އާދިއްތަ ދުވަހުގެ ރޭ ފްރެންޗް ލީގުގައި ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗަކީ މެސީ ޕީއެސްޖީއަށް ކުޅުނު ތިންވަނަ މެޗެވެ. މިއީ ޕީއެސްޖީގެ ދަނޑުގައި މެސީ، އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން ޕީއެސްޖީ ދެ ލަނޑު އެއް ލަނޑުން މޮޅުވިއެވެ.
މެޗުގެ ހަތްދިހަ ފަސްވަނަ މިނިޓުގައި މެސީ ބަދަލު ކުރުމުން އެކަމާ ހިތްހަމަ ނުޖެހި ކޯޗާ ސަލާންވެސް ނުކުރިކަންވަނީ ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުޚީއަށް އަރާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލަނޑެއް ނުޖެހެނީސް ބޭލުމުން މެސީ ހިތްހަމަ ނުޖެހުނީއެވެ. ޕީއެސްޖީއަށް ބަދަލުވެ ތިން މެޗުގައި މިހާތަނަށް ކުޅެފައިވީނަމަވެސް މެސީއަށް އަދި ލަނޑެއް ނުޖެހެއެވެ.