ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުން ފެންނަ ގޮތުގައި އުމުރުން ދުވަސްވީ މީހަކު ބަރޯއަކަށް ލައިގެން ގެންދާ މަންޒަރު ފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ އޭނާގެ ދަރިފުޅެކެވެ.
މީޑިއާއަށް މައުލީމާތު ދިން މީހަކު ބުނީ މަކުނުދޫ ހެލްތު ސެންޓަރަށް އުމުރުން ދުވަސްވީ މީހާ ބަރޯއަކަށް ލައިގެން ގެންދިޔައީ އެރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ނުލިބިގެންނެވެ.
ބަރޯއެއްގައި ބަލި މީހަކު ސިއްހީ މަރުކަޒަށް ގެންދަން ޖެހުނު ސަބަބާއި ގުޅޭ ގޮތުން ސިއްހީ މަރުކަޒުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން ވަނީ މިދޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ސޮއިކޮށްފައެވެ. އޭގެތެރެއިން ތެރެއިން 20 އެމްބިއުލާންސް ރާއްޖެ މިމަހުގެ ހަތްވަނަދުވަހު ވަނީ ގެނެސްފައެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް ހިގުމުންނެވެ.
އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.
އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ދޭ ހިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވޭނެ ކަމަށެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ފަހަރު ގާޑިޔަލުގައި ނޫނީ ބަރޯގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލަން ޖެހިފައި އެބަހުއްޓެވެ.