ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުމަށް އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ދަތުރު ކުރާ ފުރަތަމަ އުޅަނދު މޫދަށް ބާލާފައިވާއިރު އިތުރު ހައި ސްޕީޑު ފެރީ އުޅަދުތައް ތައްޔާރު ކުރުމުގެ މަަސައްކަތް މިހާރުވެސް ދަނީ ބާރަށް ކުރަމުންނެވެ.
ފުރަތަމަ ހައި ސްޕީޑް ފެރީ ބޭލުމަށް މިއަދު ބޭއްވި ހަރަކާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ ރާއްޖޭގެ ޕަބްލިކް ފެރީ ނިޒާމަށް އިންގިލާބެއް ގެންނާނެ ނިޒާމެއް ކަމަށެވެ. އަދި ރައީސް ސޯލިހްގެ ވައުދު ފުއްދުމަށް އެމްޓީސީސީ މުވައްޒަފުން ކުރާ މަސައްކަތަށާއި ޕެލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ދެއްވާ ލަފަޔަށް އާޒިމް ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ ކުރިން އާޒިމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހަފްތާގެ ކޮންމެ ދުވަހަކު ފެރީގެ ހިދުމަތް ދެވޭނެ ކަމަށެވެ، އަދި ފެރީގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ބެކަޕް ޕްލޭނެއް ހަދައި ތައްޔާރަށް އޮންނާނެ ކަމަށެވެ. އެގޮތުން ހިދުމަތް ދިނުމަށް 17 ލޯންޗް ބޭނުންކުރާިއރު ބެކަޕްގައި 3 ލޯންޗް އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ލޯންޗް ތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެކަން ފާހަގަކުރެއްވި އެވެ.
ފުރަތަމަ ފިޔަވަހީގައި ހއ، ހދ އަދި ނ އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި، ޒަމާނީ ފެންވަރުގެ، ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ނޮވެމްބަރު ފެށިގެން ދާނެއެވެ.
މި ފިޔަވަހީގެ ޖުމްލަ އިންވެސްޓްމެންޓަކީ 157 މިލިއަން ރުފިޔާ ކަމަށް ވާއިރު އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ އެ މަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ އަދަދެވެ.