މޮޅުވީ ދިވެހިން، އިހްތިރާމާއި ލޯބި ހޯދީ ބަންގާޅުން!
Share
ސާފު ޗެންޕިއަން ޝިޕުގެ ފޯރި ހިއްޕާލާފައިވާ މިދަނޑިވަޅުގައި މުޅި ގައުމުން ފެންނަނީ ރަތް ހުދާއި ފެހީގެ ކުަލަވަރު އެކަންޏެއް ނޫނެވެ. ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކުގައި ފޯރި އަދި ވާދަވެރި ކުޅުމެއް ދައްކަމުންދާ އެކުވެރި ބަގްލަދޭޝްގެ ޓީމުގެ ކުލަތައްވެސް މާލޭ ތެރެއިން ފިލައިގެން ނުދެއެވެ.
Advertisement

މިހާތަނަށް ތިން މެޗެއް އެ ޓީމުން ކުޅުނުއިރު އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗުން އިދިކޮޅު ޓީމު މޮޅުވިޔަ ނުދީ ހިފަހައްޓާފައި ވެއެވެ. 

ފުރަތަމަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅެ 0-1 އިން ލަންކާ ބަލިކުރިއެެވެ. ދެވަނަ މެޗުގައި 10 މީހުންނާ އެކު ކުޅެ ވަރުގަދަ އިންޑިއާ މޮޅު ވިޔަ ނުދީ 1-1 ގައި ހިފަަހައްޓާލިއެވެ. ކާމިޔާބު ނުވީ ތިންވަނަ މެޗެވެ. އެއީ ރޭ ރާއްޖެއާއިއެކު ކުޅުނު މެޗެވެ. ރޭގެ މެޗުން މޮޅުވި ނަމަ ހަތް ޕޮއިންޓާ އެކު މުބާރާތުގެ ފައިނަލާއި ގާތްކުރީހެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ޗެމްޕިއަންޝިޕް ފެށުނީންސުރެ އެ ގައުމުން ހޯދަމުން އައި "ކުަލަ ގަދަ" ކާމިޔާބީއާއިއެކު ރޭގެ މެޗަށް ބަންގާޅު ޓީމުން އެރީ ވަރަށް ފޯރީގައެވެ. ކުޅުނީ ވާދަވެރި ކުޅުމެކެވެ. ފޯރި ދިނުމަށް ދިވެހިންނަކަށް ވަކި ދުލެއް ނުކުރެއެވެ. ކަނޑައަޅާފައިވާ ލިމިޓަށް ޓިކެޓު ހޯދައިގެން މެޗު ބަލަން ވަނީ ފޯރީގައެވެ. ޓިކެޓު ލިބުނު ވަރާއިމެދު ހިތްހަމަ ނުޖެހުންތަކެއް އޮތްނަމަވެސް މެއެވެ. އެ ގައުމުގެ ނޫސްވެރިޔާގެ ކަރުގައި އޮތް ކާޑު ނަގައި އޭނާގެ މަސައްކަތައް ހުރަސް އެޅި ނަމަވެސް މެއެވެ.

ބަގްލަދޭޝް ސަޕޯޓަރުންނަށް މެޗު ބަލަން ވަދެވޭނެ ކަމަށް ކަނޑައަޅާފައި އޮތީ 200 މީހުންނަށެވެ. ރާއްޖެ އަށް 1000 ޓިކެޓެވެ. 2 ލައްކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިވެހިރާއްޖޭގައި އޮންނަ ބަގްލަދޭޝް މީހުން އެ ގައުމުގެ މެޗުތަކަށް ދިން އަހްމިއްޔަތު ކަމަކީ، ޓިކެޓެއް ވިއްކާ އަގަށްވުރެ ބޮޑު ކޮށް ޓިކެޓު ވިއްކަމުންދިޔަ ބައެއް ދިވެހީންގެ އަތުންވެސް ޓިކެޓު ގަނެގެން ރޭ އެ ގައުމުގެ ޓީމަށް ސަޕޯޓު ކުރަން ވަނުމެވެ. 

އެހެންނަމަވެސް ވާދަވެރި ކުޅުމަކާއި އެކު ފުރަތަމަ ހާފު ލަނޑެއް ނުޖެހި ވަނީ މެޗު ނިންމާލާފައެވެ. ދެވަނަ ހާފު ފެށިގެން 54 ވަނ މިނެޓުގައި ރާއްޖޭގެ ފުރަަތަމަ ލަނޑު ކާމިޔާބު ކުރިއެވެ. ދެވަނަ ލަނޑު 74 މިނެޓުގައި ކާމިޔާބު ކުރިއެވެ. މެޗު ނިމުނީ ދިވެހިންގެ ގައުމީ ދުވަހު ދިވެހިންނަށް ކާމިޔާބު ލިބިގެންނެވެ. ވަރުގަދަ ބަގްލަދޭޝް ބަލިކޮށް އެނބުރި އައީއެވެ. 

އާއެކެވެ. ރާއްޖެ މޮޅުވިއެވެ. ފަހުރުވެރިވެ، އުފާވެރިކަން ދިވެހިންނަށް ގެނެސްދިނެވެ. ނަމަވެސް އިހްތިރާމާއި ލޯބި ހޯދީ ބަންގާޅު ޓީމުންނެވެ. މިއީ އަޅުގަނޑު އެކަނި ބުނާ ވާހަކައެއް ނޫނެވެ. ފެންނަމުންދާ މަންޒަރުތަކާއި، ވައިރަލް ވަމުންދާ ފޮޓޯތައް އެކިޔައިދެނީ އެވާހަކައެެވެ. ޓްވިޓާގައި މިނިސްޓަރު ލެވެލްގެ ބޭފުޅުންގެ ޝުއޫރުތައްވެސް ހަމަ ހުރީ ބަންގާޅު ޓީމަށް ތައުރީފުން ފުރިފައެވެ. 

ކުޅިވަރުގެ ފޯރިއާއި، ހިތްވަރުދިނުމުގެ އަދި ކާމިޔާބު ހޯދުމުގެ ފޯރިއާއިއެކުވެސް ދެއްކީ އިހްތިރާމް ކުރުމުގެ ރިވެތި ނަމޫނާއެކެވެ. ބަންގާޅު ޓީމުގެ ސަޕޯޓަރުންގެ ބެންޗުން ވައިރަލް ވަމުންދާ ފޮޓޯތަކުން ފެންނަނީ " އައި ލަވް ބަގްލަދޭޝް، ވީ ރެސްޕެކްޓް މޯލްޑިވްސް" ޖަހާފައިވާ ބޯޑެއް ހިފަހައްޓާލައިގެން ހުރި ބަގްލަދޭޝް ރައްޔިތެކެވެ. ޖޯޒީ އަކީ އެގައުމުގެ ޖޯޒީއެވެ. ބޮލުގައި އަޅާފައި އޮތީ އެ ގައުމުގެ ދިދަ ރަމްޒުކޮށްދޭ ތޮތްޕެކެވެ. ފަހަތުން ފެންނަނީ ފެހި ރަތުގެ އެ ގައުމުގެ ދިދައެވެ. ނަމަވެސް ހިތް އޮތީ މާތް އިސްލާމް ދީނުގެ އަހްލާގުން ފުރިފައެވެ. 

ރޭގެ މެޗުން ވާދަވެރި ކުޅުމެއް ކުޅެ ދެލަނޑު ސުންލަނޑުން ބަންގާޅުން ބަލިކޮށް ރާއްޖެ ކާމިޔާބު ހޯދީ އަހަރެމެންގެ ގައުމީ ދުވަހުއެވެ. މިއީ އަހަރެމެންނަށް މޮޅުވުން މަޖުބޫރު މުހިންމު މެޗެއްވެސް މެއެވެ. އެ މެޗުން މޮޅު ނުވިނަމަ ފައިނަލަށް ދާން އޮތް ފުރުސަތު ވަރަށް ހަނިވީހެވެ. އެހެންކަމުން ލޭގައި ހިނގާ ރަތްލެއިން ފެވިގެން އެ ޖޯޝު ހިނގާނެކަން ގައިމެވެ. މުޅި ދަނޑު ގުގުމީ ރަތާއި ފެހިންނެވެ. އަހަރެމެން ހިތްވަރުދިނީ އަމިއްލަ އެދުމަކުން ފޯވެގެން ތިބެ ގައުމީ ރޫހުގައެވެ. ނަމަވެސް އިންސާނިއްޔަތު ކަމުގެ ރޫހު އެންމެ ބޮޑަށް ފެންނަން ޖެހޭ ބަޔަކީ އަހަރެމެންނެވެ. ގައުމީ ދުވަހެއް ފާހަގަކުރެވެނީ އެހެން ވެއެވެ. ރާއްޖެ އަކީ ޒަމާނުންސުރެ އިހްތިރާމާއި ގަދަރާއި، ލޯތްބާއިއެކީ އެ އުސޫލުތަކުގެ މަތިން ހިނގި ގައުމެކެެވެ. 

މެޗުގެ ތެރެއިން ވަރަުގަދަ ރޫހެއްގައި ހިތްވަރުދޭން އެތަނަށް ޖަމާވި މީހުންނަށް އައްސަރިބަހާއި ސާބަހެވެ. ގައުމީ ރޫހެއްގައި ގައުމީ ޓީމަށް ހިތްވަރުދިނެވެ. ޓީމު މޮޅުވިއެވެ. ހަމްދު ހުއްޓެވެ. އޭގެ ފަހުން ދެން ސޯޝަލް މީޑިއާއިން ފެންނަން ފެށީ މަރުހަބާ ކިޔުމާއި އުފާ ފާޅުކުރުމެވެ. "މިއީ އަހަރެމެންގެ ގައުމު، ކަލޭމެންގެ އެއް ނޫން" ކިޔާ ބައެއް ޕޯސްޓުތައް ކޮށްފައި ހުއްޓާ ދެކުނީމެވެ. 

ނަމަވެސް މެޗްގެ މާކުރިން އެދުވަހު ޕްރެޒެންޓަރަކު ބަނގުލަދޭޝް މީހެއްގެ ގާތުގައި މައިކް ދިއްކޮށް މޮޅުވާނީ ކޮންބައެއްތޯ ސުވާލުކުރުމުން އޭނާ ބުނި ކަމަށް ވެއެވެ. "ބަނގުލަަދޭޝް މަގޭ ގައުމު. އެކަމަކު މަގޭ ވަޒީފާގައި އުޅެނީ، ނިދަނީ ކަނީ، ބޮނީ ރާއްޖޭގަ. މުސާރަދެނީ ދިވެހި މީހާ. އެހެންވީމައި ކޮންމެ މީހާ މޮޅުވިޔަސް އަހަރެން ވަރަށް އުފާވާނީ".

އެޔަށްފަހު ލިބުނު ދެރައަށްފަހުވެސް ބަގްލަދޭޝް ސަޕޯޓަރުން މެޗު ނިންމާލާފައި، ދަނޑުން ނިކުމެގެން ދަމުން އުފާ ފާޅުކުރަމުން ނިކުމެގެން ދިޔަތަން ފެނުނެވެ. ދިވެހިންގެ އުފަލުގައި ބައިވެރިވެ "އަހަރެމެންގެ ދެވަނަ ޓީމަކީ މޯލްޑިވްސް" އޭ ގޮވަމުންނެވެ. 

މިއީ ވާދަވެރިކަމާއި ގައުމަށް އޮތް ލޯތްބާ އެކުވެސް އިހްތިރާމް ކުރުމުގެ ވަރުގަދަ މިސާލެކެވެ. ތައުރީފު ހައްގެވެ. މިކަން އެންމެ ބޮޑަށް ފެންނަން ވާނީ އަހަރެމެންގެ ކިބައިން ނޫންހެއްޔެވެ؟ ނޫނީ މިކަން މިމަގުން އަހަރެމެންނަށް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އަހަރެމެން އަހަރެމެންގެ ގައުމުދެކެ ލޯބިވާ ފަދައިން އެހެން މީހުން އެމީހުންގެ ގައުމުދެކެވެސް ލޯބިވާނެ އެވެ. ދެކޮޅަށް ކުޅޭ މެޗެއްގައި ތަރުހީބުދީ އަތްތިލަ ބަޑި ޖަހަނީ ގައުމީ ލޯތްބަށްޓަކައެވެ. ނަމަވެސް އެ ފޯރީގައި އިންސާނިއްޔަތުކަން ގެއްލިގެން ގޮސްފިނަމަ އަހަރެމެން ވާނީ ވަލު ޖަނަވާރުންނަށެވެ. 

އަހަރެމެން، އަހަރެމެންގެ ގައުމުދެކެ ލޯބިވާ ފަދައިން އެހެން މީހުން އެމީހުންގެ ގައުމުދެކެވެސް ލޯބިވާނެއެވެ. ނަމަވެސް އަހަރެމެން ގައުމަށްދޭ އިހްތިރާމާއި ލޯބި އެހެން ގައުމެއްގެ ބަޔަކު ދޭނަމަ އެއީ އަދި މާ އުފާވެރިކަމެކެވެ. އެއީ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ހިފަހައްޓަނީ އެވެ. އިންސާނިއްޔަތުކަން ހިފަހައްޓަނީ އެވެ. ރިވެތި އަހްލާގު ދަމަހައްޓަނީ އެވެ. 

އެހެންކަމުން އަހަރެންގެ ނަޒަރުގައި ތެދެކެވެ. މޮޅުވީ ރާއްޖެ އެވެ. ނަމަވެސް އިހްތިރާމާއި ލޯބި ލިބިގެން މެޗު ނިންމާލާފައި ދަނޑުން ނިކުމެގެން ދިޔައީ ބަންގާޅު ޓީމުންނެވެ. 

79%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް