ފުލުހުން ބުނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ގެކޮޅަށް ވަން ކަމުގެ ތުހުމަތުގައި 45 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އުއްތަމަ ފަނޑިޔާރުގެ އާއިލީ ގެކޮޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބަހައްޓާފައި ހުރި ސީސީޓީވީ ގެ ޕޮޒިޝަން ބަދަލުކޮށްފައިވާ ކަން މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ ފާހަގަކުރެވިފައެވެ.
އެކަމާއި ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދީ، އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުން ލާޒިމުކޮށްފައި ވަނިކޮށް، މިފަދަ ހާދިސާއެއް ހިނގާފައިވާތީއެވެ.
ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ވަނީ މިދިޔަ ޖުލައި މަހު ނިންމާ އެމަސައްކަތް ފަށާފައެވެ.
އެކަމާއި ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ސީއެންއެމް އިން ސުވާލުކުރުމުން ވިދާޅުވީ، އެތަން ނިމެން އަދި ދެ ހަފްތާ ވަރުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީ މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ގެކޮޅު ނިމެން އަދި އެއަށްވުރެ ގިނަ ދުވަސް ނަގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެ ގެކޮޅަކީ ވަގުތީ ގެކޮޅެކެވެ. އަދި މިދެބޭފުޅުންނަށް ރަސްމީ ގެކޮޅުގެ ގޮތުގައި ދެ އިމާރާތެއް މާލޭގައި ފަހުން އެޅުމަށް ވަނީ ނިންމާފަ އެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ މަނިކުފާނުގެ އާއިލީ ގެކޮޅުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގެއްލުންދީ ވަދެގަންނަން އުޅުނު ވަގުތަކީ އެ މަނިކުފާނު ގެކޮޅުގައި ވަޑައިގެން ނޫޅުއްވަ ވަގުތެއް ކަމަށްވެއެވެ. އޭރު އުއްތަމަ ފަނޑިޔާރު އިންނެވީ ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއްގައެވެ.
މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުލަތުގެ ތިން ބާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އަންގަވާފައެވެ.