ads
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ އެތައް ދައުވާތަކެއް ވަނީ ކުރެވިފައި——
އަލީގެ ހުރިހާ ޕާސްޕޯޓެއް ހިފަހައްޓަން އެދުން: މިފަހަރު އުޒުރަކީ އޭނާ ބޭރުގައި ހުރުން؟!
ޖިންސީ ގޯނާގެ އެތައް ތުހުމަތެއް ކުރެވިފައި ވަނިކޮށް، ގާނޫނާއި ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހަމަ އެދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަނީ ރާއްޖޭއިން ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، ރާއްޖެއިން ބޭރުގައެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާގެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަނިކޮށް ވިސާގެ މުއްދަތު ހަމަވެގެން ޔޫކޭއިން އޭނާ ހައްޔަރުކުރީ ވެސް އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދައުވާތަކެއްގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް އަމުރު ބޮލާލާ ޖަހައި، ކޯޓަށް ގޮންޖައްސަވާ ބޭރުގައި ފިއްލަވައިގެން އުޅުއްވަނިކޮށެވެ.

ބޭސްފަރުވާއަށް ދިން ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އޭނާ ނައިސްގެން އޭނާގެ މައްޗަށް ކުރާ ދައުވާތައް އޮތީ ކޯޓުގައި ފުނިޖެހިފައެވެ. ރެޑް ނޯޓިސް ނެރެގެންވެސް އޭނާ ގެނެވޭގޮތެއް އަދި ހަމަ ފުލުހުންނަކަށްވެސް ނުވިއެެވެ. ކޯޓުތަކަކަށްވެސް ނުގެނެވުނެވެ. އޭނާ ފުރުވާލީ އޭނާގެ މައްޗަށް އަންނާނެ ހުކުމަކުން ސަލާމަތްކޮށްދޭނީ ސަރުކާރުން ކަމަށް ހުދު އޭނާ ބުނާ ކަމުގެ ވާހަކަތަކެއްވެސް މިހާރު އޮތީ ފެތުރިފައެވެ. 

ދެން ދައުލަތުން އަނެއްކާވެސް މިހާރު މަސައްކަތް ފަށާފައިވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާށެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓުތައް ގިނަކަމުން އެކަމުގައިވެސް ދައުލަތަށް އެންމެ ފަހުން އޮތީ ވާނުވާ ނޭގިފައެެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެކަމަށްޓަކައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުގެ ހުރިހާ "ރުޅިއެއް" އަމާޒުވީ ދައުލަތަށެވެ. ހިފަހައްޓައިދޭން އެދިފައި އޮތީ ކުރިންވެސް ބާތިލުކޮށްފައި އޮތް ޕާސްޕޯޓަކަށް ވީމައެވެ. 

ހައިކޯޓުން އެދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ޕީޖީން އެ ކޯޓަށް ހުށަހަޅާފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކި ކުރުމުން ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން ކަމުން އެ ހުކުމް ނެރެދެވެންނެތް ކަމަށެވެ. އެވަރަކުން ނިންމަވާ ނުލައްވައެވެ. ދައުލަތުގެ ފަރުވާ ކުޑަކަމުން ކޯޓުގެ ވަގުތުތައްވެސް ނަގާލަނީ ކަމުގެ ކަންބޮޑުވުން ހައިކޯޓުން އެދުވަހު ކުރިމަތި ކުރިއެވެ. 

މި ހުރިހާ ހިތްހަމަ ނުޖެހުންތަކެއް ދައުލަތައް އަމާޒުވެގެން ދިއުމުން ހަމަ އެދުވަހު އަލީ ވަހީދުގެ ހުރިއްޔާ ހުރި ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދޭން ކޯޓުގެ އަމަރުކަށް އެދުމަށް މަޝްވަރާ ކުރަމުންދާ ކަމާއި، އެކަމާ މެދު ގޮތެއް ވަރަށް އަވަހަށް ނިންމަވާނެ ކަން ޕީޖީ އޮފީހުން ހާމަކުރިއެވެ. 

ހުރިއްޔާ ހުރި ޕާސްޕޯޓެއް ބާތިލުކޮށްދޭން އެދިއްޖެ މިފަހަރު އުޒުރަކީ ކޮބާ؟

ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތަށް ކޯޓުގައި އެދެވިގެން ހައި ކޯޓުން ދިން "ލެކްޗަރާއިއެކު" އަނެއްކާ މިހާރު ޕީޖީ އޮފީހުން ވަނީ އޭނާގެ ހުރިއްޔާ ހުރި ޕާސްޕޯޓެއް ހިފަހައްޓައިދޭން ހައިކޯޓަށް ހުށަހަޅާފައެވެ.

އެކަމަށްޓަކައި ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި މިފަހަރު ކުރިމަތިވި ސުވާލަކީ އަލީ ވަހީދު ބޭރުގައި ހުންނަވަނިކޮށް އެކަން އެގޮތަށް ކުރެވިދާނެތޯ އެވެ. 

ޕާސްޕޯޓު ހިފެހެއްޓޭނީ އެއީ ރާއްޖެއިން ބޭރަށް ފިލައިގެން ހިނގައިދާނެ މީހެއް ކަމަށް ބެލެވޭ ހާލަތު އޮވެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނާތީ ރާއްޖެ އިން ބޭރުގައި ހުރި މީހަކު ގެންނަން ޕާސްޕޯޓު ހިފެހެއްޓޭނެތޯ ފަނޑިޔާރު ޝަފީއު ސުވާލު އުފެއްދެވި އެވެ. އަދި ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ގާނޫނު ހެދި އިރު ބަޔާން ކޮށްފައި ނެތުމުން އެ އަށް ވުރެ ފުޅާކޮށް، ދައުލަތުން އެ ގާނޫނު މާނަ ކުރަނީ ކީއްވެތޯ ވެސް ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ.

މިކަމަށް ޖަވާބު ދެއްވަމުން ދައުލަތުން ފާހަގަކުރި ގޮތުގައި ފިލައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ހުރަހެއް ނެތެވެ. އެއީ ރާއްޖެ އިން ބޭރަށް ދިޔުމަކީ ފިލުން ކަމަށް ނުވިނަމަވެސް، އޭނާ އެހެން ގައުމަކަށް ވެސް ފިލައިގެން ދިޔުމުގެ އިހްތިމާލު އޮތުމުނެވެ. އަަަދި ކުރިއަށްވުރެ ބޮޑަށް ފިލައިގެން ދިޔުމުގެ އިހްތިމާލު މިހާރު އެބަ އޮތް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ކުރިން އެހެން ބެންޗަކުން ކުރި ހުކުމުގައި ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓިދާނެ ކަމަށެވެ. އެކަމަކު، އެ ބެންޗުގައި އިންނެވި، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވަނީ ރާއްޖެ އިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަނީ މީހަކު ފިލައިގެން ދާން އުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އެ މީހެއްގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިދާނެ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުން މުހިންމު ވަނީ ކީއްވެ؟

އަލީ ވަހީދުގެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އަލީ ވަހީދު ފުރައިގެންވެސް ދިޔައީ ޕާސްޕޯޓު ބާތިލުކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ، ގާނޫނާއި ހިލާފަށް އޭރު ދޫކޮށްލި ޕާސްޕޯޓެއްގައެވެ. އޭގެފަހުންވެސް އެތައް ފަހަރެއްގެ މަތިން ދައުލަތުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. ނަމަވެސް އެކަމަށް ކޯޓުން ވަނީ އިންކާރުކޮށްފައެެވެ. 

އިއްޔެ ބޭއްވި އަޑުއެހުމުގައި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފި ނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ފަނޑިޔާރު ޝަފީއު ވަނީ ސުވާލުކުރައްވާފައެވެ. 

ދައުލަތުން ބުނީ ޕާސްޕޯޓު ހިފެހެއްޓުމުން ވިސާ ސައްހަ ނޫން ވިސާއަކަށް ވާނެ ކަމަށެވެ. ވިސާ ސައްހަ ނޫންނަމަ ދާއިމަށް އެ ގައުމުގައި ނުހުރެވޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ހުރި ގައުމަކުން އެބުރި ރާއްޖެ އަންނަން ޖެހޭނެ ކަން ދައުލަތުން ފާހަގަކުރެއްވިއެވެ.

ހަގީގަތުގައި ޕާސްޕޯޓު ހިފެހެއްޓުމާ ބެހޭ މާއްދާގެ ބޭނުމަކީ މީހަކު ރާއްޖޭގައި މަޑުކުރުވުން ކަން ދައުލަތުން ފާހަގަކުރިއެވެ. އަލީގެ ޕާސްޕޯޓު ހިފަހައްޓައިފި ނަމަ އޭނާ ރާއްޖެއަށް ގެނެސް ރާއްޖޭގައި ބެހެއްޓޭނެ ކަމަށް ވިދާޅުވި އެވެެ. މިހާރު ޕާސްޕޯޓު ހިފެހެއްޓުމުން ރާއްޖެ ނޫން ގައުމަކަށް ފުރައިގެން ދާން ހުރަސް އެޅޭނެ ކަމަށާއި އަދި ރާއްޖެއަށް ގެނައުމަށް ފަސޭހަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ޕާސްޕޯޓު ކެންސަލް ކުރުމަކީ އޭނާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބުތައް އިތުރަށްވެސް ދައުލަތުން ބަޔާންކޮށްދެއްވިއެވެ. އެގޮތުން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ތުހުމަތު ކުރެވޭ ވަރަށް އޭނާގެ މައްޗަށް ހެކި ހުރުމާއި، މީގެ ކުރިން ވެސް ފިލައިގެން ގޮސްފައިވާތީ އާއި ރާއްޖެއިން ބޭރުގައި ހުރެގެން ހެކިންނަށް ނުފޫޒު ފޯރުވުން ހުއްޓުވުން ހިމެނެއެެވެ. 

ފުރައިގެން ދިޔުމަކީ ފިލުން ކަމަށް ބުނަނީ ކީއްވެތޯވެސް ޝަރީއަތުން ސުވާލު އުފެއްދި

ހައި ކޯޓުގައި އިއްޔެ އޮތް އަޑުއެހުމުގައި ވަނީ އަލީ ފުރައިގެން ދިޔަ ދިޔުމަކީ ފިލައިގެން ދިޔުން ކަމަށް ދައުލަތުން ބުނަނީ ކީއްވެތޯވެސް ސުވާލު އުފައްދާފައެވެ.

ފަނޑިޔާރު ފައިސަލް އެ ސުވާލު ދައުލަތާއި ކުރިމަތި ކުރުމުން ދައުލަތުން ބުނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ކޯޓުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ. ދެން އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް ފިލާފައިވާ ކަން އެއީ ހައި ކޯޓުގެ ކުރީގެ ހުކުމުން ވެސް އެނގޭ ކަން ދައުލަތުން ފާހަގަކުރިއެވެ. 

އަލީ ފިލީ ކަމަށް ބަލަނީ އޭނާ ހުރި ތަނެއް އެނގުނަސް، ދައުލަތަށް އޭނާއާ ހިސާބަށް ވާސިލުވެ، އޭނާގެ ގައިގައި އަތް ލެވޭ ހިސާބުގައި ވެސް ނެތުމުން ކަމަށް ދައުލަތުން އިތުރަށް ބުނީ އޭނާ ޝަރީއަތަށް ހާޒިރު ކުރުމަށް ދައުލަތަށް އޭނާއާ ހަމައަށް ވާސިލުވެވެން ޖެހޭނެ ކަމަށެވެ. 

މިފަހަރުވެސް ކޯޓުތައް އަލީގެ ފައިބުޑުގައި ކުޑަކަކޫ ޖަހާނީތޯ؟

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން މި މައްސަލައިގައި އޮންނާނީ ހުކުމް ކުުރުމުގެ އަޑުއެހުމެކެވެ. މިއަޑު އެހުމުގައި އަލީގެ ޕާސްޕޯޓު ހިފެހެއްޓުމާއިމެދު އަނެއްކާވެސް ގޮތެއް ނިންމިގެންދާނެއެވެ. މީގެ ކުރިން ތަކުރާރުކޮށް ދައުލަތުން އަލީގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދުމުންވެސް އެކަމަށް ކޯޓުތަކުން އޮތީ ފުސް މޫނު ދައްކާފައެވެ. 

ކުރިން ބާތިލުކުރަން އެދުނު އެދުން އަބުރާ ފޮނުވާލީ، އޭރު އެދުނީ ބާތިލުކޮށްފަ އޮތް ޕާސްޕޯޓަކަށް ވާތީއެވެ. އެންމެ ރަނގަޅެވެ. މަގުބޫލު އުޒުރެކެވެ. މިފަހަރު އެކަން އެމަގުން ނުވާނެކަން ކަށަވަރު ކުުރުމަށް އަލީގެ އޮތްހާ އޮތް ޕާސްޕޯޓެއް ބާތިލުކޮށްދިނުމަށްވެސް މިއޮތީ އެދެވިފައެވެ. މިފަހަރު އުފައްދާ ސުވާލަކީ އޭނާ ބޭރުގެ ހުރުމުން އެކަން ކުރެވޭނެތޯ އެވެ. އެކަން ކުރެވޭނެ އެތައް ގޮތެއް ދައުލަތުން ބަޔާންކޮށްދީފިއެެވެ. ކުރަންޖެހޭ ސަބަބުވެސް އެއޮތީ ސާފުކޮށް ފެންނާށެވެ. 

ދެން އުފެދޭ ސުވާލަކީ މިހުރިހާ ސަބަބެއް މިގޮތައް އޮތް ނަމަވެސް މިފަހަރުވެސް ކޯޓުތައް އަލީގެ ފައިބުޑުގައި ކުޑަކަކޫ ޖަހާނީތޯއެވެ. އެކަމުގެ އުޒުރަކަށް މިފަހަރު "އެމަނިކުފާނު ބޭރުގައި ހުންނަވާ ހުންނެވުން" ނަހައްދަވައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް