ނަފްސާނީ ދުޅަހެޔޮކަމަކީވެސް ހައްގެއް!
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް އިހަކަށް ދުވަހު ފާހަގަ ކޮށްފިއެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރިއިރު ކުރަން ޖެހޭ، އެހެންނަމަވެސް ނުކުރެވިވާ ސުވާލަކީ ނަފްސާނީ ދުޅަހެޔޮކަމާ އިންސާނީ ހައްގާ އެއްވެސް ގުޅުމެއް ވޭތޯ އެވެ. ރާއްޖޭގައި ތަފާތު މުއައްސަސާތައް އެކި ނަންނަމުގައި ހުންނައިރު މިއިން ކޮންމެ މުއައްސަސާއަކުންވެސް ކުރަމުންދަނީ އެ މުއައްސަސާއަކާ އެންމެ ގުޅޭ މަސައްކަތް ތަކެވެ. މި މަސައްކަތުގައި އަވަދިނެތި އެ މުއައްސަސާތަކުން އުޅޭއިރު ސީދާ މުއައްޒަފުންނާ ގުޅުން ހުރި ބައެއް މަސައްކަތްތަކަށް އިހުމާލު ވެވި، ނޫނީ ގަސްތުގައި އަޅާނުލަނީ އެއީ ވަޑިންގެ ގޭގައި ދޮރެއް ނުހުންނާނެ އޭ ބުނާ އުސޫލުން ކުރާ ކަމަކަށްވާތީ ތޯއެވެ؟
އިންސާނާއަށް ބޭނުންވާ އެންމެ ޒަރޫރީ ހައްގަކީ ދިރިހުރުމުގެ ހައްގެވެ. އޭނާއަށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިހުރެވޭނީ އޭނާއަށް ހިތްހަމަޖެހުމާ އުފާވެރިކަމުގައި އުޅެވޭނެ ނަމައެވެ. އެހެން ނޫނީ އެއީ ''ބަލި'' މީހަކަށް ވެދެއެވެ. މި ދެންނެވި ގޮތަށް އުޅެވޭނީ އެއީ ނަފްސާނީ ގޮތުންވެސް އަދި ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ މީހަކަށް ވެގެންނެވެ. އެކަން އެނގި ތިބެ އެކަމާ އެންމެ ގުޅުންހުރި މުއައްސަސާތަކުން މުއައްޒަފުންނާމެދު އިހާނެތިކޮށް އަމަލުކުރުމަށްފަހު ވަޑިންގެ ގޭގައި ދޮރުނުހުންނަ އުސޫލުން އަމަލުކުރުމުން މިއީ ހަމަޖެހޭ އުސޫލަކަށް ވާނީ ކިހިނެއް ހެއްޔެވެ؟
މި ދައްކަނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ވާހަކައެވެ. އެ ކޮމިޝަނުގެ އެތެރޭގައި ކިތަންމެ ބޮޑު ''ޖަރީމާއެއް'' ހިންގި ކަމުގައިވިޔަސް، އެވާހަކަ ބޭރަށް ތިލަ ނުކޮށް ހިފަހައްޓަން ހުރިހާ މުއައްޒަފުންނަށް އޮންނަނީ މަޖުބޫރު ވެފައެވެ. އެތަނުގައި ހިންގާ ކަންކަމަށް ހިތްހަމަ ނުޖެހި އެކަމާ އިދިކޮޅަށް ''އުފް''ވެސް ބުނެލުމަކީ އެތަނުގެ ވެރިންނާމެދު '' އިޙްތިރާމު ކުޑަކުރުން'' ކަމަށްވެދެ އެވެ.
ސީނިއަރެއް ޖޫނިއަރެއް ނެތި އެންމެންގެ ތެރޭގައި ލަދުގަންނުވާ، އިޙްތިރާމެއް ނެތި، ވެރިން ބޭނުންވާ އެއްޗެއް މުއައްޒަފުންނާ ދިމާލަށް ބުނުމަކީ، އެއީ އެތަނުގައި އާންމު ކަމެއްކަމަށް ކުރީގެ އަދި މިހާރުގެވެސް ބައެއް މުވައްޒަފުން ބުނެއެވެ. އެހެންނަމަވެސް ސީނިއަރ މެނޭޖްމަންޓް ދެކޭ ގޮތުގައި އެއީ އެއްވެސް މައްސަލައެއްވެސް ނޫނެވެ.
ކޮންމެ ދުވަހަކު މަދުވެގެން، އެ ކޮމިޝަންގެ ދެ މުއައްޒަފަކު ''ނުރޮއި'' ޑިއުޓީ އަދާކޮށް ނިންމާފައި ގެއަށް ދިއުމަކީ ނާދިރުކަމެއް ކަމަށްވެއެވެ. މުވައްޒަފުން ބުނާ ގޮތުގައި އެ މުއައްޒަފުން މަސައްކަތްކުރަމުން ދަނީ ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކުވެސް އޮފީހަށް ދަނީ، އެ މުއައްޒަފާ ދެކޮޅަށް ފިޔަވަޅެއް އަޅާނީ ނުވަތަ ކަނޑާލާނެކަމުގެ އިންޒާރުގެ ޗިޓް ދޭނީ ކޮން އިރަކުކަމާމެދު ފިކުރުބޮޑުވެ، ބިރުވެރިކަމާ ނުތަނަވަސްކަމުގައެވެ.
ކޮވިޑްގެ އެންމެ ނާޒުކު ދަނޑިވަޅުގައި މުއައްޒަފުން އުފުލި ތަކްލީފް
މުވައްޒަފުން ބުނާ ގޮތުން ކޮވިޑްގެ އެންމެ ބާރުބޮޑުވި ހާލަތުގައިވެސް ވަނީ މިފަދައިން އަމަލުކޮށްފައެވެ. އެގޮތުން ކޮވިޑްތެރޭގައި، ކުރީބައިގައި އެއްވެސް އެންގުމަކާ ނުލައި ކޮވިޑްގެ އެންމެ ދަތި ހާލަތުގައި، އިންޒާރެއް ނެތި ހެދުނު އޮފީހަށް ދިޔަ މުއައްޒަފު އިރުކޮޅެއް ނުވަނީސް އޮފީހުން ނުކުންނަން ޖެހުނީ ހިތްދަތިކަމާ މާޔޫސްކަމާއެކު ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި، ދިން ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމާއެކު ފެންކަޅިވެ ހުރެގެންނެވެ. ކަނޑާލުމާހަމައަށް އެ މުއައްޒަފުގެ އެއްވެސް އަޚްލާގީ މައްސަލައެއް ޖެހިފައިނުވާ މި މުއައްޒަފު ކަނޑާލަން ނިންމި މި ނިންމުން އަލުން ރިވިއުކޮށްދިނުމަށް ހިތްދަތިކަމާއެކު އެޗްއާރުސީއެމްގެ ވެރިންގެ ކިބައިން އެދުމުންވެސް އެކަން ކޮށްދެވެން ނެތްކަމަށް ބުނެ ވަނީ އެ މުއައްޒަފު އެތަނުން ވަކިކޮށްފައެވެ. މިއީ ކޮވިޑްގެތެރޭ މާލީގޮތުން މުޅި ދުނިޔެވެސް އެންމެ ދަތި ހާލަތުގައި ވަނިކޮށް ހައްގުތައް ކަށަވަރުކޮށް، ރައްކާތެރިކޮށްދޭކަމަށް ވަކާލާތުކުރާ މުއައްސަސާގެ ވެރިންގެ ބަސްމަގާ އަމަލު ހުރި ގޮތެވެ.
ހަމަ މިހާލަތުގައި، އެ ކޮމިޝަނުން ކޮވިޑް ޖެހުނު މުއައްޒަފަކު ހާލު ދެރަވެގެން ފެސިލިޓީއަށް ގެންގޮސްފައިވަނިކޮށް، އެ މުއައްޒަފާ މަޝްވަރާކުރުމެއް ނެތި، އެންގުމެއްވެސް ނެތި އެ މުއައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު ދާއިމީކޮށް އެހެން މުއައްޒަފަކާވަނީ ހަވާލުކޮށްފައެވެ. މިކަމުގެ ސަބަބުން ކޮވިޑް ބަލިމަޑުކަމުގައި އޮތް މުއައްޒަފަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް ގެއްލުންތަކެއް ލިބުނެވެ.
އެ މުއައްޒަފު ކޮވިޑުން ފަސޭހަވެގެން ވަޒީފާއަށް ނުކުތުމުންވެސް އެ މަސްއޫލިއްޔަތު ހަވާލުނުކުރުމުން އެ މުއައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު އުނިކުރި ސަބަބު ބަޔާންކޮށްދިނުމަށް ލިޔުމުން އެދުމުންވެސް އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށްވެއެވެ. އޭގެ ބަދަލުގައި އެކޮމިޝަނުގެ މެންބަރެއް އެ މުއައްޒަފާ ދިމާލަށް ޖެއްސުންކުރުމުގެ ރާގުގައި ''ހާދަ ވަރުގަދަ މެއިލްތަކެއް އެސްޖީއަށް ކޮށްފައި'' ކަމަށް ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭގެ 9 ވަރަކަށް މަސްފަހުން އެ މުއައްޒަފު އަމިއްލައަށް ކޮމިޝަންގެ ވަޒީފާ ދޫކޮށް ދިޔައިރުވެސް ކޮމިޝަންގެ އެ ނިންމުން ބަދަލުކުރި ސަބަބު ލިޔުމުން އަންގާފައި ނުވެއެވެ.
މުއައްޒަފުން މަސައްކަތް ކުރަނީ ކުރާ ހިތުންތަ؟
މީޑިއާއަށް ތިލަވެފައިވާގޮތުގައި ހިއުމަންރައިޓްސް ކޮމިޝަންގެ މުއައްޒަފުން ހިތްހަމަ ނުޖެހެނީ އެތަނުގެ ސެކްރެޓަރީ ޖެނެރަލްއަކަށް ހުންނެވި ބޭފުޅާ ވަޑައިގެންނެވުމަށްފަހު '' މާ އެކްޓިވްކޮށް އުޅުއްވާތީ'' މުއައްޒަފުންނަށް މަސައްކަތް ބުރަވީމަ އެވެ.
އެކަމަކު ކުރީގެ ބައެއް މުވައްޒަފުން ބުނާގޮތުން އެ ބޭފުޅާގެ ސުޕަވިޝަންގެ ދަށުގައި ތިބި އެއްވެސް މުއައްޒަފަކު އެޕްރައިޒްނުކޮށް، މުއައްޒަފުންނަށް ބޭނުންވާ ވަޒީފާ ބަޔާންނުދީ މުއައްޒަފުން ލައްވާ މަސައްކަތްކުރުވާ ފައިވެއެވެ.
'' އެ ކޮމިޝަންގައި ހޭދަވި 2ވަރަކަށް އަހަރުގެތެރޭގައި އަޅުގަނޑު އެއްވެސް ވަރަކަށް އެޕްރައިޒްކޮށްފައިނުވޭ'' ސީއެންއެމްއަށް މައުލޫމާތު ދިން އެޗްއާރުސީއެމްގެ ކުރީގެ މުއައްޒަފަކު ކިޔައިދިނެވެ.
ސެކްރެޓަރީ ޖެނެރަލްއަކަށް ހުންނެވި ބޭފުޅާއަކީ އެ ކޮމިޝަންގެ ހެރަސްމަންޓް ކޮމިޓީގައި އިންނަވަމުން އަންހެން މުއައްޒަފުންނަށް ފުރައްސާރަވެސްކުރައްވާ ބޭފުޅެއްގެ ގޮތުގައި ބައެއް މުއައްޒަފުން ފާހަގަކޮށްފައިވެއެވެ. ރައީސް އޮފީހަށާއި މަޖްލީހަށްވެސް ވަނީ މިކަމާ ގުޅިގެން ޝަކުވާވެސް ހުށަހަޅާފައެވެ.
އެ ކޮމިޝަންގެ ތެރޭގައި މުއައްޒަފުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރަން އޮންނައިރު އެ ބޭފުޅާއަކީ އެކަމުގެ ތެރޭގައި އުޅުއްވާ އެންމެ އިސްފަރާތްކަމަށްވެ ހުރެ، މުއައްޒަފުންނާއިމެދު މެންބަރުގެ މެދުގައި ނުތަވަސްކަން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާކަމާއި މިހާރުވެސް ކުރަމުންދާކަމަށް އެތަނުގައި މަސައްކަތްކޮށްފައިވާ ބައެއް މުއައްޒަފުންނާއި މިހާރު މަސައްކަތްކުރަމުންދާ މުއައްޒަފުން ވަނީ ސީއެންއެމްއަށް ކިޔާދީފައެވެ.
މީޑިއާތަކުގައިވާ ޚަބަތުތަކަށް ބަލާއިރު މިހާރުގެ މެންބަރުން އައިފަހުން މިހާތަނަށް 25 އަށްވުރެ ގިނަ މުއައްޒަފުން ވަނީ އެ ކޮމިޝަނުން ކެނޑިގެން ގޮސްފައެވެ. ގާތްގަނޑަކަށް 80 ވަރަކަށް މުއައްޒަފުން އެކޮމިޝަނުގައި އުޅެއެވެ.
މިކަމާގުޅޭ ގޮތުން ސީއެންއެމް އާ ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ މެންބަރު މަރިޔަމް މުނާ ވިދާޅުވީ މުވައްޒަފުން ކެނޑިގެން ގޮސްފައިވަނީ އެމުވައްޒަފުންނަށް އެހެނިހެން ރަނގަޅު ފުރުސަތުތައް ލިބިގެން ކަމަށެވެ. އަދި ބައެއް މުވައްޒަފުން ކެނޑިފައިވަނީ ކިޔަވަން ބޭނުންވެގެން ކަމަށްވެސް މުނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސިސްޓަމް އޮންނަގޮތުން ނޯވޭ ޕްރޮމޯޝަން ލިބޭނެ އުސޫލެއް ދެން ކެރިއަރ އެޑްވާންސްމެންޓަކަށް ކުދިން މާސްޓާޒް ހެދިއަސް އަދި އެހެން ކޮލިފިކޭޝަނެއް އޮތަސް ދެވޭ އުސޫލެއް ނޯވޭ. ދެން ކެރިއާ އޮޕަޗުނިޓީއަށް އެހެންތަންތަނަށް ކުދިން ވަޑައިގަންނަވާ އިނގޭތޯ" މުނާ ވިދާޅުވިއެވެ.
މުނާ ވިދާޅުވީ އެގޮތުން މިހާރު އުފައްދާފައިވާ އޮމްބަޑްސް ޕާސަންގެ އޮފީސްތަކަށް އެކޮމިޝަނުގެ ހަތަރު ވަރަކަށް މުވައްޒަފުން ގޮސްފައިވާކަމަށާއި، އެގޮތަށް ބަދަލުވެފައިވަނީ އެއޮފީސްތަކުގައި މުސާރަވެސް ބޮޑުވީމަކަމަށެވެ.
އެކަމަކު އެތަނުގައި މަސައްކަތް ކުރި، އެ ވިދާޅުވި އޮފީސްތަކުގައި މަސައްކަތްކުރައްވާ ބައެއް މުވައްޒަފުންގެ ވާހަކަ ތަފާތެވެ. ބުނަނީ ހަމަ އެތަނުގައި މުވައްޒަފުންނަށް ތަފާތު ވައްތަރުގެ ފުރައްސާރައާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ވަޒީފާ ބަޔާނުގައި ނެތް މަސައްކަތް ކުރަން މަޖުބޫރު ކުރުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"ކުނިކަހަން ބުނާއިރަށް ކުނިކަހަނީ. މޮޕްލާން ބުނުމުން އެކަންވެސް ކުރަނީ. ބަރު ފޮށިތަކާއި، މޭޒާއި ގޮނޑިއާއި ކޮމްޕިއުޓަރު ސިސްޓަމްފަދަ ތަކެތިވެސް އަންހެނުންކަމުގައި ވިޔަސް އުފުލާ އެބުނި ތަނަކަށް ގެންދަނީ. ކުރަން ބޭނުން ނުވެތިބެ، އިތުރު އެއްވެސް ގޮތެއް ނެތިގެން މި މަސައްކަތް ކުރުން މިއީ ހިއުމަންރައިޓްސް ކޮމިޝަނުން ދެކޭ ގޮތުގައި މައްސަލައެއްވެސް ނޫން. އެއީ ކުރަންޖެހޭ ކަންކަން" އެކޮމިޝަނުގެ ކުރީގެ މުވައްޒަފަކު ސީއެންއެމް އަށް ކިޔައިދިނެވެ.
މުއައްޒަފުން ލައްވާ ވަޒީފާ ބަޔާނުގައި ނުހިމެނޭ މަސައްކަތްކުރުވާތަ؟
ބައެއް މުއައްޒަފުން ބުނާގޮތުން ވަޒީފާގެ ބަޔާނުގައި ނުހިމެނޭ އެތައް މަސައްކަތްތަކެއްވެސް ކުރުވާފައި އެބަހުއްޓެވެ. ހިއުމަންރައިޓްސް ކޮމިޝަން ދާދިފަހުން ވަނީ އާ އިމާރާތަކަށް ބަދަލު ކޮށްފައެވެ. އާ އިމާރާތަށް ބަދަލުވިއިރު މުއައްޒަފުން ލައްވާކުރުވި މަސައްކަތްތަކަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކެއް ކަމަށް މުވައްޒަފުން ފާހަގަ ކުރެއެވެ. ސީއެންއެމްއަށްވަނީ އެދުވަސްވަރު މުއައްޒަފުންލައްވާ ބާ އިމާރާތް ސާފުކުރުމުގެ މަސައްކަތްތަކާއި، ފޮށިފަދަ ތަކެތި އަންހެން މުއައްޒަފުންވެސް އުފުލި ފޮޓޯތައްވެސް ލިބިފައެވެ.
މުއައްސަސާތަކުގައި އެކުވެރިކަމުގެ ގޮތުން ކުރާ، ސާފުކުރުމާ ގުޅޭ މަސައްކަތްތަކާއި ކޮމިޝަނުން އަންގައިގެން މަޖުބޫރުން ކުރުވާ މިފަދަ މަސައްކަތްތަކާއި ވަރަށް ތަފާތެވެ. އެކަމުގައި އުޅުނު ހުރިހާ މުއައްޒަފުންހެން، އަޟްހާ ޢިދާއި ޖުލައި 26އާ ގުޅިގެންއައި ބޮޑު ބަންދުތެރޭގައި ރެއާއި ދުވާލު މަސައްކަތްކޮށްފައިވަނީ ހިތްހަމަނުޖެހިތިބެ ކަމަށާއި، އެހެންނަމަވެސް އެވާހަކަ ނުދައްކާތިބީ ވަޒީފާގެ ބިރަށްޓަކައިކަން މުއައްޒަފުންގެ ފަރާތުން ސީއެންއެމްއަށްވަނީ ވަނީ މައުލޫމާތު ލިބިފައެވެ.
ވަޒީފާ އަދާކުރާ މުއައްޒަފަށް އަރާމުކުރަން ހަފްތާއަކު އެއްދުވަސް ދޭންޖެހޭނެކަމަށް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އެ ކޮމިޝަނުން މުއައްޒަފުންލައްވާ މަސައްކަތް ކުރުވާފައިވަނީ ޤާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް ކަމަށްވެސް އެ މުވައްޒަފުން ބުނެއެވެ.
''ކުނިކެހުމާ މޭޒު އުފުލުމާ، އެނޫންވެސް ކޮމިޝަނުން އަންގާ ކަންކަންކަން ކުރުމަކީ މުއައްޒަފުން ކުރަންޖެހޭނެ ކަމެއް''
ހިއުމަންރައިޓްސް ކޮމިޝަން އައު އިމާރާތައް ބަދަލުކުރުމުގެ މަސައްކަތްފަށައި، ބާ އިމާރާތް ސާފުކުރުމުގެ މަސައްކަތް ޖުލައިމަސްތެރޭ މުއައްޒަފުން ކޮންމެ ދުވަހަކުހެން ނެރެގެންކުރުވިއިރު، އެ މަސައްކަތް އެތަނުގެ މުއައްޒަފުން ކޮށްފައިވަނީ ކުރަން ބޭނުންނުވެ ތިބެ، ވެރިންދެކެ ބިރުންކަމަށް އެތަނުގެ ސީނިއަރ ބައެއް މުއައްޒަފުން ބުނެފައި ވެއެވެ. އަދި މިއީ ވަޒީފާ ބަޔާނުގައިވާކަމެއް ނޫންކަމަށްވާތީ އެކަން ކުރަންވީ އެހެންތޯ މެންބަރުން ތިބި ގްރޫޕެއްގައި ސުވާލުކުރުމުން ، އެ ސުވާލުކުރި މުއައްޒަފަށް، މެންބަރު މުނާ ، ބައްދަލުކުރަން އަންގައި، އޭރުއްސުރެ އެ މުއައްޒަފު ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ބެހެއްޓުމަށްފަހު ރަސްމީ ބަންދު ނިމުމުން އެ ތާރީހުގައި އިތުރު އެއްވެސް މެންބަރަކާ ނުލާ، މުއައްޒަފު އެކަނި ވަކިން ގެންގޮސް ''މަގުމަތީ'' ބަހުރުވައިން ހަރުކަށި އިބާރާތުން އިންޒާރުދީ ވަނީ ބިރުދައްކާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި އެ މުއައްޒަފުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި، ''ގޮނޑި މޭޒު، ސިސްޓަމް އުފުއްލުން، އޮފީސް ކުނިކަހާ ، ސާފުކުރުން'' އެއީ ހުރިހާ މުއައްޒަފުންވެސް ކުރަންޖެހޭ ކަމެއްކަމަށް ބުނެފައި ވެއެވެ. ވަޒީފާގެ ބަޔާނުން ބޭރުން މުއައްޒަފުގެ މަޤާމާ ނުގުޅޭ މަސައްކަތްތައް މުއައްޒަފު ނުރުހުނު ކަމުގައިވިޔަސް ކޮމިޝަނުން ކުރަން އަންގައިފި ހާލަތެއްގައި ކުރުމަކީ މަޖުބޫރު، ''ކުރަންޖެހޭ'' ކަމެއްކަމަށް ވިދާޅުވެ، މިދެންނެވި ގޮތާ ޚިލާފަށް މުއައްޒަފުންގެ ވިސްނުން ހުރުން އެއީވެސް މުއައްޒަފުންގެ މައްސަލައެއްކަމަށް މެންބަރު މުނާ ވިދާޅުވެފައިވާކަމަށް ސީއެންއެމްއަށްވަނީ އެނގިފައެވެ.
މީގެ އިތުރުން ބައެއް މުއައްޒަފުން ބަންދު ދުވަސްތަކުގައިވެސް މަސައްކަތްކުރަންޖެހޭކަމަށް މެންބަރު މުނާ ވިދާޅުވެ، މަޖުބޫރު ކުރުވަމުންދާ ކަމަށް އެ ކޮމިޝަންގެ ބައެއް މުއައްޒަފުން މައުލޫމާތު ދެއެވެ. އަދި ބައެއް ޑިޕާޓްމަންޓްތަކުގެ މުއައްޒަފުންނަށް ކެއިން ބުއިމަށްވެސް އެކަށޭނެ ވަގުތު ނުދޭކަމުގެ ޝަކުވާވެސް އެ މުއައްޒަފުން ދަނީ ކުރަމުންދެއެވެ.
އެހެންނަމަވެސް މެންބަރު މުނާ މިކަންކަން ދޮގު ކުރައްވައެވެ. ވިދާޅުވީ އެކޮމިޝަން ތެރޭގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. މުވައްޒަފުން ލައްވައި ކުރަން ނުޖެހޭ ކަމެއް ކުރުވާފައިވެސް ނުވާނެ ކަމަށާއި، ގާނޫނާއި ގަވާއިދާ ހިލާފް އެއްވެސް ކަމެއްވެސް މުވައްޒަފުން ލައްވާ ކުރުވާފައި ނުވާނެ ކަމަށެވެ.
މުނާ އެހެން ވިދާޅުވި ނަމަވެސް އެތަނުގެ މައްސަލަތަކުގެ ވާހަކަ ދައްކަނީ އެންމެ މުވައްޒަފެއް ނޫނެވެ. މުވައްޒަފުން ތަކެކެވެ. އެހެންކަމުން މިއީ މަޖިލީހުން ރަނގަޅަށް ބަލައި ޖަވާބުދާރީކުރުވައި ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ.