ސ އަތޮޅު ކައިރީ އޮންނަ އެ ކަނދުފަތިން ހއ. ހޯރަފުށީ މީހުން އައިސް މަސް ކިރުވުމަށްފަހު ޑޮލަރު ކޮޅު ހިފައިގެން އަނެއްކާވެސް މުޅިރާއްޖޭގައި އެ ހަފްތާ މަސްވެރިކަމުގައި އުޅުމަށްފަހު އުތުރަށް މަސްކިރަންވީއެވެ. ކިރުމަށްފަހު އަނެއްކާވެސް އެލިބެނީ ޑޮލަރެވެ. ހަފްތާ ބަންދަށް ރަށުގައި ރެސްޓު ކުރުމަށްފަހު އަނެއްކާވެސް މަހަށް ނުކުންނަންވީއެވެ. ނުލާހިކު އަރާހުރި އާލާތްތަކާއެކުއެވެ. ސަޅިއެއް ނޫންހެއްޔެވެ؟
މިއީ މިހާރު މިއޮތް ސަރުކާރުގެ ވައުދެކެވެ. ޖަޒީރާ ރާއްޖޭގެ ވައުދެކެވެ. އޭރު ކުރަން އުއްމީދު ކުރި ކަމެކެވެ. މިނޫންވެސް ވަރަށް ގިނަ ވައުދުތަކެއް ވިއެވެ. ކުޑަކުއްޖަކު އުފަންވުމާއެކު އެކުއްޖާއަށް ލިބޭ ހާއްސަ ޕެކޭޖެއްގެ ވާހަކަ ދެއްކިއެވެ. ވަރަށް އަގުހުރި ޕެކޭޖެކެވެ. އެހެންނަމަވެސް އެޕެކޭޖްވެސް ވީ ހިސާބެއް މިހާރަކު ނޭނގެއެވެ.
މީގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމަކީ ވެސް މިފަހަރުގެ ސަރުކާރުގެ އެއްވައުދެވެ. އެހެންނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އޮތްގޮތް އެއްވެސް މީހަކަށް ނޯޅެއެވެ. ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައިވަނީ އެކޮމިޝަނުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ޖަޒީރާ ރާއްޖޭގެ އެންމެ މުހިއްމު އެއް ސިފައަކީ އެބަޔަކު ތިބި ތަނެއްގައި ނުވަތަ ދިރިއުޅޭ ރަށެއްގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ހޯދައި ދިނުމެވެ. ސަރުކާރުގައި މިހާރު އެކަހަލަ ހިޔާލެއް ވާހެންވެސް ހިއެއް ނުވެއެވެ. ގެސްޓްހައުސް ވިޔަފާރިއާއި އެހެނިހެން އިގްތިސާދީ ހަރަކާތްތައް ވީތަނެއްވެސް އެނގޭކަށް ނެތެވެ. ފެންނަމުންދާ މަންޒަރަކީ ބާރުގަދަ ނުފޫޒުގަދަ މީހާ ހަމަ ގަދަކުރަމުންގެންދާ މަންޒަރެވެ.
ދެން ގޮވާލަމުންދިޔަ އެންމެ މުހިއްމު އަނެއްވާހަކަ އަކީ ވައްކަން ކުރުމަށް ފުރުސަތު ނުދޭނެ ވާހަކައެވެ. ވައްކަމެށް ކުރާއިރު އެއްވެސް ކެތްތެރިކަމެއް ނެތި ފަޅާއަރުވާނެ ކަމަށް ބުނިކަމުގައިވިޔަސް ފެންނަނީ އިންތިހާއަށް ކެތްތެރިކަމާއެކު ބަލަހައްޓައިގެން ތިބޭ މަންޒަރެވެ. "ވައްކަން ކުރަނީއޭ" ކިޔާ ފުމެލަން ނެގި ކަށިގަނޑު މިހާރު ވީތަނެއްވެސް އެނގޭކަށް ނެތެވެ. އެ ގެންގުޅުނު މީހަކުވެސް މިހާރަކު ނެތެވެ. ކުރި ވައުދު ތަކާ ތިމާމެން މިހާރު ތިބި ހިސާބު އެނގެން އެބައޮތް ހެއްޔެވެ؟ ރައީސްއާއި ފޮރިން މިނިސްޓަރު ހުންނެވީ އދ. މަޖިލީހުގައެވެ. ރައީސް ނަޝީދު ފަރުވާ ގައެވެ. އައިސްކްރީމް ބައްލަވަނީއޭ ބުނެވޭކަށް ނެތެވެ.
މަތީގައި އެވަނީ ވަރަށް ބާރު އަޑުން ރައްޔިތުންނަށް އިއްވި ވައުދުތަކެވެ. ސަރުކާރެއް އައިސް މިފަދަކަންކަން ކޮށްދޭނެ ކަމަށް ބުނެފިއްޔާ ވޯޓު ލިބިދާނެއެވެ. ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދޭ ބަޔަކަށް ރައްޔިތުން އަބަދުވެސް އެދެއެވެ. އެހެން ކަމުން އެކަމަށްޓަކައި އެތައްބަޔަކު ވޯޓުދީގެން ސަރުކާރެއް މިވަނީ ގެނެސްފައެވެ. އެހެންނަމަވެސް މިހާރު ލިބުނީ ނުވަތަ ހާސިލްވީ ކޮންކަމެއްތޯ ގިނަބަޔަކު ސުވާލު ކުރެއެވެ.
ރައީސް ޔާމީނުގެ ވެރިކަން ބަދަލު ކޮށްލަން ގިނަބަޔަކު ވޯޓުދިނީ މި ވައުދުތަކަކަށެވެ. އޭގެ އިތުރުން އަނިޔާވެރިކަމާ ދެކޮޅަށް ކަމަށްވެސް ވަރަށް ގިނަ ބަޔަކު ބުނެއެވެ. އެހެންނަމަވެސް މިހާރު ލިބޭ އުފާވެރިކަމަކީ ކޮބައިހެއްޔެވެ؟ އދ. މަޖިލީހަށް ދިވެއްސަކު ހޮވުން ހެއްޔެވެ؟ އެއީވެސް ، ކުރިން ބުނި ވައުދު ތަކަށް ވުރެ ބޮޑު ވައުދެއް ހެންވެސް ބައެއްފަހަރު ހީވެއެވެ. އެވާހަކަ ދައްކާ ގިނަ ކަމުންނެވެ. ރަމްޒީ އުފާވެރިކަމެއް ލިބުނަސް އެއީ މީހުންގެ ތަކްލީފުތަކަށް ހުރި ސީދާ ތަސައްލީއެއް ކަމަކަށް ނުބެލެވެއެވެ. އެވާހަކަ ބާއްވާށެވެ.
ރިޔާސީ ވައުދުތަކުގެ އިތުރުން މަޖިލީހުގެ އިންތިހާބުގައި އަދި މާ ވަރުގަދަ ވައުދުތައް ވިއެވެ. ދޭދޭ މެންބަރުންވެސް އެތަކެއް ވައުދެއް ވިއެވެ. އޮޑިޓަރުން އައިސް ވަގުން ތިބިތަނަކުން ދެންދެން ނެރެދެއްކިއެވެ. ހީވީ ހަމަ އެމީހުން ގޮޅިތަކުގައި ތިބި ހެންނެވެ. ލިބޭ އާމްދަނީ ދެގުނަ ކޮށް މާއުފާވެރި ދިރިއުޅުމެއް ދިވެހީންނަށް ދެއްކިއެވެ. އަދި އެމްޑީޕީއަށް ވެރިކަން ނުލިބިއްޖެ ނަމަ ވާނެ ގޮތްވެސް އެމްޑީޕީން ކިޔައިދިނެވެ.
ކޮންކަމެއް ހެއްޔެވެ؟ "ފުލުހުންނާއި ސިފައިންނަށް، ސަރުކާރަށް އޮންނަ އިތުބާރު ގެއްލިގެން ދާނެއެވެ. ކުރެވޭ ޝަރީއަތްތަކުގައި ސިޔާސީ ކުލަ ޖެހިގެންދާނެއެވެ. ރިޝްވަތުގެ ހުތުރު ފައިސާއާއެކީގައި ދިވެހި ވެރިކަން ބަގާވާތަކުން ބަދަލު ވެގެން ދާނެއެވެ. ދިވެހީންގެ ބާރުވެރިކަން ގެއްލިގެން ދާނެއެވެ."
މި ވެރިކަމުގެ ތިންއަހަރު ފުރިހަމަ ވެގެން ދަނީއެވެ. ދިވެހީންނަށް ހާސިލްވީ ކޮންކަމެއްހެއްޔެވެ؟ މަތީގައި ބުނެވުނު އެއްވެސް ކަމެއް ހާސިލެއް ނުވެއެވެ. ބަހަނާއަކަށް ދައްކަނީ އަބަދުވެސް ކޮވިޑްއެވެ. ގިނަ ކަންކަމުގައި ފެންނަނީ ފެއިލް ވެފައިވާ ތަނެއެވެ. ވިވައުދު ތައް ނުފުއްދުނު އިރު އެހެން މައްސަލަތައްވެސް ހައްލުވެފައެއް ނުވެއެވެ. ކުނީގެ މައްސަލައަށް ހައްލެއް ނުގެނެވުނެވެ. ހިޔާ ފްލެޓްތަކުގެ ކަންކަން އަދިވެސް އޮތީ ވާނުވާގައެވެ. ފިޔަވަތީގެ މައްސަލަ ދަނީ ބޮއްސުން ލަމުންނެވެ. ޑްރަގް މައްސަލައެވެ. ތައުލީމީ ދާއިރާ އެހެން ދިމާލަކަށް މިސްރާބު ޖަހާހެން ހީވެއެވެ. އިހްތިސާސް މައްސަލަ ހައްލެއް ނުވެއެވެ. ޑްރަގެވެ. ވައްކަމެވެ. ބަދަލު ދިނުމެވެ.
ސުވާލަކީ ކަންކަން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެމްޑީޕީގެ ސަބަބުން ހެއްޔެވެ؟ ކޯލިޝަންގެ ސަބަބުން ހެއްޔެވެ؟ ވެރިކަމަށް އަންނަން އުޅުނު އިރު ކޯލިޝަނުގެ އަޑަށްވުރެ ގަދައަށް އިވުނީ އެމްޑީޕީގެ އަޑެވެ. އެޕާޓީގެ ވައުދު ތަކުގެ އަޑެވެ. ރައްޔިތުންނަށް ގެނެސްދޭނެ ތަނަވަސްކަމާއި އަދުލު އިންސާފައި، ދައުލަތުން ވައްކަން ކުރެވޭނެ ލޯވަޅުތައް ބަންދުކުރާނެ ވާހަކައެވެ. މީހުނަށް ވަޒީފާދޭނެ ވާހަކައާއި، ޑްރަގްފަދަ ވަބާތަކުން މިންޖުކޮށްދޭނެ ވާހަކައާއި ބޯހިޔަވަހިކަން ކަށަވަރު ކޮށްދޭނެ ވާހަކައެވެ. ރަށްރަށަށް ބާރުތައް ދޫކުރާނެ އަޑެވެ. އެހެން ނަމ،ަވެސް އޭގެ އެއްވެސް ކަމެއް ފެންނަމުންނުދަނީ ކޯލިޝަންގެ ވެރިކަމެއް ވީމާހެއްޔެވެ؟ ބައިއަޅަން ޖެހޭ ސިފަތަކެއް ހުރީމަ ހެއްޔެވެ؟ ނުވަތަ ވަކިބަޔަކު ހިމާޔަތްކޮށް ވަކިބަޔަކު ފްރޭމް ކުރަންޖެހެނީ ނުބައި ގޮޅިއަކަށް އެރިގެންހެއްޔެވެ؟
ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުއަށް ސިޔާސީ ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ މެނިފެސްޓޯ ނުހިނގީއެވެ. ރައީސް އޮފީހުން ފަހުން ބުނީ ހިންގަނީ ކޯލިޝަން މެނިފެސްޓޯ އެއް ކަމަށެވެ. މެނިފެސްޓޯ އުފެދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އެކަމަކު މިއީ ދިވެހި ރައްޔިތުންނަށްޓަކައި ހިންގާ ވެރިކަމެކެވެ. އެނގޭ ކަމަކީ މިހާރު މިހިނގަނީ ކޯލިޝަން ބޭނުންވާ ގޮތަށް ކަމެވެ. އަދި މިވެރިކަން ހިންގާ ގޮތް އެމްޑީޕީގެ ބައެއް މެންބަރުންނަށްވެސް ކަމުނުދާކަމެވެ. ތުން ފިއްތައިގެން ދުވަސްކޮޅަކު ތިބުމަށްފަހު މިހާރު ފެންނަނީ ފާޅުގައި ސަރުކާރަށްވެސް ބަވާތަނެވެ. އެޕާޓީން ވީވައުދު ފުއްދޭ ގޮތެއް ނުވެގެންނެވެ.
އެހެންކަމުން ވެރިކަމަށްއައުމަށް ކޯލިޝަން ހެދުން ލެއްވުމަކީ ހިތި ކަމަކަށް މިވަނީ ވެފައެވެ. މައްސަލައަކަށް ވަނީ ކޯލިޝަންގެ ނަންދީގެން ވެރިކަމަށް އައުމެވެ. އެހެންވުމުން ހިންގޭ ސިޔާސަތެއް ނެތުމެވެ. ރައްޔިތަކަށް ލިބޭ ބާރެއް ، މަންފާއެއް ނެތެވެ.