ads
ހުޅުމާލޭ
ކުދިންގެ ކަރާމާތަށް ގެއްލުންވާ ކަމެއް ނުކުރޭ: އޮމްބަޑްސްޕާސަން
ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހިނގައި ދިޔަ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެތަނުގައި ތިބޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ކަންކަން ނުކުރުމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން އިލްތިމާސްކޮށްފި އެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިން ތިބޭ މަރުކަޒުކަމަށްވާ ފިޔަވަތީގައި 17 ސެޕްޓެންބަރު 2021 ވީ ހުކުރު ދުވަހު ހިނގައިދިޔަ ހާދިސާއާ ގުޅިގެން، އެ ސަރަޙައްދަށް އެ އޮފީހުގެ މުވައްޒަފުން ގޮސް މޮނިޓަރކުރުމުގެ މަސައްކަތްތައް ކުރެއްވި ކަމަށެވެ.  އަދި އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްކުރެވެމުންދާކަމަށް އެ އޮފީހުން ބުނެއެވެ. 

ގާނޫނުން އެ  އޮފީހާ މަތިކޮށްފައިވާމަސްއޫލިއްޔަތު އަދާކުރުމުގައި އެ އޮފީހުން ގެންދަނީ، އެ ހާދިސާ ގާތުން މޮނިޓަރކޮށް އިވެލުއޭޓްކުރަމުން ކަމަށް ބުނެފައި ވެއެވެ. 

 އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާއެކު އެ އޮފީހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ. 

އެ ހާދިސާއާ ގުޅޭ ފޮޓޯ އަދި ވީޑިއޯ ބައެއް ނޫސްތަކުގައި، އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކިއެކި ފަރާތްތަކުން އާންމުކުރަމުން ގެންދިޔަކަން ފާހަގަކޮށް އެ އޮފީހުން ބުނީ، އެންމެހައި ފަރާތްތަކުންވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ ޢަމަލުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

އެ އޮފީހުން ވަނި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ އެންމެން ވެސް އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ލިބިދޭންޖެހޭ ހުރިހާ ހައްގެއް ކަށަވަރު ކޮށްދިނުމުގައި ދެމިތިބުމަށް އެދިފަ އެވެ. އަދި އެފަދަ ހާދިސާތަކާ ގުޅިގެން މުއައްސަސާތަކާއި މުޅި މުޖުމަތައުގެ ފަރާތުން ކުދިންގެ ރައްކާތެރިކަން އިސްކޮށް، އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމާއި ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްކޮށް، އެކަންކަން ހާސިލްކުރަން އެއްބާރުލުން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް