ads
ގާޒީ އަލީ ނަސީރު- ފޮޓޯ ރައީސް އޮފީސް
ގާޒީ އަލީ ނަސީރު ފެލިދޫ ކޯޓަށް ބަދަލުކޮށްފި
ސިވިލް ކޯޓްގެ ގާޟީ ޢަލީ ނަސީރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން އޭނާ ވ. ފެލިދޫ މެޖިސްޓްރޭޓު ކޯޓަށް ބަދަލުކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނެފި އެވެ.

ސިވިލް ކޯޓުގެ ދެ ޤަޒިއްޔާއެއްގައި ހިމެނޭ ޚަޞްމުން، އެ ދެ ޤަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް،  ނަޞީރު އެ ޤަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ހުކުމްކޮށްފައި ވަނީ އެ ޤަޒިއްޔާގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް ޤާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްސަދުގައިކަން ތަހްގީގުގައިވަނީ ސާބިތުވެފައި ވާތީ ޖޭއެސްސީއިން ވަނީ ފިޔަވަޅެއްގެ ގޮތުން އޭނާގެ މަގާމު ދަށް ކުރުމަށް ނިންމާފައެވެ. 

އެގޮތުން ގާޒީ އަލީ ނަސީރަށް އެހެން ކޯޓަކަށް ބަދަލުވާން ދިން ފުރުސަތުގައި އޭނާ ވަނީ ވ. ފެލިދޫ  މެޖިސްޓްރޭޓް ކޯޓަށް ބަދަލުވާން އިހުތިޔާރުކޮށްފައެވެ. 

ގާޒީ އަލީ ނަސީރަށް މައްޗަށް ސާބިތުވި ސުލޫކީ މައްސަލައަށް ބަލާއިރު ‎ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަޤުސަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންސާފު ޤާއިމްކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އެހެންކަމުން ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ގާޒީ ކަމުގެ މަގާމުގައި މިހާރު ހުރި ނަސީރުގެ މަޤާމުގެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިފައިވެއެވެ. 

ސިވިލް ކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ނިންމާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ބަލަމުން އަންނަ ކަމަށް އެކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޖެނުއަަރީ ތެރޭގައި ހާމަކޮށްފައެވެ. 

އެގޮތުން  ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިނގަމުންދާ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފުހޯދުމަށްޓަކައި އަދި ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި ކޯޓުން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އަދުލުއިންސާފާ މެދު  ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ހައްލުކުރުމަށް ޑީޖޭއޭގައި އެދެން ނިންމާފައިވާ މީގެ ކުރިން ޖޭއެސްސީން ބުނެފައިވެއެވެ. 

ޖޭއެސްސީން އޭނާގެ މައްޗަށް ފިޔަވަޅެއް އަޅާފައި މިވަނީ މަހާނައެޅި ހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާއެކު މާހަލް ޓުއާސްއިން ހެދި ސަބްލީޒް އެއްބަސްވުން މާހަލް އިން ބާތިލް ކުރީ، ރަނގަޅަށް ކަމަށް ނަސީރު ހުކުމް ކޮށްފައިވާ މައްސަލައެއް ޖޭއެސްސީއަށް މިމަހުގެ ހަތަރުވަނަ ދުވަހު ހުށަހަޅާފައި އޮތް ދަނޑިވަޅެއްގައެވެ. 

މި މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ، އެ މައްސަލައިގައި ސޭވް ދަ ޑްރީމްސްގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރެވެ. 

އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް ހުސްވި އޮގަސްޓު މަހުގެ 31ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ނަސީރު އެ މައްސަލައިގެ ހުކުމް އިއްވައި ނިމުނީ އެ ދުވަހުގެ 15:50 އެހާކަންހާއިރު ނަމަވެސް އެ ހުކުމާ ގުޅިގެން މާލެ އަތޮޅު ދެކުނުގައި އޮންނަ ރިހިވެލި ބީޗަށް ދައުވާ ލިބޭ ފަރާތުން އެރި އިރު ގަޑިން 16:15 ކަމަށެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި ކަނޑުމަޑު ދުވަހެއްގައި ރިހިވެލި ބީޗަށް ދެވެނީ 45 މިިނެޓުން ކަމަށްވާ އިރު، އެ ހުކުމަކީ އެކަމާބެހޭ މައުލޫމާތު މާހަލްއަށް ކުރިން ލިބިފައިވާ ހުކުމެއް ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެ މައްސަލައިގައި ހުކުމްކުރުމާއި ރިހިވެއްޔަށް އަރައިގަތް ގަޑިއާ ދެމެދު 45 މިނެޓު ނުވާކަން އެނގެން އޮތުމުން އެ މައްސަލައިގައި ކުރަން އޮތް ހުކުމް، ދައުވާ ލިބޭ ފަރާތަށް އެނގިފައިއޮތީ ގާޒީ އަލީ ނަސީރުގެ އިހުމާލުން ކަމުގައިވާތީ އޭނާގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ މައްސަކަތަކުގައި ބައެއް ގާޒީންގެ މަގާމުދަށްކޮށްފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް