ކުޑަކުދިންގެ ހިޔާ، "ފިޔަވަތީ"ގައި މައްސަލަތައް ގިނަވެ އެންމެފަހުން އެތަނުގައި ރޭ ވަނީ ރޯކޮށްލާފައެވެ. އެތާނގައި އަލިފާން ރޯކޮށްލައިފައިވަނީ، ބައެއް ކުދިން ބޭރަށް ނުކުމެ ފުރާޅު މައްޗަށް އަރައި ނުކިޔަމަންތެރިކަން ދައްކާތާ 24 ގަޑިއިރު ފަހުންނެވެ. އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ ނިއްވާލައިފަ އެވެ. އަދި ތަނުގެ ބިއްލޫރިގަނޑުތައްވެސް ތަޅާލާ އެ ކުދިން ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ރޭ ވަނީ ގިނަ އަދަދެއްގެ ބަޔަކު އެއްވެފައެެވެ.
މިކަމާއި ގުޅިގެން ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން
ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް
އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ވަނީ
ފަށާފައި ކަމަށެވެ. އަދި މިވަގުތުވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން
ސަވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުން
ދާކަންވެސް ފާހަގަކޮށްފައިވެއެވެ.
ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު
ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން އެ ސަވިސްއިން ގަބޫލު ކުރާކަން ފާހަގަކުރަމުން އެ މިނިސްޓްރީން ބުނީ ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން
ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ޖެންޑަ މިނިސްޓްރީއަށް ފުރުސަތު ދީ އެގޮތައް އެސަރަހައްދަށް އެއްވެ ނެހެދުމަށް އެދިފައިވެއެެވެ.
"ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން
ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއް. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް މި ސަވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަކީ މި ސަވިސްގެ އެދުމެއް" އެބަޔާނުގައި ބުނެފައިވެއެވެ.
އަދި އެސަވިސްގެ އެދުމަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު 19/2019 އިން ކުދިންނަށް ލިބިދޭ ޙައްޤުތައް ކަށަވަރުކޮށް އެކުދިންގެ ކަރާމާތަށް ގެއްލުންނުވާގޮތަށް އެންމެންވެސް އަމަލުތައް ބެހެއްޓެމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ އެހާދިސާގައި ހިމެނޭ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ރޭ ހައެއްކަ ކުދިން ފިޔަވަތީގެ ފުރާޅުމަތީގައި ތިއްބެވެ. އޭގެ ތެރޭގައި ވަރަށް ހަގު އުމުރުގެ ކުދިން ވެސް ހިމެނެ އެވެ. އެ ކުދިން ފުރާޅުން ބޭލުމަށް ފުލުހުންނާއި ފިޔަވަަތިީގެ މުވައްޒަފުން މަސައްކަތްކުރިއިރު އެކަން ސަމާލުކަމަށް އައިސްފައިވަނީ އެތަނަށް އެއްވި މީހުންގެ ސަބަބުންނެވެ.
ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާކުރާ އަޑުއިވޭ ކަމަށް ބުނެ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ވެސް ފިޔަވަތި ހުންނަ ސަރަހައްދަށް ބަޔަކު ވަނީ އެއްވެފައެވެ. އެ ސަރަހައްދަށް އެއްވި މީހުން ފިޔަވަތީގެ ގޭޓުމަތިން އަރާ، ހިންގަމުންދާ ކަމެއް ބަލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެރޭ ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ.
މިކަމާއި ގުޅިގެން އެރޭ ފުލުހުން ބުނެފައިވަނީ ފިޔަވަތި ސަރަހައްދަށް ބަޔަކު އެއްވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ފިޔަވަތީގެ އެއްވެސް ކުއްޖަކަށް އަނިޔާކޮށްގެން ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.
އަދި ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އެތަނުގެ މުވައްޒިފުން އަނިޔާކުރި ކަމަށް ބުނެ ފެންމަތިވެފައިވާ ވާހަކަތައް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިންވެސް މިމަހުގެ 8 ވަނަދުވަހު ވަނީ ދޮގުކޮށްފަ އެވެ.
އެރޭ ފިޔަވަތީގައި ހިންގި ހާދިސާއާ ގުޅިގެން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި އެއްވެސް ކުއްޖަކަށް އަނިޔާކޮށްފައިނުވާ ކަމަށާއި ފެތުރެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.