ads
ރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ޖިއާންގެ މަރުގެ ބަދަލުދޭން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި
ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ ތަނެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ބަގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ މަރުގެ ބަދަލެއްގެ ގޮތުން ޖިއާންގެ މައިންބަފައިންނަށް 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އެކުންފުނީގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރަން އެ ކުންފުނިން ހުށަހަޅައިފި އެވެ.
Advertisement

ޑަބްލިޔު ކޮންސްޓްރަކްޝަންއިން އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ ދަށުން މަންމައާއިއެކު ހިނގާފައި ދަނިކޮށް ސިމެންތި ބަސްތާއެއް ބޮލަށްވެއްޓި ހަތް އަހަރުގެ ޖިއާން މަރުވީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު 16ވަނަ ދުވަހު އެވެ

ޖިއާންގެ މަރުގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. 

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ މައިންބަފައިންގެ ފަރާތުން ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ކަނޑައަޅައި އެ ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގާފައެވެ. 

އޭގެފަހުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން މިހާރު ވަނީ އެމައްސަލަ އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާފައެވެ. 

ހައި ކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް "ސީއެންއެމް"އަށް ވިދާޅުވީ ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން އިސްތިއުނާފު ކޮށްފައިވަނީ މިމަހުގެ 16ވަނަ ދުވަހު ކަމަށެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލަ ބަލައިގަތުމާއިމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދެމަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމްކޮށް ސިވިލް ކޯޓުން މިދިޔަ އޮގަސްޓުމަހު ކުރި އެ ހުކުމުގައި ބުނެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާތަކެއްގެ ތެރެއިން ދުވާރުމައްޗަށް ވާގޮތަށް ތިރިއަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އެވަގުތު ދުވާރުމަތިން ހިނގާފައިދިޔަ ޖިއާންއަށް އެކަމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވާތީއާއި، ޖިއާން މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް އެކުންފުނީގެ ރަސްމީ މަސައްކަތެއްގެ ތެރެއިން ކުޅަ ފަރުވާކުޑަ އަމަލުތަކެއްގެ ނަތީޖާއެއްގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

އަދި އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން، އެ އަމަލު ކުރިފަރާތްތައް ތަބާވާ އިދާރާގެ ހައިސިއްޔަތުން ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލަންޖެހޭކަން މަދަނީ މިންގަނޑުންވެސް ސާބިތުވާކަމަށެވެ.

ޖިއާން މަރުވި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ ހިމެނޭގޮތަށް ހަ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެއީ އިންޑިއާގެ ހަތަރު މީހަކާއި އެ ކުންފުނީގެ ސުޕަވައިޒަރު މޫސާ ހަސަން އާއި ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށެވެ. އެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުގައި ދައުވާ ސާބިތު ނުވީ އެ ކުންފުނީގެ އެމްޑީ ޝަފީގްގެ މައްޗަށް އެކަންޏެވެ.

ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ. ދެން ތިބި މީހުންގެ ތެރެއިން މޫސަގެ މައްޗަށް 115،200ރުފިޔާގެ ގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، ދެ ބިދޭސީންނަށް އިއްވީ 7،200ރުފިޔާގެ ގެ ޖޫރިމަނާގެ އަދަބެކެވެ.

ޖަލަށްލާން ހުކުމްކުރީ ސިމެންތި ބަސްތާ މައްޗަށް ނަގަމުން ދިޔައިރު، ވިންޗް އޮޕަރޭޓް ކުރަން ހުރި ރައްޖާވް އަލީ އާއި އޭނާ އަށް އެހީތެރިވާން ހުރި މުތުމަނި ރަމަޗަންދުރަންގެ މައްޗަށެވެ. މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ ރައްޖާވްގެ މައްޗަށް ސާބިތުވާތީ އޭނާ ހަ އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު، މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވާތީ މުތުމަނިގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، އެ ހާދިސާ ހިނގިއިރު މަތީގައި ހުރެގެން ރައްޖާވް ވިންޗް އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އޭނާއާ އެ މަސައްކަތް ހަވާލު ނުކުރަނީސް އަމިއްލަ އަށް ކަން ސާބިތުވާ ކަމަށެވެ. އެ މަސައްކަތް ކުރަމުން ދިޔައިރު، އެތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތުން، މަގުމަތިން ހިނގާ މީހެއްގެ ގަޔަށް އެއިން ބަސްތާއެއް ވެއްޓުމުގެ ނުރައްކާ އޮތް ކަމަށާއި އަދި އެފަދަ ނުރައްކަލެއް އޮތްކަން އެނގި ހުރެ އޭނާ އެ މަސައްކަތް ކުރި ކުރުމަކީ އޭނާ ކުރި ފަރުވާ ކުޑަ އަމަލެއް ކަމަށް ގާޒީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް