މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮލެއްޖައި ގާއިމްކުރި ފުރަތަމަ ސައިކޮލޮޖީ އެސޯސިއޭޝަނެވެ. ވިލާ ކޮލެޖުގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ ހަފްލާގައި މި އެސޯސިއޭޝަން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދުއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ހަފްލާގައި އެސޯސިއޭޝަން އިފްތިތާހު ކޮށްދެއްވަމުން މެޑަމް ފަޒުނާ ވަނީ ނަފްސާނީ ހިދުމަތް ދެއްވާ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސް ހިފެހެއްޓުމާއި، އޭގެ ސްޓޭންޑާޑް ކޮމްޕްރޮމައިޒް ނުކުރެއްވުމަށް އެދިވަޑައި ގަންނަވާފަ އެވެ.
މިހަފްލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުން އިތުރުވަމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ހުރިހާ މުވައްސަސާތަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އިޙްސާންތެރި ވުމަށާއި މުޖުތަމައުއަށް ލިބިގެންދާ ފައިދާތަކަށާއި އެކަމުގެ މުހިންމުކަން ދެނެގަތުމަށްވެސް މިހަފްލާގައި އެކަމަނާ ވިދާޅުވި އެވެ.
މިފަދަ އެސޯސިއޭޝަނެއް ވިލާ ކޮލެޖުގައި ގާއިމްވެ ދިއުމަކީ ނުހަނު އުފާ ކުރައްވާ ކަމެއް ކަމަށާއި އަދި މިމަގުސަދު ތެރޭގައި ވިލާ ކޮލެޖުގެ ފަރާތްތަކަށާއި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.