ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ސިނަމާލޭގެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އާއްމުންނަށް ދެއްކުމަށް ފްލެޓުފޯމަކާއެކު، ކާ އެއްޗެހި ވިއްކާ ތަނެއް ހަދައި، ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏާ އޭރުގެ ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ މުއްދަތަށް ސެޕްޓެމްބަރު 22، 2016 ގައި ސޮއިކުރިކުރި އެވެ.
އެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ވެސް ކުއްޔަށް ދިން ފަރާތަށް ލިބެ އެވެ.
އެހެންވެ، ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 1، 2018 އިން ފެށިގެން ފެބުރުއަރީ 27، 2019 އާ ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،149،271 ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި އެވެ.
އެ މައްސަލައިގައި ދަށު ކޯޓުން ސެޕްޓެމްބަރު 26، 2019 ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި 1،149،271ރ. އާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ސްޓްރާޑާގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ނިންމީ އެއްބަސްވުން ބާތިލު ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި އެ ނިންމުން ބިނާކުރި ސަބަބުތައް ސައްހަ ނޫން ކަމަށް ބަލަންޖެހޭ ސަބަބެއް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
އެހެންވެ، ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ފައިސަލް ކުރެއްވި ހުކުމުގައި ވެ އެވެ.
ބްރިޖު ފްލެޓުފޯމުގެ މައްސަލަ ހައި ކޯޓުން ދެމެހެއްޓިއިރު، އެ މަސައްކަތް ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ދިން ކަމަށް ތުހުމަތުކޮށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިިދިޔަ ބުދަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ.
ނަމަވެސް އެ މައްސަލައިގައި މުއިއްޒު ވިދާޅުވީ ދައުވާ ކުރަންޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.