ads
ހެލްތު މިނިސްޓްރީން ރަށްރަށަށް ފޮނުވަން ގެނެސްފައިވާ އެމްބިއުލާންތައް
ކުރިއަށް އޮތް ތިންދުވަހުގެތެރޭ ރަށްރަށަށް އެމްބިއުލާންސް ތައް ފޯރުކޮށްދޭން ފަށާނެ
ކުރިއަށް އޮތް ތިންދުވަހުގެތެރޭ ރަށްރަށަށް އެމްބިއުލާންސް ތައް ފޯރުކޮށްދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްބިއުލާންސްތަކުގެ އިދާރީ ކަންކަން ކުރިއަށް އޮތް ތިންދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ އެމްބިއުލާންސްތައް ފޮނުވާ ރަށްތަކުގެ މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެސްފައިވަނީ  20 ވިހި އެމްބިއުލަންސްއެވެ. ފުރަތަމަ ޝިޕްމަންޓް، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އަދި އިތުރު 20 އެމްބިއުލާންސް މަހެއްގެ ތެރޭގައި އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއެކު ހެލްތު މިނިސްޓްރީން ސޮއި ކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލޭގައި އެމްބިއުލާންސްގެ ހިދުމަތް ދިނުން ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހާދިސާއެއް ހިގުމުންނެވެ. 

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް