެސް އެއީ މަޖާ ކަމެކެވެ. ފެންގަނޑަށް އެރި އަސްކެނި ދަށުގައި ތެމެން ތިބި ހަނދާން ވެސް މިހެން ބުނީމައި ވާނެކަން ޔަގީނެވެ. 

މިއަދު ވެސް ކޮންމެވެސް ވަރަކަށް މި މަންޒަރުތައް ފެންނަ ނަމަވެސް ކުރިއާއި އަޅާބަލާއިރު މިހާރު ހަފްތާ ބަންދުގައި މޫދަށް ދިޔުން ވަރަށް މަދެވެ. އޭރު ރާއްޖޭގެ ގިނަ ރަށްރަށުގެ ބީޗް އަދި މޫދު އޮންނަނީ ހަފްތާ ބަންދެއް ނަމަ ފުރިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް