މި ފިލްމު ރަސްމީކޮށް އިފްތިތާޙު ކޮށްފައިވަނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މުހައްމަދުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމްގައި ބޭއްވި ޖަލްސާގައެވެ.
ފިލްމާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެޖިހާދު ގެނެސްދިނުމަށްޓަކައި ފެށި ވަރަށްބޮޑު ޕްރޮޖެކްޓެއްކަމަށެވެ.
ބޮޑުތަކުރުފާނަކީ، ދިވެހި ޤައުމު ދުށް އެންމެ ވަރުގަދަ ޝަޚްޞިއްޔަތެވެ. އެންމެ މަތިވެރި ބަޠަލެވެ. އެންމެ ރޭވުންތެރި މުޖާހިދެވެ. އެންމެ ކުޅަދާނަ ހެއްވެވެ. އެންމެ ހިތްވަރުގަދަ ފަހުލަވާނެއެވެ. އެންމެ ހިކުމަތްތެރި ޙަކީމެވެ. އެންމެ ކެތްތެރި ޞާބިރެވެ. އެންމެ މޫރިތި ރަސްގެފާނެވެ. އެންމެ ހަންހާރަވެތި ޤައުމީ ބަޠަލެވެ.
އެމަނިކުފާނުގެ ބައްޕާފުޅަކީ ހއ. އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނެވެ. މަންމާފުޅަކީ ހއ.އިހަވަންދޫ އާމިނާ ދިޔޯއެވެ. އުފަންވެ ވަޑައިގެންފައިވާ ކަމަށްވަނީ ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގެ 3 ވަނަ ދައުރުގެ ތެރޭގައެވެ.
ބޮޑު ތަކުރުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ ބައްޕާފުޅު އުތީމު ޙުސައިން ޚަޠީބު ތަކުރުފާނާއި ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުން ކަމަށް ވެއެވެ. ޢަސްކަރީ އުކުޅުތަކާއި އެހެނިހެން ހުނަރުތައް ދަސްކުރެއްވި ކަމަށް ވަނީ ބޭދަޅީންނެވެ. ބޭދާޅީ ނުވަތަ ބީދާޅީއަކީ އިންޑިއާގެ ބެންގަލޫރު ކައިރީގައި އޮންނަ ރަށެއް ކަމަށް ވެއެވެ.
އެމަނިކުފާނު ތުއްޕުޅުއިރު އުތީމު ތުނޑީގައި މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕަވަން އުޅުއްވި ކަމުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެ ހިއްޕަވާ ދޫނިތައް މިނިވަން ކުރެއްވުމަކީ އެމަނިކުފާނުގެ އާދަފުޅެއް ކަމަށްވެސް ރިވާވެގެންވެއެވެ.