ވަާޗުއަލްކޮށް ކުރިއަށްދިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި، ހާއްސަ މަންދޫބުންނާއި، ދުނިޔޭގެ ސިއްހަތުޖަމުއިއްޔާގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ސަރަޙައްދުން ޓީބީ ނައްތާލުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހެލްތ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންފައި ވާއިރު، މި ބައްދަލުވުމުގައި ރާއްޖޭގެ ހެތް މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެން، ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ކަން ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރުން 2025 ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ނަސީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި ވަނީ މި ސަރަޙައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގައި ޓީ.ބީ ޖެހޭ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ. އަދި ޓީބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަމަށް ވެސް މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި، މި ސަރަޙައްދުން ޓީ.ބީ ނައްތާލުމާއި، ޓީ.ބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރަހައްދުގެ ސިއްހަތާއިބެހޭ ވަޒީރުން "ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް" އެއްގައި ވަނީ ސޮއެ ކުރައްވާފައެވެ. މީގެ އިތުރުން 2030 ވަނަ އަހަރާއި ހަމައަށް ޓީ.ބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް މަސައްކަތްކުރުމާއި، ޓީ.ބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރުންވަނީ މި ސްޓޭޓްމަންޓްގައި އެއްބަސްވެވަޑައިގެންފައެވެ.