ads
ރައްޔިތުންގެ މަޖިލީހުގެ އިދާރާ-
ރިޕޯޓް: އިއްޒަތްތެރީ މެންބަރުންނެއް ނޫން! އިއްޒަތްތެރީ ރައްޔިތުން!
އޭނާ އޭރު އެރަށު މީހުންނާއެކު ފަރުމަހަށް ގޮސް އުޅުނެވެ. ފުޓު ބޯޅަކުޅެންވެސް އުޅުނެވެ. ބައެއްފަހަރު ރަށުން ނަގާ ފުޓުބޯޅަ ޓީމާއެކު ވަރަށް ހަރަކާތްތެރި ކޮށް ވެސް އުޅެއެވެ. އަދި ބައެއްފަހަރު ރޭގަނޑު ގްރޫޕްތަކާ އެއްކޮށް ގޮސް ލާނެތްކޮށްވެސް އުޅުނެއެވެ. އޭރު އެކުވެރިން އޭނާއާ މުހާތަބު ކޮށް އުޅުނީ "ކަލޭ" އޭކިޔައިގެންނެވެ. އަދި ބައެއްފަހަރު އެއަށްވުރެ ވެސް ދަށު ދަރަޖައަކުން މުހާތަބު ކޮށް އުޅުނެވެ.

ކުއްލިއަކަށް ފެނުނީ ރައްޔިތުގެން ބޮޑު ބިޔަ އިމާރާތުގެ ތެރެއިންނެވެ. "އިއްޒަތްތެރި ނޫން ރައްޔިތުން"ގެ މަޖިލީހުންނެވެ. އިއްޒަތްތެރި މެންބަރެއްގެ ގޮތުގައެވެ. އިއްޒަތްތެރިވީ އެންމެ ގޮތަކުންނެއް ނޫނެވެ. އެތައް ގޮތަކުންނެވެ. ލިބޭ މުސާރަ އިއްޒަތްތެރިއެވެ. އެލަވަންސްތައްވެސް އިއްޒަތްތެރިއެވެ. ސިއްހީ ހިދުމަތްތައްވެސް އިއްޒަތްތެރިއެވެ. އެކަމަކު އަދިވެސް އެވަރު މަދުވެގެން ބައެއް އިއްޒަތްތެރި މެންބަރުން އުޅުއްވާ ތަން ފެންނަން ފަށައިފިއެވެ. 

your imageރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މެމްބަރުންނަށް ހަމަޖައްސާފައިވާ އެއާޕޯޓު ވީއައިޕީ ހިދުމަތުގެ ތެރޭގައި ރައްޓެހިން ހިމެނުމުގެ ނިންމުން ތަންފީޒު ނުކުރަން ވަނީ ނިންމާފައެވެ. އިމްތިޔާޒު ނުލިބޭ ކަމުގެ ބަހުސް  ހޫނުވެ މެމްބަރުން ނިކަމެތިކުރަމުންދާ ވާހަކަ ފެށުނެވެ. އެމްޑީޕީގެ މެންބަރުންނެވެ. އެ މެމްބަރުންގެ ހިތްހަމަނުޖެހުމަކަށް ވީ އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ކުޅުނު މެޗު ބަލަން ދަނޑުގެ ރެސްޓްރޮމް އިން ޖާގަ ނުލިބުމެވެ.

ދިއްގަރު ދާއިރާގެ މެމްބަރު، އިކްރާމް ހަސަން ވިދާޅުވީ އިއްޒަތްތެރި މެންބަރުންނޭ ކަޔަން މަޖުބޫރޫ ކުރުވާފައި އޮތް ނަމަވެސް އިއްޒަތްތެރި ކަމުގެ އިހުސާސް ބޭރުތެރޭގައި ނުވާކަމަށެވެ. އަދި ހަގީގީ މާނައިގައި އެ އިމްތިޔާޒު ތައްވެސް ނުލިބޭ ކަމަށެވެ. 

އިއްޒަތްތެރިކަން ލިބޭނީ ކިހާވަރެއް ވީމާ ހެއްޔެވެ. މަޖްލިސް ގޭގައި ދައްކަން ބޭނުންހާ ވާހަކައެއް ދައްކަން ވީއެވެ. ދީނުގެ އަސްލަކާ ހިލާފު ނުވާން އޮވެއެވެ. އެކަމަކު ދީނުގެ އަސްލަކާ ހިލާފު ވިޔަސް އެޅޭ ފިޔަވަޅެއް އޮތްހެނެއް ހިއެއް ނުވެއެވެ. އެކަންވެސް މަޖިލީހުގައި ކޮށްފައިވާތީއެވެ. އަދިވެސް އިއްޒަތްތެރިކަން ލިބޭލެއް މަދީ ހެއްޔެވެ.  

ރައްޔިތުންގެ މަޖިލީހަށާއި، ސަރުކާރާއި މިނިވަން މުއައްސަސާ ތަކަށް އަންނަނީ ރައްޔިތުންގެ ހާދިމުންނެވެ. އެމަގާމްތަކަށް އަންނަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށެވެ. ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމަށެވެ. ރައްޔިތުންގެ މުހުދާދުތައް އުސޫލެއްގެ ތެރެއިން ހަމަޖައްސައި ރައްޔިތުން ބޭނުންވާ ހިދުމަތް ފޯރުކޮށް ދިނުމަށެވެ. އެކަން ހަނދާނުން ކައްސާލަން ވެއްޖެނަމަ ހަނދާން ނައްތާ ތިލެވެނީ ރައްޔިތުން މަތީންނެވެ. ތިޔަ ވެވެނީ ނަފްސީ ނަފްސީއެވެ. އެހެން ވާން ވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ހިމާޔަތް ކުރަނީ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކަން ގިނަ ބަޔަކު ގަބޫލު ކުރާ ނެއެވެ. 

your imageކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު- ފޮޓޯ: މަޖިލިސް

އިމްތިޔާޒުގެ ވާހަކަ މެމްބަރުން ފެއްޓެވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާއްމު ކޮމިޓީގެ ނިންމުން ތަންފީޒުކުރައްވަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ، އެ މަޖިލީހުން ލިމިޓްކޮށްފައި އޮތް ވީއައިޕީގެ ހިދުމަތަށް މެމްބަރުންގެ ރައްޓެހިން އިތުރުކުރަން އޮތް އާއްމު ކޮމިޓީގެ ނިންމުމެވެ.

ނަޝީދު ވިދާޅުވި ގޮތުގައި "އިމްތިޔާޒާއި އިއްޒަތް" އެއީ ރައްޔިތުން ދޭ އެއްޗެކެވެ. މެމްބަރުން "ބޮޑޭ ހެދެން އުޅޭވަރުން" ހިތްހަމަނުޖެހުން އެބައޮތް ކަމަށާއި ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އިހްތިރާމް ނުލިބެނީ މެމްބަރުން އުޅުއްވާ ގޮތުން ކަމަށް ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކުރީ ސަފުން ޖާގަ ދެއްވައި މެމްބަރުން އުޅުއްވަން ޖެހިވަޑައިގަންނަވާނީ އަބަދުވެސް އެންމެ ފަހަތުގައި ކަމަށެވެ. ކިޔޫތަކުގައި ވެސް މެމްބަރުން އެގޮތަށް އަމަލުކުރެއްވަން އެދިވަޑައިގެންނެވިއެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ ހާދިމުންށް ވާތީއެވެ. އެ މެންބަރުން ތިއްބަވަން ޖެހެނީ އެގޮތުގައެވެ. ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމުގައެވެ. އެއަޒުމުގައެވެ. އެ ހިތްވަރު ގައެވެ. 

your imageދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން

އެހެން ނަމަވެސް މަންޒަރު ފެންނަނީ ދިމާ އިދި ކޮޅަށެވެ. މަޖިލީހަށް ވަދެވުމާއެކު ބައެއް މެންބަރުންނަށް ތިމާގެ ޒިންމާ އާއި މަސްއޫލިއްޔަތު ހަނދާންނެތި ދާތަން ފެނެއެވެ. އަދި މާ ވަރުގަދަ ބާރެއް ލިބި އެހެން ކުދި "ކޯލިޝަންތައް" ހަދައެވެ. ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައެވެ. ކަންކަން ނިންމަނީ އެކޯލިޝަން ތަކުންނެވެ. ބައެއް މެންބަރުން ކުދި ރަސްކަންލުން ކަހަލައެވެ. 

އެހެންނަމަވެސް މަޖިލީހުގައި އޮތީ އެއްކޮޅު އެކަންޏެއް ނޫނެވެ. މަޖިލީހުގައި ހުލްގު ހެޔޮ، ބިނާކުރަނިވި ހިޔާލުތަކާއެކު ބަހުސް ކުރައްވާ މެންބަރުންވެސް އެބަ ތިއްބެވިއެވެ. އެންމެން އެއް ތަރާދަކުން ކިރޭކަށް ނޯންނާނެއެވެ. މަދުން ނަމަވެސް ރަނގަޅު މެންބަރުންވެސް ތިއްބެވީމައެވެ. އެހެންނަމަވެސް މައްސަލައަކީ އިއްޒަތްތެރިކަން ލިބުމުން އެކަމަށް ވުރެވެސް ބޮޑު އިއްޒަތްތެރި ކަމެއް ބޭނުން ފުޅު ވެގެން އުޅުއްވުމެވެ. 

ތިޔަ އިއްޒަތްތެރި މެންބަރު އިއްޒަތްތެރިއަކަށް ހެއްދެވީ ރައްޔިތުންނެވެ. ރައްޔިތުން ތިބި ކިޔުއެއްގެ ފަހަތަށް ދާން ލަދުގަންނަން ޖެހޭނަމަ ތިޔަ އިއްޒަތްތެރިކަން ކެންޑެއް މާގިނަ ދުވަހެއް އޮތް ހެނެއް ހިއެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް