ads
ރިހިވެލި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް ޑޮޓް ކޮމް
ރިހިވެލި ރިސޯޓް: މައްސަލަ ހައިކޯޓުގައި، އެކަމަކު 15 ނޮވެމްބަރުގައި ރިސޯޓު ހުޅުވަނީ
15 ނޮވެމްބަރުގައި ރިހިވެލި މޯލްޑިވްސް ރިސޯޓު އަލުން ހުޅުވުމަށް ތައްޔާރުވަމުން ދާއިރު ސޭވް ދަ ޑްރީމް ވ މާހަލް ޓުއާސްގެ ފަރާތުން ހައިކޯޓުގައި ހުށައަޅާފައިވާ މައްސަލައަށް ގޮތެއް ނުނިމި ލަސްކުރަމުންދާތީ އެއީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅައިފިއެވެ.
Advertisement

"ސީއެންއެމް" މައުލޫމާތު ދެއްވަމުން މި މައްސަލައިގެ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ މި މައްސަލަ 13 ސެޕްޓެމްބަރުގައި ވަނީ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިކަމަށެވެ.  އަދި މިމައްސަލައަކީ ހިނގަ ހިނގާ އޮތް ރިސޯޓެއް ކަމުގައިވާ ރިހިވެލި ބީޗް ރިސޯޓް ހިންގުން ހުއްޓުވާލާ އެރަށަށް މީހުންތަކެއް އަރައިގަނެގެން އުޅޭ މައްސަލައެއް ކަމަށެވެ.

" ރިސޯޓު ނޮވެމްބަރު 15 ގައި ހުޅުވުމަށް ތައްޔާރުވަމުން އެދަނީ. އަދި މިމައްސަލައިގައި ވަކި ގޮތެއް ނުނިމޭ. ކޮންމެވެސް ގޮތެއް ނިންމަން އެބަޖެހޭ ނޫންތޯ. އޭރުންތާ ސްޕްރީމް ކޯޓަށްވެސް ދާން އިނގޭނީ " ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިމައްސަލައިގައި ހުކުމް ކުރިދުވަހު، ހުކުމް އިއްވުމުގެ ކުރިން ދައުވާ ލިބޭ ފަރާތަށް ހުކުމް އެނގިފައި އޮތުމުގެ ޝަކުވާ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް އެއީ ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަށް ފާހަގަ ކުރެވިފައި ނުވާތީ އެޝަކުވާ ނުބަލާން ނިންމާފައިވާ ކަމަށެވެ.

އެ ޝަކުވާ ނުބަލަން ނިންމިއިރު 26 ސެޕްޓެމްބަރުގައި ހުށައަޅަފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފައިވެއެވެ. އޭގެ ފަހުން 28 ސެޕްޓެމްބަރުގައިވެސް މައްސަލަ ޝެޑިއުލް ކުރުމަށްފަހު ކެންސަލް ކޮށްފައި ވެއެވެ.

އަދި މިމަހު ހަތަރު ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި ގޮތެއް ނުނިމުނު އިރު 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް މި މައްސަލައިގެ ގޮތެއް ނުނިންމަވާ ކަމަށް ވަކީލު ވިދާޅުވެއެވެ.

އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް ހިމެނިވަޑައިގަންނަވާ ކުންފުންޏަކުން ރިހިވެލި މޯލްޑިވްސް ރިސޯޓު ހުޅުވަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މި ކަންވެސް ހައިކޯޓަށް އަންގަވާފައިވާނެ ކަމަށް ނާޒިްމ ވިދާޅުވިއެވެ.

 އެހެންނަމަވެސް އެ މައްސަލައިގައި ވަގުތީ ކަންކަމަށް ހައްލެއް ލިބެންޖެހޭ ކަމަށް ތަކުރާރުކޮށް އެދެމުންދާއިރުވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް