ތިނަދޫގައި ހިނގި މަރުގެ ހާދިސާގައި ތުއްތު ކުއްޖާ ކޮވިޑް ފެސިލިޓީއަކަށް ގެންގޮސް ދޮޅުގަޑިއިރުވީ އިރުވެސް ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ. އޭގެ އިތުރުން ކުއްޖާ އެ ފެސިލިޓީއަށް ގެންދަން އެމްބިއުލާންސް ފޮނުވުމަށްވެސް ދެގަޑިއިރު ހޭދަވިއެވެ. މަރުވީ އެއްވެސް ފަރުވާ އެއް ނުލިބިއެވެ. އާއިލާގެ ފަރާތުން އެތަކެއް އާދޭސް ތަކެއް ކުރަމުންދިޔައިރުވެސް، ތިންމަހުގެ ދަރިފުޅު ދުނިޔެއާ އަލްވަދާއުކީ ހޮސްޕިޓަލުން އެއްވެސް އެހީތެރިކަމެއް ނުލިބިއެވެ. މިއީ ސިއްހީދާއިރާގެ ކަންކަމުގައި ފަރުވާ ކުޑަކުރެވިފައިވާ މިންވަރެވެ.
މިމައްސަލާގައި ޑްކޮޓަރުވަނީ ސަސްޕެންޑް ކޮށްފައެވެ. މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެކަމަކު މިއީ މިފަދަ އެތަކެއް މައްސަލަތައް ހިނގަމުންދާ އިރު މައްސަލަތަކުގެ ޖުމްލަ ހައްލެއް ބާވައެވެ؟
ސިއްހީ ދާއިރާގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. ބަރޯގައި ބަލިމީހުން އުފުލާ ވާހަކައެވެ. ގޯނިގަނޑުގައި މީހުން ހޮސްޕިޓަލަށް ގެންދާ ވާހަކައެވެ. ސިއްހީ މަރުކަޒު ތަކުގެ ފުރާޅު ފޫވެއްޓޭ ވާހަކައެވެ. ކަންކަން ހިނގަމުންއަންނަނީ މިހެންނެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ކަންކަން ހުރީ މިހެންނެވެ.
ނ.މާފަރު ހެލްތް ސެންޓަރުގެ ހާލަތު ގޯސްވެ، ބައެއް އޮންލައިން ނޫސްތަކާއި، ޝޯޝަލް މީޑިޔާގައި ފޮޓާތަކާއި ވީޑިޔޯތައް މިހާރު ވަނީ ދައުރުވާން ފަށާފައެވެ. އެރަށު ހެލްތު ސެންޓަރުގެ ފުރާޅުގައި ޓިނެއްނެތެވެ. ބާވެ ފޫވެއްޓިގެންގޮސް ސީލިންވެސް ވަނީ ވެއްޓިފައެވެ. އެހެންވެ މިހާރު ބަލިމީހުން ބަލަނީ އެމަރުކަޒުގެ އޮފީހުގައެވެ.
މާފަރު ހެލްތް ސެންޓަރުގެ ހާލަތާއި ގުޅޭގޮތުން، "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން، މެނޭޖަރު ސައިފުﷲ އަހުމަދު މިއަދު ވިދާޅުވީ، މާފަރު ހެލްތް ސެންޓަރާއި މެދު އަތޮޅު ހޮސްޕިޓަލުންވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، މިކަމުގެ ޒިންމާ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުންވެސް ނަގަންޖެހޭ ކަމަށެވެ.
އެމްބިއުލާންސް ލަސްވުމުގެ މައްސަލައަކީ މިހާރު އާންމު ވާހަކައެކެވެ. މިއަހަރު ކުރީކޮޅު ދުނިޔެއާ ވަކިވެގެން ދިއަ އުމުރުން ދިހަ އަހރުގެ މިޝްކާ މުހައްމަދުގެ މަރާއެކު އަޑު އިވިގެން ދިޔައީ ހެލްތު މިނިސްޓްރީގެ އިހުމާލު އޮތްކަމަށް ހެލްތު މިނިސްޓަރު އިއުތިރާފް ވިއަޑެވެ. އެމައްސަލަ ތަހުގީގު ކުރެއްވުމަށްފަހު އެވެ. އެހެންނަމަވެސް އެއަށްފަހުވެސް އެކަމާ ގުޅޭގޮތުން ފިޔަވަޅެއް އަޅާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ވޭތުވެދިޔަ ހަފްތާގައި މަރުގެ މައްސަލަތައް ތަކުރާރު ވިއިރުވެސް އެމައްސަލައަށް ފިޔަވަޅުއެޅި މީހަކު ހުރި ކަމެއް ނޭނގެއެވެ.
ރ.ދުވާފަރު އުމުރުން 52 އަހަރުގެ ފާތިމަތު މޫސާ ހާލުދެރަވެ، އެމްބިއުލާންސަށް ބޭނުންވި ހިނދު އެމްބިއުލާންސް އައުން ލަސްވިކަމަށް ގަބޫލު ކުރައްވާ ކަމަށް ދުވާފަރު ކައުންސިލާއި، މަރުވި މީހާގެ އާއިލާއިން ބުނީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުއެވެ. ސީއެމްބިއުލާންސް ނައިސްގެން ރަށުގައި މުޒާހަރާކޮށް ، ފުލުހުން އެރަށަށް ދިޔައިރުވެސް ސީއެމްބިއުލާންސަށް ދެވުނު ކަމަކަށް ނުވިއެވެ.
މިޝްކާގެ މަރާ ގުޅިގެން އެމްބިއުލާންސް ތަކެއް ގެންނަން ސަރުކާރުން މަސައްކަތް ފެށިއެވެ. ޖޫންމަހުގެ ނިޔަލަށް އެމްބިއުލާންސްތައް ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ 17 މާޗްގައި ރައްޔިތުންގެ މަޖިލީހުގައި އެމްބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެމްބިއުލާންސް ނުލިބުމުގެ މައްސަލާގައި ސިއްހީ މަރުކަޒު ބަންދު ކޮށްފައިވެސް އެބަހުއްޓެވެ. ދޭންބުނި އެމްބިއުލާންސް ނުފޮނުވާ ކަމަށްބުނެ ހދ. ނައިވާދޫ ކައުންސިލް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ގައެވެ.
މިނިސްޓަރު ނަސީމް، ޖޫން މަހުގެ ކުރިން އެމްބިއުލާންސްތައް "ލިބޭނެ، ލިބޭނެ" ވިދާޅުވާން ހުއްޓާ ދެން ފެނުނީ އޭގެ ހަތަރު މަސް ފަހަނައަޅާ ގޮސް މިދިޔަ ހަފްތާގެ ތެރޭގައި ހދ. މަކުނުދޫއިން އުމުރުން ދުވަސްވީ މީހެއްގެ ހާލު ދެރަވެގެން ހެލްތު ސެންޓަރަށް ބަރޯއެއްގައި ގެންދިޔަ މަންޒަރެވެ. މިވާހަކަތައް ގަދަވެ ފާޑުކިޔުންތައް އަމާޒުވާން އަނެއްކާވެސް ފެށުމުން ދާދި މިދާކަށްދުވަހު ހެލްތު މިނިސްޓްރީން ދެން ބުނީ އެމްބިއުލާންސްތައް ލިބިއްޖެ ކަމަށާއި މިހާރު ކުރަމުންދަނީ އިދާރީ މަސައްކަތް ކަމަށެވެ. އަދި ތިންދުވަހެއްގެ ތެރޭގައި އެމަސައްކަތް ނިމި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވާލެވޭނެ ކަމަށް ހެލުތުން ބުންޏެވެ.
އެނގޭ ކަމަކީ އިންތިޒާމްވެގެން ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުވެގެން ދާތަން ނުފެންނަ ކަމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ނިގޫކޮޅަށް މިއޮތީ އެޅިފަ އެވެ. އެހެންނަމަވެސް ކޮންމެ އިސްވެރިއަކުވެސް ވިދާޅުވާ އަޑު އިވެނީ ކޮށްދޭނެ ވާހަކައެވެ. ރަނގަޅު ކުރާނެ ވާހަކައެވެ. މިދައްކަނީ ވެރިކަމުގެ ތިން އަހަރު ނިމެން ކައިރި ވެފައިވާއިރު ސިއްހީ ހިދުމަތަށް އައިސްފައިވާ ނޭދެވޭ ބަދަލު ތަކުގެ ވާހަކަ އެވެ. އެމްބިއުލާންސްތައް ދުވަނީ ބަރަވެލި ސްޕީޑްގަ އެވެ. ކަނޑެއް އެއްގަމެއް ކިޔާނެ ކަމެއް ނެތެވެ. ފެންނަން ހުރި ހަގީގަތް ތަކެވެ. އަދި އެދުވެލީގެ ސަބަބުން މަރުތަކެއް ތަކުރާރު ވަމުންދާ ވާހަކައެވެ.
ހެލްތު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ރާއްޖޭގައި ނޭޝަނަލް އެމްބިއުލާންސް ސާވިސްގެ ހިދުމަތް ފަށާފައިވަނީ 2020 ވަނައަހަރުގެ އޮގަސްޓް މަހުގެ 27 ވަނަދުވަހުއެވެ. އުންމީދު ތަކެއް ދެމުންނެވެ. ފުރަތަމަ ބޭނުން ކުރީ ކޮވިޑަށް ހާއްސަ ކޮށްގެންނެވެ. ހެލްތު މިނިސްޓްރީން އޭރު ބުނީ އެ ހިދުމަތާއި އެކު ކުއްލި ހާލަތުގައި އެހީތެރިކަން ފޯރު ކޮށްދިނުން އަވަސްވެގެން ދާނެ ކަމަށެވެ.
އަދި ކޯލް ސެންޓަރަށް ގުޅާ ހިސާބުން ފެށިގެން ބަލިމީހާ ހޮސްޕިޓަލަށް ގެންދެވެންދެން ހިދުމަތްދޭ ފަރާތްތަކުން މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިކަން ފެށުމަށް ވަރަށް ތައްޔާރުވެސް ވިއެވެ. ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ބޭއްވި އެވެ. ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދިނީ މޯލްޑިވްސް ރެޑްކްރެސެންޓާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެސް ފޯސްގެ އިންސްޓްރަކްޓަރުންނެވެ.
އޭގެ އިތުރުން އެ ސެޝަންތަކުގެ ތެރޭގައި ބަލި މީހުންނާއި މުއާމަލާތު ކުރާނެ ރަނގަޅު ގޮތްތައް ބުނެދިނުމާއި، ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ހާލަތްތަކުގައި އަންނަ ކޯލްތަކަށް ވީއެންމެ އަވަހަކަށް ޖަވާބުދާރީ ވާނެ ގޮތްތަކާ ބެހޭގޮތުންވެސް މައުލޫމާތު ދީފައި ވެއެވެ.
މާނައަކީ އެމްބިއުލާންސްތައް އޮޕަރޭޓް ކުރުމުގެ ކަންކަމާ ސަރުކާރުން ކުރިމަތިލީ ވަރަށް ތައްޔާރުވެގެން ކަމެވެ. ވަކި ހިދުމަތެއް ގޮތަށް އެމަސައްކަތް ވަކިކޮށް ހޭދަ ތަކެއްވެސް ކޮށް ތަމްރީނުތަކެށް ދީގެންނެވެ. އެކަމަކު އޭގެ ނަތީޖާ ފެންނަނީ ދެރަވަރު ކޮށެވެ.
މިހުރިހާ ކަމެއް މިހެން ހުރި އިރު، ނައިބުރައީސް ވެސް ވިދާޅުވަނީ އަތޮޅުތެރޭގައި ކުރަންހުރި ކަންކަމުގެ ތެރެއިން އެންމެ އިސްކަން ދެއްވަނީ ސިއްހީ ކަންކަން ވަރުގަދަ ކުރެއްވުމަށް ކަމަށެވެ. އިހަށްދުވަހު ފުއަށް މުލަކުގައި ވިދާޅުވީ ، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައި ދެއްވުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތް ކަމުގައެވެ.
ސިއްހީ ކަންކަމަކީ ސަރުކާރަށް ކިތަންމެ މުހިއްމު ކަމެއް ކަމަށް ވިޔަސް ފެންނަނީ ސިއްހީ ނިޒާމް ފަހަތު ފަޔަށް ބަރުވެފައިވާ މަންޒަރެވެ. ބަލިމީހާ އުފުލުމުގައެވެ. ސިއްހީ ނިޒާމުގެ ތެރެއިން ކަންކަން ހިންގުމުގައެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައެވެ. ތަހުގީގަށްފަހު ފިޔަވަޅު އެޅުމުގައެވެ. އެމްބިއުލާންސް ގެނައުމުގައެވެ. އެ ފޯރުކޮށް ދިނުމުގައެވެ.