ރާއްޖެ އިޝްތިހާރުކުރުމަށް ސީއެންއެން އާއެކު އެއްބަސްވުމެއްގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން--
އެމްއެމްޕީއާރުސީއިން ސީއެންއެން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަނީ
Share
ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި ހޯމަދުވަހު (20-09-2021) އޮތް ރަސްމިއްޔާތެއްގައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގަ ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވަނީ މީގެ ކުރިން ސީއެންއެންއާއެކު ވިޒިޓް މޯލްޑިވްސްއިން ކާމިޔާބު ކެންޕެއިންތަކެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ، ކުރީގެ ތަޖުރިބާއަށް ބަލައި، މިފަހަރުގެ ޕާޓްނަޝިޕް މެދުވެރިކޮށްވެސް ކާމިޔާބު ހަރަކާތްތަކެއް ކުރިޔަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާފައެވެ. ތައްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީތަށް ބިނާވެފައިވަނީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި، ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަމަށެވެ. އަދި ސީއެންއެންއާއިއެކު ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން އެމްއެމްޕީއާރުސީއިން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ދެކިލައްވާކަމަށެވެ.

ސީއެންއެންގެ ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރް ވިދާޅުވީ ރާއްޖޭއަކީ ފަތުރުވެރިންނަށް އެ މަންޒިލެއްގައި ކުރެވޭނެ ގިނަ ތަޖުރިބާތަކާއި، ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ ގިނަ ވާހަކަތަކެއް އެކުލެވޭ ފަތުރުވެރިކަމުގެ ގޮތުން މުއްސަނދި މަންޒިލެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ރީތި މަންޒިލްގެ އެކި ވާހަކަތައް ސީއެންއެންގެ އެކި ޕްލެޓްފޯމްތަށް މެދުވެރިކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކުރެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަށް ކުރިއަށް ދާނީ ސެޕްޓެންބަރު މަހުން ޑިސެންބަރުގެ ނިޔަލަށެވެ. މި މަސައްކަތްތަކުގެ ދަށުން ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި، ފުރިހަމަ ހިދުމަތްތަކެއް ލިބޭ މަންޒިލްގެ ގޮތުގައި ޕްރޮމޯޓު ކުރެވޭނެއެވެ. އަދި ރާއްޖޭގެ ވަކިވަކި ޕްރޮޑަކްޓަކާއި، ލިބެން ހުންނަ ތަޖުރިބާތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކަތައްވެސް ސީއެންއެން ޓްރެވަލްގައި ޕަބްލިޝް ކުރާނެއެވެ. މިގޮތުން ވީޑިއޯ، ރިޕޯޓު އަދި އިޝްތިހާރުގެ ޒަރިއްޔާއިންވެސް ރާއްޖެ އިޝްތިހާރު ކުރެވިގެންދާނެއެވެ.

2021 ވަނަ އަހަރު ވެސް ސީއެންއެންއިން ވަނީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެ ކެންޕެއިންގެ ތެރެއިން ސީއެންއެންގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އިޝްތިހާރާއި، އާޓިކަލް އަދި ވީޑިއޯ ގެނެސްދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް