ads
ޓީ20 ވޯލްޑް ކަޕް އިންޑީއާ އާއި ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން- ފޮޓޯ: އޭޕީ
ޕާކިސްތާނަށް ސަޕޯޓްކުރި ކަޝްމީރު ދަރިވަރުންނަށް ޓެރަރިޒަމްގެ ދައުވާ
ނިމިދިޔަ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ފައިނަލްގައި ޕާކިސްތާނުން އިންޑިއާގެ މައްޗަށް ކުރިހޯދުމުން، އުފާ ފާޅުކުރި އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ މެޑިކަލް ދަރިވަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކޮށްފި އެވެ.

އިންޑިއާއިން އެ ދަރިވަރުންތަކުގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުންނެވެ. 

އާދިއްތަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި އޮތް މެޗުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ މައްޗަށް 20 ވިކެޓުގެ ކުރި ހޯދައިފައެވެ. 

އިންޑިއާ ބަލިވުމުން ޕަންޖާބުގައި ދިރިއުޅޭ ކަޝްމީރު ދަރިވަރުންނަށް ހަމަލާތަކެއް އަމާޒުވި އިރު އިންޑިއާ ޓީމުގެ މުސްލިމު ކުޅުންތެރިއަކަށް އޮންލައިންކޮށް ދިމާކޮށްފައިވެއެވެ. 

ކަޝްމީރުގައި އިންޑިއާ ދެކޮޅު ފިކުރުގެ މީހުން ގިނައެވެ. ހިމާލިޔާ ސަރަހައްދުގައި އޮންނަ ކަޝްމީރަކީ އިންޑިއާ އަދި ޕާކިސްތާނުންވެސް ފުރިހަމައަށް ދައުވާކުރާ ބިމެކެވެ.

އެ ސަރަހައްދުގައި އުޅޭ ގިނަ މީހުން ބޭނުންވަނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޕާކިސްތާނާއި ގުޅެން ނޫނީ ވަކި މިނިވަން ދައުލަތެކެވެ. 

އާދިއްތަ ދުވަހުގެ ކްރިކެޓް ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް އިންޑިއާ އާ ވާދަކޮށް ޕާކިސްތާން މޮޅުވުމުން ކަޝްމީރުގައި އެކަން ފާހަގަކުރި އެވެ. 

ފާހަގަކުރި މީހުންގެ ތެރޭގައި ކަޝްމީރުގެ މެޑިކަލް ކޮލެޖެއް ކަމަށްވާ، ޝެރީ-ކަޝްމީރު އިންޓިޓުއުޓް އޮފް މެޑިކަލް ސައިންސެސްގެ ދަރިވަރުންތަކެއް ހިމެނެއެވެ. 

އެމީހުން އުފާ ފާޅުކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައިވެއެވެ. 

އަންގާރަ ދުވަހު އިންޑިއާގެ ފުލުހުންގެ މަތީ އޮފިޝަލަކު އަލްޖަޒީރާއަށް ބުނީ ގާނޫނާ ހިލާފު ކަންތައްތައް ހުއްޓުވާ ގާނޫނުގެ ދަށުން ދެ މައްސަލައެއް ދަރިވަރުންތަކަކާއި ދެކޮޅަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ރައްދުވަނީ ކިތައް ދަރިވަރުންނަށް ކަމެއް އެނގިފައިނުވާ ކަމަށް އޭނާ ބުނެއެވެ. އެ މައްސަލަ ހުށަހެޅިފައިވަނީ "ގައުމީވަންތަ ކަމަށް ހުތުރުވާ ގޮތައް ކްރިކެޓް މެޗެއްގެ ތެރެއިން އަމަލުތައް ބެހެއްޓި" ކަމަށް ތުހުމަތުކޮށް ކަމަށް އޭނާ ބުނެއެވެ. 

އަދި އެ މައްސަލައިގައި އެއްވެސް ދަރިވަރެއްގެ ނަމެއް ނެތް ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. 

ޕަންޖާބުގައި ދަރިވަރުންތަކެއް އެމީހުންގެ ކޮޓަރިތަކުގައި މެޗު ބަލަމުން ދަނިކޮށް، ބަޔަކު ވަދެ ލަކުޑިބުރިން އެމީހުންނަށް ހަމަލާދީފައިވެއެވެ. އެމީހުންނަށް ހަމާ ދީފައިވަނީ ޕާކިސްތާން މޮޅުވުމުން އުފާ ފާޅުކުރުމުންނެވެ. 

ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެ ދަރިވަރުންތައް ޕާކިސްތާނަށް ޑީޕޯޓްކޮށްލުމަށާއި މުސްތަގްބަލުގައި ސަރުކާރު ވަޒީފާއެއް ނުލިބޭ ގޮތައް ހެދުމަށް ގޮވާލައިފައެވެ. 

2014 ވަނަ އަހަރުގެ އޭޝިޔާ ޓުއަނަމެންްޓް މެޗެއްގައި 60 އާއި ގާތްކުރާ އަދަދަކަށް ކަޝްމީރު ދަރިވަރުންތަކެއް ޕާކިސްތާން އަށް ސަޕޯޓްކުރި ކަމަށް ބުނެ ސަސްޕެންޑް ކުރިއެވެ. ނަމަވެސް ފަހުން އެ ދަރިވަރުންނަށް އެޅި ފިޔަވަޅުތައް ވަނީ ބާތިލްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް