ads
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--
ލޯ ކުރިމަތީގައި ދަރިފުޅު މަރުވެގެން ދިޔައިރު ކަރުނައެޅުން ނޫންކަމެއް ނުކުރެވުނު
މިމަހުގެ 15 ވީ ހުކުރު ދުވަހު ދަރިފުޅު އޮންލައިންކޮށް ގދ.ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ދެއްކިއިރު ހަމީދު އުމަރުގެ މާބޮޑު ހާސްކަމެއް ނެތެވެ. އެދުވަހުވެސް އޭނާ ދަރިފުޅު ޑޮކްޓަރަށް ދެއްކީ ދަރިފުޅުގެ ބޮޑުކަމު ދިއުމުގެ މައްސަލަ އުޅޭތީއެވެ. އެދުވަހުވެސް ހޮސްޕިޓަލުން ބުނީ ކޮވިޑް ކޭސްތަކަކަށްވާތީ ހޮސްޕިޓަލަށް ނުދެވޭނެ ކަމަށެވެ. އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން ޖެހުނީވެސް އެހެން ބުނީތީއެވެ.

"ޑޮކްޓަރު އެދުވަހު ދިނީ ދެބޭހެއް. ދީފައިބުނީ އިތުރަށް ގޯސް ވަންޏާ އަންގާށޭ. ދެން އެބޭސް ބޭނުން ކުރަމުންދިޔައީ" ހަމީދު ބުންޏެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ވުމަށް އެންގުނު ކަމަށެވެ. އެކަމަކު ހަމީދު ބުނީ އެހެން ނުބުނާ ކަމަށާއި ކޮވިޑް ފެސިލިޓީގައިވެސް އެޑްމިޓްވާން ނުބުނާކަމަށެވެ.

your imageކުއްޖާގެ ބައްޕަ ހަމީދު އުމަރު--

ހަމީދު ބުނީ ދެން ހޮސްޕިޓަލުން ނެގީ ދަރިފުޅުގެ ބޮޑުކަމުދާ ތަކެތީގެ ސާންޕަލް ކަމަށެވެ. އެކަމަކު ދަރިފުޅު މަރުވެގެން ދިޔައިރު ވެސް އެސާންޕަލްގެ ނަތީޖާވެސް ނުލިބޭ ކަމަށެވެ. 

އޭގެ ތިންދުވަސް ފަހެވެ. ދަރިފުޅަށް އޭނާގެ މަންމަ ބުއްދޭންފެށުމުން މާބޮޑަށް ބޮޑުކަމު ދެވޭތީ ފަތިހު ތިންގަޑިބައި އެހާކަށްހާއިރު އިރު ގުޅާފައި އެމްބިއުލާންސް ފޮނުވައިދޭން އެދުނެވެ. އޭގެ ޖަވާބުގައި ހޮސްޕިޓަލުން އެމްބިއުލާންސް މިފޮނުވަނީ ކަމަށް ބުންޏެވެ. އޭގެ ފަސް މިނިޓް ފަހުން އެމްބިއުލާންސްގެ ހަބަރެއް ނުވުމުން އަމިއްލައަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރިއެވެ. ހޮސްޕިޓަލާ ގެއާ ކައިރި ވުމުން އެންމެ މިނިޓެއްގެ ތެރޭގައި ހޮސްޕިޓަލަށް ދެވެއެވެ. 

ޑޮކްޓަރު ދަރިފުޅު ބަލަން އެއްބަހެއް ނުވި

ހަމީދު ބުނީ ދަރިފުޅު ހޮސްޕިޓަލަށް ގެންދަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ހޮސްޕިޓަލުގެ ޖަވާބަކަށްވީ އެއާއިލާ އަކީ ކޮވިޑްގެ ކޭސްތަކެއް ކަމަށާއި، ޑޮކްޓަރަށް ދައްކަން ޑޮކްޓަރު އެއްބަސް ނުވާ ކަމަށެވެ. ހަމީދު ބުނީ ކޮވިޑްގެ މުއްދަތު ފަހަނަ އަޅާފައިވާ ކަމަށް އެތައްފަހަރަކު ތަކުރާރުކޮށް ބުނެފައިވާ ކަމަށާއި އެކަމަކު ހޮސްޕިޓަލުން އެގޮތަށް އެއްބަސް ނުވި ކަމަށެވެ.

"އެމީހުން ބުނީ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދިޔަޔަސް އެމްބިއުލާންސަށް ލާފައި ފޮނުވާނީ ކޮވިޑް ފެސިލިޓީއަށް ކަމަށް. މުއްދަތު ހަމަވެފައިވާނަމަ ލިޔުން އޮންނާނެކަމަށް" ހަމީދު ބުންޏެވެ. 

އެހިސާބުން ހަމީދަށް ކުރެވޭނެ ކަމެއް ނެތްކަން އެނގުނެވެ. އެމްބިއުލާންސަށް ގުޅުން ފިޔަވައި އިތުރު ކަމެއް ކުރެވޭކަށް ނެތެވެ. އެހެންވެ އިރުއިރުކޮޅާ އެމްބިއުލާންސަށް ގުޅީއެވެ. އެކަމަކު އެމްބިއުލާންސް އައުން ދެގަޑިއިރަށް ލަސްވެގެން ދިޔައިރުވެސް ހިތްދަތިކަމުގައި ހުރުން ފިޔަވައި ހަމީދަށް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. ހަމީދު ބުނީ މިމަހުގެ 17 ވަނަ ދުވަހަށް އެގޭގެ އެންމެންގެވެސް ކޮވިޑްގެ ކަރަންޓީން މުއްދަތު ހަމަވެފައިވާ ކަމަށެވެ. މިވާހަކަ ހޮސްޕިޓަލުންވެސް ދޮގެއް ނުކުރެއެވެ.

ހަމީދަށް ކޮވިޑް ފެސިލިޓީއަށް ދަރިފުޅު ގޮވައިގެން ވަނުން ފިޔަވައި އިތުރު ގޮތެއް ނެތެވެ. މަޖުބޫރެވެ. ހަމީދު ބުނީ ދާދި މިދާކަށް ދުވަހު މަރުވި، އެއާއިލާގެ އެހެން އިސް މީހަކާމެދު ކޮވިޑް ފެސިލިޓީގައި ކަންތައް ވެގެންދިޔަ ގޮތުން އެތަނަށް ވަންނަން އެއްގޮތަކަށްވެސް ބޭނުން ނުވާ ކަމަށެވެ. 

ދަރިފުޅު މަރުވަމުން ދިޔައިރު ކަރުނައެޅުން ފިޔަވައި ކުރެވޭނެ ކަމެއްނެތިފައި

ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވާފައިވަނީ ހުއްޓާ ނުލައި ހަމީދު ގުޅާތާ ދެގަޑިއިރު ފަހުން ހެނދުނު 6:15 ހާއިރުއެވެ. ދެން ދަރިފުޅު ގެންދިޔައީ ކޮވިޑް ފެސިލިޓީއަށެވެ. ކޮވިޑް ފެސިލިޓީއާއި ހޮސްޕިޓަލް އެއީ ދެސަރަހައްދެއްގައި ހުންނަ ދެތަނެކެވެ. ކޮވިޑް ފެސިލިޓީގައި ފަރުވާއެއް ނުލިބި ދަރިފުޅު ބާއްވައިގެން ހަމީދު ހުރީއެވެ. އެތާނގައި ހުރީ ދެ ނަރުހެކެވެ. އެ ދެނަރުހުންނަށް އެކުއްޖާއަށް ވަމުންދިޔަ ގޮތް ފެނެއެވެ. އެމީހުން ހޮސްޕިޓަލަށް ހުއްޓާނުލައި ގުޅަމުންގެންދިޔައީ އެހެން ވެގެންނެވެ. އެކަމަކުވެސް ހޮސްޕިޓަލުން އެއްވެސް ޑޮކްޓަރަކު އެތަނަށް ގޮސްފައި ނުވާ ކަމަށް ހަމީދު ބުނެއެވެ. 

ކޮވިޑް ފެސިލިޓީއަށް ގެންގޮސް ފަރުވާއެއް ނުދީ ދޮޅުގަޑިއިރު ވަންދެން ބޭއްވިއެވެ. ދަރިފުޅުގެ ވިންދު ހުއްޓުނީވެސް ދަރިފުޅު މަރުވީވެސް ހަމީދުގެ ކުރިމަތީގައެވެ. ލޮލުން ކަރުނައަޅާލައަޅާލަ ހުއްޓައެވެ. ކުރެވޭނެ ހަމައެއްވެސް ކަމެއްނެތި ގޮތް ހުސްވެފައި ހުރެގެންނެވެ. ހަމީދު ބުނާގޮތުން ދަރިފުޅުގެ ވިންދު ހުއްޓުނީ 7:40 ގައެވެ. އަދި ދަރިފުޅު މަރުވެފައިވަނީ 7:43 ގައެވެ. 

"ރޯލަރޯލާ ހުރީ . ކަރުނަ އަޅާލައަޅާލަ ހުރި . އިތުރު ކަމެއް ނުވި" ހަމީދު ކިޔައިދިނެވެ. 

މަތިމައްޗަށް އިހުމާލު!

9 ޖެހި އިރު ދަރިފުޅުގެ ބޮޑީ ސްކޭން އެއް ކުރުމަށް ހޮސްޕިޓަލުން އެދުނެވެ.  ހަމީދު އެކަމަށް އިންކަރު ކުރީ ހޮސްޕިޓަލުން ދަރިފުޅު ދިރިއޮއްވާ އެއްވެސް ކަމެއް ނުކުރީމައެވެ. ދެން ހޮސްޕިޓަލުން ކުރި ކަމަކީ  ހެނދުނު 10:00 އާ 11:00 އާ ދެމެދު ، އާއިލާ އެންމެން ކޮވިޑުން ރަނގަޅު ވެފައިވާތީ ދޫކޮށްލައިފި ކަމަށް ހޮސްޕިޓަލުން އެންގި އެންގުމެވެ. 

ދަރިފުޅުގެ މަރާއި ގުޅިގެން ފަރުވާދިން ޑޮކްޓަރު ވަނީ މިހާރު ސަސްޕެންޑު ކޮށްފަ އެވެ.  އެއީ ކޮވިޑް މަރެއް ނޫންކަމަށް ނިންމާ އެޗްޕީއޭގެ ޓެކްނިކަލް ޓީމުން އެމައްސަލަ ބަލަން ވެސް ވަނީ ފަށާފައެވެ. 

ޑޮކްޓަރު ގޭގައި މަޑުކުރަން އެންގުމުން ނިމުނީ ހެއްޔެވެ؟ މިމައްސަލަ އަށް ބަލާއިރު މިއޮތީ ލިޔުން ކޮޅެއް ނެތުމުގެ މައްސަލައެވެ. ކޮވިޑްގެ މުއްދަތު ހަމަވުމުން ދޭންޖެހޭ ލިއުންކޮޅެވެ. ހޮސްޕިޓަލުގެ ޑޮކްޓަރު އެންމެ ތިންމުހުގެ އެކުއްޖާ ނުބަލަން ނިންމާފައިވަނީ އެލިޔުންކޮޅު ނެތީމައެވެ. ނުވަތަ ހޮސްޕިޓަލުން ނުދީ އޮތީމައެވެ. އެލިޔުންކޮޅު ދީފައި އެވަނީ ކުއްޖާ ދުނިޔެއާ އަލަވަދާއު ކިޔުމުންނެވެ. 

ދެގަޑިއިރު ވަންދެން އެމްބިއުލާންސްގެ އިންތިޒާރުގައި ގުޅާލަ ގުޅާލަ އެހެރީ ދިވެހި ރައްޔިތެކެވެ. ޑޮކްޓްރު ކައިރީ އާދޭސް އެކުރީ ދިވެއްސެކެވެ. ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ހާއްސަކޮށް އެމްބިއުލާންސް ފޮނުވުމުގައި ހުރި މައްސަލަތައް ހައްލު ކޮށްފީމޭ ހެލްތު މިނިސްޓްރީން ބުނީ އެކެއް ޖޫންގައި ދުނިޔެއާ ވަކިވެދިޔަ ކުޑަކުޑަ ފާތިމަތު މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގެއް ކުރުމަށް ފަހުއެވެ. އަނެއްކާވެސް މިމަރުގެ ތަހުގީގެއް ކުރާ ވާހަކަ ހެލްތު މިނިސްޓްރީން ބުނެއެވެ. ކިތަންމެ ތަހުގީގެއް ކުރިއަސް ފެންނަނީ އިހުމާލެވެ. މަތިމައްޗަށް އިހުމާލެވެ.

3%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
91%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް