ads
ޓީޗަރުންތަކެއް -- ފޮޓޯ: އަވަސް
ޓީޗަރުންގެ އުދާސްތައް ކެކި އަރަނީ!
މުދައްރިސުން ނުވަތަ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން މިދަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރުގެ މަހުގެ ފަސް ވަނަ ދުވަހެ އެވެ. ސުވާލަކީ މިއީ ކީއްކުރަން ފާހަގަ ކުރާ ދުވަހެއްތޯ އެވެ؟ ބޭނުމަކީ ކޮބައިބާވައެވެ. އެހެން ގައުމުތަކުގައި ކަންތައްތައް ކުރާގޮތުގެ ވާހަކަ ތަކުރާރުކޮށް ކިޔަމުންދާ އިރު އެ ގައުމުތަކުގައި މިކަން އޮންނަނީ މިހެންތޯއެވެ؟ މިކަން ކުރަނީ ރާއްޖޭގައި ޓިޗަރުންގެ އަގުވަޒަން ކުރުމަށް ކަމަށް ބުނެ އުޅެ އެވެ. މިއީ ހަމަ ތެދެއްތޯއެވެ؟ މިހާރު މިފާހަގަ ކުރަމުންދާ ޓީޗަރުންގެ ދުވަހުން ޓީޗަރުންގެ އަގު ވަޒަން ކުރެވޭތޯއެވެ؟ ސުވާލުތަކަށް ދޭނެ ތަފާތު ޖަވާބު ހުންނާނެއެވެ. އެކިމީހުންގެ ހިޔާލުވެސް ތަފާތުވާނެއެވެ. ނަމަވެސް ހަގީގަތް އެނގޭނީ އެކަން ކުރާ މީހާ އަށެވެ.

ފުރަތަމަ ކަމަކީ މިހާތަނަށް އައި އިރުވެސް ޓީޗަރުންގެ އަގު ވަޒަންކުރާނޭ ނިޒާމެއް ނުވަތަ ޕޮލިސީ އެއްނެތް ކަމަށް ބުނާ ވާހަކަ އެވެ. ރާއްޖޭގެ އެކި އެކި ޖީލުތަކުން ހޮވާލެވެނު މޮޅު ޓީޗަރުން ކޮބައިތޯއެވެ. މިކަން އެނގެނީ ކާކަށް ތޯއެވެ. އެފަދަ ފަރާތްތަކުގެ އަގު ވަޒަން ކުރެވޭތޯ އެވެ. ބައެއް ފަރާތަތަކުގެ ވާހަކަގައި ވިދާޅުވާތީ އަޑުއިވޭ ނަމެއްގެ ވާހަކަ ލިޔެލާނަމެވެ. އެއީ ހުސައިން ސަލާހުއްދީންގެ ނަންފުޅެވެ. ނަމަވެސް އެވާހަކަވެސް އެއްވެސް ފޮތެއްގައި މިހާތަނަށް ލިޔެވިފައިވޭތޯ ވެ. އަދި ސަލާހުއްދީނުގެ ނަންފުޅުން ނަން ދެވިފައިވާ ތައުލީމު ނުނގެނޭ ތަނެއް ވެސް ނެތެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ރިވިއުކުރެވިގެން ހަފްލާ ބޭއްވި އެވެ. ވަކިވަކި މާއްދާތަކުން ފާހަގަ ކުރެވުނު މޮޅު ޓީޗަރުން ކޮބައިތޯއެވެ. އެކަކަށްވެސް ނޭނގެއެވެ. މީގެ ދުވަސް ތަކެއްކުރިން ޓީޗާސް އެވޯޑްގެ ނަމަގައި އެޓީޗަރަކު އަމިއްލައަށް "މަމޮޅޭ" ބުނެ ހުށަހަޅައިގެން، އެ ހަފްލާތަކުގައި އެވޯޑް ހޯދި އެވެ. މިއީ ގިނަ ޓީޗަރުން މިކަން ކުރަން ބޭނުންވާ ގޮތެއް ނޫން ކަމަށްވި އެވެ.  ރާއްޖޭގައި ބާއްވާ ނެޝަނަލް އެވޯޑްތަކަށް ޓީޗަރުންގެ ނަން މިނިސްޓްރީ ޓީޗަރުންގެ ނަން ހަމަހަމަ އުސޫލަކުން ހހުށަނާޅަނީ ކީއްވެތޯ އެވެ. އެހެނިހެން އެހެން ގައުމުތަކުގައި އެކި ނަން ނަމުގައި ޓީޗަރުންނަށް ދެވޭ އެވޯޑަކީ އަގުހުރި އެވޯޑަކަށް ވެގެންދެއެވެ.

ދަރިވަރުންނާ އެހެނިހެން މީސްމީހުން އިންޕަޔަރ ވާވަރުގެ ޓީޗަރުން ޕަބްލިކް ފިގަރ އިންގެ ގޮތުގައި އެޑިޔުކޭޝަނަށް މިނިސްޓްރީއަށް ދެއްކިފައި ނެތީ ކީއްވެގެންތޯ ވެސް މިއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެއްކަމަށް ވެ އެވެ.

އަހަރެއްގެ ތެރޭގައި ސްކޫލްތަކުން އެންމެ ކުލަގަދަކޮށް ފާހަގަ ކުރަން ބޭނުންވަނީ ދެ ދުވަހެކެވެ. އެއީ ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހެވެ. ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން ދެ ދުވަހަށް ވުމުން ދަރިވަރުންނާ ބެލެނިވެރިން އަތުން ފައިސާ ނުނެގުމަށް ސްކޫލުތަކަށް އަންގާކަމަށް ވެ އެވެ. ނަމަވެސް ސްކޫލްތަކުން މިކަން ކުރަނީ އެކި މީހުންނަށް ސަލާމް ޖަހައިގެން ނުވަތަ ބެލެނިވެރިން ލައްވައެވެ. ސްކޫލްތަކަށް ކުރެވޭހާ ވެސް ކަމަކީ ދުވަހުގެ މުނާސަބަތުގައި ކެއުމެއް ދިނުން ކަމަށް ވެ އެވެ. އެއް ދުވަހު އައިސްކްރިމް އަނެއް ދުވަހު އާފަލެއް މިހަކަލަ ގޮތަކަށް ގޮސް ކޮންމެވެސް އެއްރެއަކު ކެއުމެއް ބާއްވާނެކަމަށް ވެ އެވ. ބެލެނިވެރިންނަށް ކުރެވޭ ހުރިހާ ކަމެއް ހުރިހާ ސްކޫލެއްގައި ވެސް ވަރަށް ފުރިހަމައަށް ކުރެ އެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ކުރަނީ ކީއްތޯއެވެ.

ފާއިތުވެ ދިޔަ އަހަރު ކޮންމެ ޓީޗަރަކަށް ވަޒީރުގެ ނަމުގައި ސިޓީ އެއް ދެވުނެވެ، މިފަހަރު ދެނީ ކޭކެކެވެ. މިކަމަށް ދެ ލައްކައެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. އަނެއްކާވެސް ސުވާލެކެވެ. ޓީޗަރުން ނުވެގެން ނުވަތަ ބޭނުންވެގެން އުޅޭކަމަކީ އެއީތޯ ބައެއް ޓީޗަރުން ސުވާލު އުފައްދަ އެވެ. ރެ އާއި ދުވާލު 24ގަޑިއިރު ބުރަ މަސައްކަތް ކުރަމުންދިޔަ ޓިޗަރުންގެ ޕީއޭ ޕްރޮމޯޝަން މިހާރުވަނީ ކަނޑާލާފައެވެ. ލިބޭނީ 2023ގަ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ޓީޗަރުންގެ އިތުރު ގަޑި ވެސް ވަނީ ލިމިޓް ކޮށްފައެވެ. ޓީޗަރުންނަށް އިތުރު ގަޑި ދެވެނީ އެތަނަކަށް އެމަހެއްގެ މުސާރައަށް ކަނޑައެޅިފައި އޮންނަ ބަޖެޓްގެ 10 އިންސައްތައަށް ވުރެ އިތުރު ނުވާމިންވަރަށެވެ. މިނިސްޓްރީގެ ތިބޭ އެޑްމިން އޮފިސަރުން ވެސް މަހަކު އިތުރު ގަޑީގެ ގޮތުގައި ގިނަ އަދަދެއްގެ ރުފިޔާ، އިތުރުގަޑިގެ ގޮތުގައި ނަގާކަމަށްވެ އެވެ. އެއަށްވުރެ މަތީ ފަންތީގެ ތިއްބަވާ ބޭފުޅުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. 

ރާއްޖެއަށް ވަނަ ހޯދި ޓެލިކިލާސްތައް ޓީޗަރުން ކުރިއަށް ގެންދިޔައީ ރެ އާއި ދުވާލު ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. ނަމަވެސް ޕެންޑަމިކް ނިމުނު އިރު ގިނަ ސްކޫލް ތަކުގެ އެމަސައްކަތް ކުރި ޓީޗަރުންނަށް ލޯލާރިވެސް ނުލިބޭކަމަށް ވެއެވެ. މިނިސްޓްރީގެ ކޯޑިނޭޓަރުންގެ ނަމުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑެތި އަދަދުތަކުން ޓެލިކުލާހުގެ ނަމުގައި ފައިސާ ނެގި ވާހަކައެއް ރަށުތެރޭގައި ދެއްކި ކަމަށްވެ އެވެ. ދެވަނަ ފަހަރަށް ޓެލިކްލާހުގެ ރިކޯޑިން އެގޮތަށް ހެދުމަށް ބައެއް ޕްރިންސިޕަލުން އިންކާރު ކުރުމުން ޓިޗަރުންނަށް އެއްކަލަ 10 އިންސައްތައިގެ ތެރެއިން އިތުރު ގަޑި ދިނުން އެންމެ ރަނގަޅު ކަމުގައި އެންގެވި ކަމަށްވެ އެވެ.

ރާއްޖޭގައި އެންމެ ދަތި މާހައުލެއްގައި މަސައްކަތް ކުރާ ބަޔަކީ ޓީޗަރުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެކަމަށް އެމީހުން ބުނެ އެވެ. މަސައްކަތް ކޮށްލާނެ ކޮމްޕިއުޓަރު އެއް ނުހުންނަ ކަމަށް ވެ އެވެ. ބައެއް ސްކޫލުތަކުގެ ސްޓާފްރޫމްގައި  50އަށްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރަން ހުންނާނީ ދެ ނުވަތަ ހަތަރު ކޮމްޕިއުޓަރުކަމަށްވެ އެވެ. 

ކަރިކިއުލަމްގައި ޓެކްނޮލޮޖީއަށް އަހުލުވެރިވުމުގެ ގާބިލިއްޔަތުގެ ވާހަކަ އޮވެއެވެ. ނަމަވެސް ކްލާސްރޫމެއްގައި ޓިވީއެއް ހުއްޓަސް ހުންނާނީ ބެލެނިވެރިން ބެހެއްޓި އެއްޗެކެވެ ނުވަތަ ސްކޫލުން މަސައްކަތް ކޮށްގެން ބެހެއްޓި އެއްޗެކެއްކަމަށްވެ އެވެ، އެވެސް ހޯދުން މިހާރުވަނީ ދަތި ކޮށްފައެވެ. ކްލާސްރޫމް ތަކަށް އިންޓަނެޓް ނުވަތަ ވަފައި ނުލިބޭކަމަށް ވެ އެވެ. ލިބޭ ކްލާސްތަކަށް ވެސް ކުދިންނަށް ބޭނުންވާވަރަށް ސްޕީޑްގައި ނުލިބެއެވެ. ނަމަވެސް ބަރާބަރަށް ދިރާގަށް ފައިސާ ދައްކަވައެވެ. ހައްލުކުރުމުގައި ކުރެވޭ އެއްވެސް މަސައްކަތެއްނެތެވެ. 

ރާއްޖޭގެ ކިތައް ސްކޫލްގައިތޯ ބަރާބަރަށް ޓީޗަރުން ތިބީ މިއީ ވެސް މިއަދު ކޮށްލަން ރަނގަޅު ސުވާލެއްކަމަށް ވެ އެވެ. ތިބި ބަޔަކު އެބުރަ ވެސް އުފުލައެވެ. މަސައްކަތުގެ މާހައުލު މިހާ ދަތި އުދަނގޫކޮށް މަސައްކަތް ކުރާ އިރު ކޭކުފަޅައިގެން ހަމަ އަތްޖަހާލަ ޖަހާލާ ތިބެންވީތޯ އެވެ. ޓީޗަރުންގެ ދުވަސް ފާހަގަކުރަންވީ މި އުސޫލުންތޯ ސިޔާސަތު ކަނޑައަޅާ މީހުން ހަގީގަތުގައި ވެސް ވިސްނާލުން ހަމަ އެންމެ ރަނގަޅުވާނެ އެވެ. އަންނަން އޮތް ޖީލަށް ދަރިން ތަރުބިއްޔަތު ކުރާ ޓީޗަރުންނާ މެދު ކަންކަން ކުރެވެނީ ހަމަ ރަނގަޅަށްތޯ ވިސްނާލުމަކީ ކުރިމަގަށް މުހިންމުކަމަކަންނުވާނެތޯ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް