މިއީ މިހާރުގެ ދުނިޔެ ވިސްނާ ގޮތް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް މިއީ ދުނިޔޭގެ ތައުލީމަށް އެންމެ ކުރިއަރާފައިވާ ފިންލޭންޑުގެ ތައުލީމީ މާހިރުން ވިސްނާ ގޮތެއް ނޫނެވެ. ކުއްޖާގެ ތޫނުފިލިކަން މިނެކިރަން ވަރުގަދަ ޓެސްޓު ތަކެއް ނުދެއެވެ.
"އަހަރެމެންގެ ވިސްނުން ބަދަލު ކުރަން ވެއްޖެ . އިނާމުތައް ހޯދުމަށްޓަކައި ކިޔަވައިދިނުން ހުއްޓާލަން ވެއްޖެ. ނިޒާމް ބަދަލު ކުރަން ވެއްޖެ" ތައުލީމީ ދާއިރާގެ ތަޖްރިބާކާރަކު ވިދާޅުވިއެވެ.
އުނގެނުމާއި އުނގަންނައިދިނުމުގެ ވިސްނުން ބަދަލު ކުރަން ޖެހެއެވެ. ދެފަރާތުންނެވެ. ބެލެނިވެރީންނެވެ. އަދި ޓީޗަރުންނެވެ. ހެޔޮ ޖީލެއް ބިނާ ކުރުމަށްޓަކައެވެ. އެކަން ކުރެވޭނީ ރަނގަޅު ޓީޗަރުން ބިނާ ކުރެވިގެންނެވެ. އެކަމަކު އެކަން ކުރެވޭނީ ރަނގަޅު ސިޔާސަތަކުންނެވެ.
ދާދިފަހުން ފާހަގަ ކުރެވިގެން އެދިޔައީ މުދައްރިސުންގެ ދުވަހެވެ. މުދައްރިސުންނަށްޓަކައި ޝުކުރުގެ ލަވަތަކާއި މާފަތިތައް ގެތުނެވެ. ބޮޑެތި ބައްދަލުވުންތައް ސްކޫލްތަކުގައި ބޭއްވުނެވެ. ސުވާލަކީ ޓީޗަރުންނަށް އެވަރުން އޯކޭ ހެއްޔެވެ؟ ނޫނެކެވެ. ރަނގަޅު ޓީޗަރުން ތިބެގެން ނޫނީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެއެވެ. އެހެންކަމުން ސްކޫލްތަކަށް ރަނގަޅު ޓީޗަރުން ބޭނުން ވެއެވެ. ކޮލިޓީ ޓީޗަރުން ތިބެން ޖެހެއެވެ.
"މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފި ނަމަ ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުން އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު،" ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން އަޅުގަނޑުމެން މި ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް."
ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި އެ ފަދަ މައްސަލަތަކާ ގުޅޭގޮތުން އިލްމީ ދިރާސާތަކެއް ހަދަންޖެހޭ ކަމަށެވެ. ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބުތައް ސާފުކޮށް އެނގޭނީ އިލްމީ ގޮތެއްގައި އެކަންކަން ބަލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދެކުނުގެ ރަށެއްގެ ޕްރިންސިޕަލަކު ވިދާޅުވީ ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަމަސްދޭން ޖެހުމުން ވަގުތީމީހުން ނުނަގައި ފަރު ޖައްސާލެވޭކަށް ނޯންނަކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެއީވެސް ވަގުތީ މީހުން ހޯދަންޖެހޭ ސަބަބެއް ކަމަށެވެ.
ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވަނީކީ ނޫނެވެ. ތައުލީމީ ދާއިރާއަށް ސަރުކާރުތަކުން ދެވޭ އަހައްމިއްޔަތުކަން ކުޑައީއެވެ.
އަހަރެމެން ދިވެހި ޓީޗަރުންނާ ބިދޭސީ ޓީޗަރުންނާ ދެމެދު ބޮޑު ތަފާތެއް ހުރޭ. މުސާރާގައިވެސް ތަފާތު ތަކެއް ހުރޭ . ބޭރު ޓީޗަރުންނަށް ތިބޭނޭ ތަނާއި ، ބަންދުގައި ރަށަށް ދިއުމަށްދެވޭ ޓިކެޓް ފަދަ ތަކެއްޗަކީވެސް ދިވެހީންނަށް ނުލިބޭ އެލަވަންސްތަކެއް" މާލޭގައި ވަޒީފާ އަދާ ކުރާ އެހެން ރަށެއްގެޓީޗަރަކު ބުންޏެވެ.
ގިނަ ޓީޗަރުން މަސައްކަތް ކުރަނީ ކިޔަވައިދޭން ޝައުގުވެރިކަން ހުންނާތީއެވެ. އިތުރުގަޑީގައި މަސައްކަތްކޮށްފައި އިތުރުގަޑީގެ އެލަވަންސް ނުލިބުނަސް މަސައްކަތް ކުރަނީ އެހެންވެގެންނެވެ. އިތުރުގަޑީގެ ފައިސާ ދިނުމުގައި އެއްސްކޫލާއި އަނެއް ސްކޫލާއި ތަފާތު ހުއްޓަސް މަސައްކަތް ކުރަނީ އެހެންވެގެންނެވެ. ސީއެންއެމް އާ ވާހަކަ ދެއްކި ޓީޗަރަކު ބުނީ މާލޭގެ ބައެއް ސްކޫލްތަކާ ރަށްރަށުގެ ސްކޫލްތަކުގެ މެދުގައިވެސް އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލުގައި ތަފާތު ހުރެެއެވެ.
"މާލޭގެ ސްކޫލެއްގައި ވަޒީފާ އަދާކުރިއިރު މަސައްކަތް ކުރި ވަރަކަށް އިތުރުގަޑީގެ ފައިސާ ލިބޭ . އެކަމަކު ރަށުގެ ސްކޫލަށް ބަދަލުވީމަ އިތުރުގަޑީގެ ފައިސާ އޮންނަނީ ލިމިޓް ކޮށްފައި " ޓީޗަރަކު ބުންޏެވެ.
ކަން އެހެން އޮތަސް އޭނާ ބުނީ ކިޔަވައިދެނީ އެކަންކަމަށް ބަލައިގެން ނޫން ކަމަށެވެ. ކިޔަވައިދެނީ އެކަމަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުންނާއި ދަރިވަރުންނަށްޓަކައި ކުރަންޖެހޭ ކަމެއް ނުކޮށް އޮވެއްޖެ ނަމަ އެކުދީންނަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ.
ދެން އޮތީ ޓީޗަރުންގެ ފެންވަރެވެ. ޓީޗަރުންގެ ފެންވަރު ރަނގަޅުވާނީ ފެންވަރު ރަނގަޅު ދަރިވަރުން ކޯސްތަކަށް ލިބިގެންނެވެ. މިނިސްޓަރު ވިދާޅުވާ ފަދައިންނެވެ. މިނިސްޓަރު ވިދާޅުވީ ތަމްރީނުން ނުކުންނަ ޓީޗަރުންގެ ފެންވަރު އެންމެ ބޮޑަށް ބިނާވެފައި ވަނީ ކޯހަށް ވަންނަ ދަރިވަރުންގެ ފެންވަރުގެ މައްޗަށް ކަމަށާއި މޮޅު ޓީޗަރުން ތައުލީމީ ނިޒާމަށް ވަނުމަކީ، މޮޅު ދަރިވަރުން ތަރުބިއްޔަތު ކުރެވޭނެ މަގެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަތީ ސާނަވީ އިމްތިހާނު ނިންމާލުމަށްފަހު މިހާރު ދަރިވަރުން މަސައްކަތުގެ މުސްތަގުބަލްގެ ދޮރޯށީގެ ކުރިމަތީގައި ތިބިއިރު އެ ކުދިންގެ ކުރިމަތީގައި އެތައް ފުރުސަތެއް އެބަ އޮތް ކަމަށެވެ. އެކަމަކު ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވަނީ ހަމައެކަނި އުނގެނޭ ތަކެތިން ނޫންކަމަށާއި ކާމިޔާބު މީހަކަށް ވުމަށް ގިނަ ސިފަތަކެއް ހުންނަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މޮޅު ނަތީޖާތައް ހޯދި ކުދިންގެ ހަޔާތުގެ ނަތީޖާތަކަށް ނަޒަރު ހިންގާލުމުން ފާހަގަކުރެވެނީ އެންމެ ބޮޑު އަސަރެއް މުޖުތަމައުއަށް ގެނެސްފައި ވަނީ ހަމައެކަނި ތައުލީމީ ގޮތުން މޮޅު ކުދިން ނޫން ކަމަށެވެ. އެންމެ ކާމިޔާބީ އެ ކުދީން ހޯދި އިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރުތައް ފޯރުކޮށްދީ، ލިބޭ މުސާރައަށް ވުރެ، އިޖްތިމާއީ މަންފާއަށް ހިދުމަތުގެ އަތުކުރި އޮޅާލި ކުދިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ.
އިޖްތިމާއީ މަންފާއަށް ހިދުމަތުގެ އަތުކުރި އޮޅާލެވިދާނެއެވެ. އެކަން މިޒަމާނުގައި ބަލައިގަންނަނީ ދެވޭ އުޖޫރައިންނެވެ. އެ އުޖޫރަ އެކަށީގެންވާ މިންވަރެއްގައި ނުދެވޭނަމަ އިޖުތިމާއީ ހިދުމަތަށް ލޯބިކޮށްގެން ކިޔަވައިދޭނެ މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ. ދެކުނުގެ ރަށެއްގެ ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި ރަނގަޅު މޮޅު މީހުން ކޯސްތަކަށް ލިބޭނީ ރަނގަޅު މުސާރައެއްވެސް ކަނޑައެޅިފައި އޮންނަނަމައެވެ.
"ތީވެސް ރަނގަޅު ވާހަކައެއް .ތައުލީމީދާއިރާގެ ކޯސްތަކަށް މޮޅު ދަރިވަރުން ބޭނުންވާނަމަ އެކަށީގެންވާ މުސާރައެއްވެސް ކަނޑައެޅިފައި އޮންނަންޖެހޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.
ސަރުކާރުން މިއަންނަ އަހަރަށް ބަޖެޓް އެކުލަވާލާއިރު މުސާރަބޮޑު ކުރާނެ ވާހަކަ ރައީސް ވިދާޅުވީ އެހެން ވެގެން ކަމަށް ވެދާނެއެވެ. އެހެން އެކަން ވެއްޖެ ނަމަ ތައުލީމީ ދާއިރާއަށް ލޯބިކުރާ މޮޅު ކުދިން ވެސް ލިބިދާނެއެވެ. ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އެކި ފަންތީގެ މީހުނަށް ދެވޭ މުސާރައާއި އިނާޔަތްތަކާއި، މުދައްރިސުންނަށް ދެވޭ އުޖޫރައާއި ބިމާ އުޑާހާ ތަފާތެވެ. އެހެންކަމަށްވާނަމަ ތައުލީމީދާއިރާގެ މަސައްކަތަތަކަށް ހީނަރުކަން ވެރިވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
ނިސްބަތުން ބަލާއިރު ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހޭދަކުރާ އަދަދުތައް ކުޑައެއްވެސް ނޫނެވެ. އެހެންނަމަވެސް މުހިއްމީ މުދައްރިސުންނަށް އެއިން ލިބޭ މިންވަރެވެ. ފިންލޭންޑްގައި ދަރިވަރަކަށް މަހެއްގެ މައްޗަށް އެގާރަވަރަކަށް ހާސް ރުފިޔާ ހަރަދު ކުރާއިރު ރާއްޖޭގައި ދަރިވަރަކަށް މަހަކަށް އަށެއްކަހާސް ހަރަދު ކުރެއެވެ. އެހެންކަމަށްވާނަމަ ތައުލީމަށް ދުނިޔޭގެ އެންމެ މޮޅު ގައުމާ އަޅާބަލައިރު ރާއްޖޭގައި ކުރާ ހޭދަ މަދެއް ނޫންތާއެވެ. އެކަމަކު މުހިއްމީ އެފައިސާ ބެހިގެންދާ ގޮތެވެ. ބަލަން ޖެހެނީ އެކަމެވެ. އެކަމަކު އެނގޭ ކަމަކީ މުދައްރިސުންގެ މުސާރަ ބޮޑުވާން ޖެހޭ ކަމެވެ.