ads
ފިއްލަދޫ ދައްޕަރު
ފިއްލަދޫގެ އިހްތިސާސްގައި ދައްޕަރު އަލުން ހިމަނައިފި
ހއ.ފިއްލަދޫ އާއި ގުޅިފައިވާ ދައްޕަރު އެރަށުގެ އިހްތިސޯސް ތެރޭގައި އަލުން ހިމަނުއްވައިފި އެވެ.

މިދިޔަ އަހަރުގެ މާރިޗު 18 ވަނަ ދުވަހު ރައީސް އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ އިހްތިސާސް ހިމެނޭ ސަރަހައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫ ދައްޕަރަކީ ފިއްލަދޫ އިހްތިސާސްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެކެވެ. 

ނަމަވެސް، 2021ވަނަ އަހަރުގެ އޮގަސްޓު 29 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

އޭގެފަހުން ފިއްލަދޫ ކައުންސިލުންނާއި ރައްޔިތުންގެ ޝަކުވާތަކެއް ރައީސް ސޯލިހަށް ހުށަހެޅި މަޝްވަރާތަކެއްވެސް ކުރެވުނެވެ. 

ދައްޕަރު އެރަށުގެ އިހްތިސޯސް ތެރޭގައި އަލުން ހިމަނުއްވާ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އޮގަސްޓް 29ވަނަ ދުވަހު ރައީސް އޮފީހުން ނެރުނު ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ އެ ގަރާރު ބާތިލްކުރައްވާ ކަމަށާއި، ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އަލުން ދައްޕަރު ހިމަނުއްވާފައިވާ ކަމަށެވެ. 

ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވާ މިއަދު ގަރާރު ނެރުއްވާފައި މިވަނީ އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ސޯލިހް ނިންމެވި ކަމަށް މިމަހުގެ ހަތަރުވަނަ ދުވަހު ރައީސް އޮފީހުން ހާމަކުރެއްވި ނަމަވެސް ރަސްމީ ގަރާރު ނެރުއްވުން ލަސްވުމާ ގުޅިގެން ފިއްލަދޫގެ ރައްޔިތުން ޝަކުވާކުރަމުން ދަނިކޮށެވެ. 

ދައްޕަރު މައްސަލާގައި މިދިއަ އޮގަސްޓު މަހުގެ 31 ވަނަދުވަހު ކައުންސިލުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ކައުންސިލުން ބުނެފައިވަނީ 29 އޮގަސްޓް 2021 ވަނަދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ ގަރާރުގައި ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން، އިދާރީ ދާއިރާގެ އިހްތިސާސްއިން ފިއްލަދޫދައްޕަރު، ހއ.ފިއްލަދޫގެ އިހްތިސާސް އިން ވަކިކޮށްފައިވާތީ، އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން އެކައުންސިލްއާއި ހިއްސާ ކުރަމުންދާތީ އާއި ފިއްލަދޫ އުތުރުބަޔަކީ އެކައުންސިލްގެ މުދާ ހުރިތަނަކަށްވެފައި، ރައްޔިތުންނަށް ޖަވާބުދާރީވުމަކީ އެކައުންސިލުން ކުރަންޖެހޭނެކަމެއް ކަމުގައިވާތީ، އެކައުންސިލުގެ މަޝްވަރާއެއްނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިހްތިސާސްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށެވެ. 

އަދި، ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއް ކަމަށާއި، ފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީޚް ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ޤަބުރުސްތާނުން އެކަމަށް ހެކިދޭއިރު، އެސަރަހައްދުގައި ކޮންމެ މަޝްރޫޢުއެއް ހިންގިކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމަކީ އެކައުންސިލުން ކޮންމެހެން ކުރަންޖެހޭނެ ކައުންސިލްގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްގެ ގޮތުގައި އެކައުންސިލުން ދެކޭ ކަމަށެވެ. 

އޭގެ އިތުރުން 1960ގެ ދުވަސްވަރު ވުޒާރަތުލް މާލިއްޔާގެ ދަށުން ފިއްލަދޫ ދައްޕަރާއި އެކު ހއ. އަތޮޅުން ވަރުވާއަށް ލިޔެދެއްވާފައިވާ، ކެލާ ތުނޑިއާއި ބާރަށުމާކޮޅު، އުލިގަމުކުޑަދޫ އަދިކޮށިކޮޅު ފަދަ ތަންތަން، 1974 ގެ ފަހު ކޮޅު، އެރަށަކާއި އެއްފަސްކޮށްހުރިތަންތަން އެރަށެއްގެ ރައްޔިތުންނަށް ދައުލަތުންދެއްވި އިރު ފިއްލަދޫ ދައްޕަރުވެސް ފިއްލަދޫ ރައްޔިތުންނަށް ދެއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ. 

އެރަށްރަށުގެ ބިންތައް މިއަދު އެރަށްރަށުގެ އިޙްތިޞާޞްގައި ހިމެނިފައިވާފަދައިން، ފިއްލަދޫ އުތުރުބައި (ދައްޕަރު)އާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިޚްތިޞާޞްގައި ހިމަނައިދިނުމަށް އެކައުންސިލުން ގޮވާލާފައިވެއެވެ. އަދި ފިއްލަދޫ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިޚްތިޞާޞްގައި އޮވެގެން ތަރައްޤީކުރުމަށް، ޤާނޫނީ އެއްވެސް ހުރަހެއް މިއަދު އޮތްކަމަކަށް އެކައުންސިލުން ނުދެކޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް