ads
މަޖިލިސް ޖަލްސާއެއްގެ ތެރެއިން
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަތް މައްސަލައިގައި މަޖިލީހުގައި ހޫނު ބަހުސްތަކެއް!
އުއްތަމަ ފަނޑިޔާރު، އަޙުމަދު މުޢުތަޞިމް އަދުނާންގެ ގެކޮޅަށް މީހަކު ވަތް މައްސަލައިގައި ހުރި ކަންބޮޑުވުން ތަކާއި އެކު އެކަން ބެލުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައާއި ގުޅިގެން، އެކަން ބެލުމަށް، މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެމްބަރ، މުސާ ސިރާޖެވެ. 

މައްސަލަ ހުށަހަޅުއްވަމުން މޫސާ ސިރާޖު ވިދާޅުވީ، 6 މެއި ގެ ހާދިޘާވެސް ހިނގަން އެންމެ ބޮޑަށް ދިމާވި އެއްކަމަކީ، މިފަދަ ކަންކަން ވަރަށް ލުއިކޮށް ނެގުމުގެ ސަބަބުން ކަމަށާއި، އެކަން ނުނިމި އުޅެނިކޮށް ދަޢުލަތުގެ އަނެއް ބާރުގެ ވެރިޔާ ހުންނަވާ ގެކޮޅުގެ ސެކިއުރިޓީ ބްރީޗްވެފައިވާތީ މިކަން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މި މައްސަލަ މި ހުށަހެޅީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެންމެވެސް ވަރަށް ކަންބޮޑުވި މައްސަލައެއް މީ، ޓެރެރިޒަމްގެ ހަމަލާތައް ދިނުމާއި، އަދި ހާއްޞަކޮށް، ދަޢުލަތުގެ ވެރިންގެ ސެކިއުރިޓީއަށް އައިސްފައި ހުރި ބްރީޗްތަކާއި މެދު. 6 މެއި ގައި ދެވުނު ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަރަށް އިސްކަމެއް ދީގެން، ޓޫފޯވަން ކޮމެޓީން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން، ބޮޑު ރިޕޯޓެއް ތައްޔާރު ކުރީ. އޭގަ ހުރި ކަންކަމަށް ބަލާއިރު، 6 މެއިގެ ހާދިޘާ ހިނގަން އެންމެ ބޮޑަށް ދިމާވި އެއްކަމަކީ، މިފަދަ ކަންކަން ވަރަށް ލުއިކޮށް ނެގުމުގެ ސަބަބުން" މޫސާ ސިރާޖު ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަޞީމް ވިދާޅުވީ، ދަޢުލަތުގެ އެއް ބާރުގެ ވެރިއެއްގެ ސެކިއުރިޓީ މިފަދައިން ބްރީޗް ވުމަކީ، މުޅި ދަޢުލަތް މިކަމަށް ސަމާލުވެ، މުޅި ދަޢުލަތުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ކަމަށެވެ.

"މީގެ އެންމެ ފަސް މަސް ދުވަސް ކުރިން، ދަޢުލަތުގެ އެއްބާރުގެ އެންމެ އިސްވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ނެތިކޮށްލެވޭނެ ފަދަ ބޮޑު ހަމަލާއެއް ދެވިފައިވަނިކޮށް، ދަޢުލަތުގެ އަނެއް ބާރުގެ ވެރިއެއްގެ ސެކިއުރިޓީ މިފަދައިން ބްރީޗް ވުމަކީ، މުޅި ދަޢުލަތް މިކަމަށް ސަމާލުވެ، މުޅި ދަޢުލަތުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން." މީކާއީލް ވިދާޅުވިއެވެ.

މި މަޢުޟޫގައި، މެމްބަރު އިމްތިޔާޒު ފަޙުމީވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އިންތި ވިދާޅުވީ، ވަރަށް އާދައިގެ ގޮތަކަށް މިކަން ހިނގާފައިވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި، މިކަމާއި ގުޅޭގޮތުން، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ދެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ.

"ލާހޫރެމުން ދާ ބުޅަލެއް ގެއަކަށް ވަންނަހެން، ވަރަށް ފަސޭހަކަމާއި އެކު، ދަޢުލަތުގެ އެއްބާރުގެ ވެރިޔާގެ ގެކޮޅަށް، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަދެ އެ ގޭގައި ހުރި ސެކިއުރިޓީ ކެމެރާ ތަކާއި، ކުޅުނު ޚަބަރު އަޅުގަނޑުމެންނަށް އިވިގެން ދިޔައީ. ވަރަށް އާދައިގެ ގޮތަކަށް އެކަން ހިނގައިގެން ދިޔަކަން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަނީމާ، އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރ ވަޑައިގެން ވަގުތުގައި އަޅުގަނޑު ސުވާލެއް ދަންނަވާލިން. އެހާ ފަސޭހަ ކަމާއި އެކީގައި އެ ގެއަށް ވަދެ، އެކަން ކުރެވުނު އިރު، އެ ގޭގެ ސެކިއުރިޓީ ދަށްކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވޭތޯ ނުވަތަ ނޫންތޯ. ދެން އެ މިސްރާބު އަނބުރާލުމަށްޓަކައި، މަސްތުވާ ކުއްޖަކު ވަދެގެންނޭ މި އުޅެނީ. އަޅުގަނޑު ހަނދާނަށް އަންނަނީ އީވާން ނަޞީމް މަރާލި ހަނދާން. މުޅި މިސްރާބު އަނބުރާލީ، އެއީ މިވެނި ބާވަތެއްގެ ކުއްޖެކޭ ބުނެ. ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ހޯމް މިނިސްޓަރ ދެއްވީ." މާފަންނު އުތުރު ދާއިރާގެ މެމްބަރ، އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވައިލި މައްސަލައިގައި އެމްޑީޕީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް