ads
ސޫދާން: ވެރިކަން ބައާވާތަކުން ބަދަލުކޮށް ސިޔާސީ ލީޑަރުންވަނީ ހައްޔަރު ކޮށްފައި
ސޫދާން ބަޣާވާތް: ވޯލްޑް ބޭންކުން ދޭ އެހީ ހުއްޓާލައިފި
ސޫދާންގެ ހާތޫމްގައި މިދިޔަ ހޯމަ ދުވަހު ހިންގި ބަޣާވާތާ ގުޅިގެން ވޯލްޑް ބޭންކުން އެގައުމަށް ފޯރުކޮށްދޭ އެހީ ސަސްޕެންޑްކޮށްފި އެވެ.
Advertisement

ޚާތޫމްގައި ހިންގި މި ބަޣާވާތުގައި އެގައުމުގެ ބޮޑު ވަޒީރު އަބްދުﷲ ހަމްދޮކް އާއި އޭނާގެ އަންހެނުންނާއި އަދި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި އެކު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުން ހިންގާފައެވެ. މިކަމުގެ ސަބަބުން ވޯލްޑް ބޭންކް ގެ އިތުރުން (އޭޔޫ) އެފްރިކަން ޔޫނިއަން އަދި އެމެރިކާއިން ވެސް ވަނީ ސޫދާންއަށް ފޯރުކޮށްދޭ އެހީ ސަސްޕެންޑްކޮށްފަ އެވެ. އެމެރިކާއިން ހަތްސަތޭކަ މިލިއަން ޑޮލަރުގެ އެހީ ވަނީ މިވަގުތަށް ފޯރުކޮށްދިނުން ހުއްޓާލާފަ އެވެ.

މިފަދަ އެހީތައް ހުއްޓުމަކަށް ގެނައުމުން ސޫދާންގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ބަޣާވާތުގެ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހް ބުރުހާން ހިންގާ އަސްކަރީ ބަޣާވާތް ހުއްޓުމަކަށް ގެނައުމަށް އިތުރު ޕްރެޝަރެކެވެ. 

ވޯލްޑް ބޭންކް ގެ ރައީސް ޑޭވިޑް މަލްޕާސް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސޫދާންގައި މިފަހުން ހިނގާދިޔަ ކަންތަކާ މެދު އޭނާ ކަންބޮޑުވާ ކަން ހާމަކޮށްފައި ވެއެވެ. އަދި އެގައުމަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އައިސްދާނެ ހީނަރުކަމަށް ކަންބޮޑުވާކަމަށްވެސް ބުނެފައިވެ އެވެ. 

މާޗް މަހު ސޫދާންއަށް ވޯލްޑް ބޭންކުން ވަނީ ބިލިއަނުން ޑޮލަރުގެ އެހީ ފޯރުކޮށްދީފަ އެވެ. މިއީ 30 އަހަރުގެ ދިގު މުއްދަތަކަށްފަހު އެގައުމުގެ ދަރަނި ސާފުވުމަށްފަހު ފުރަތަމަ ފަހަރަށް އެގައުމަށް ދިން އެހީ އެވެ. އެ ފަހަރުވެސް މަލްޕާސް ބުނެފައިވަނީ މިއީ އެތައް އަހަރެއްގެ ފަހުން ހީނަރުކަން ވެރިވެފަ އޮތް އެގައުމުގެ އިގްތިސާދު ކުރިއަރަމުން އަންނަ ކަމުގެ ފެށުމެއްކަމުގަ އެވެ. 

އަބްދުﷲ ހަމްދޮކް ބުނެފައިވާ ގޮތުގައި ވޯލްޑް ބޭންކުން ތިން ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީ ދަނޑުވެރިކަން، ދަތުރު ފަތުރު، ސިއްހީ ހިދުމަތްތައް އަދި ތައުލީމަށް ވަނީ ކުރިއެރުން ގެނެސްދީފަ އެވެ.

އޭޔޫ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އާއްމުންނާއި ސިފައިންގެ ބާރުތައް ހިއްސާކުރާ ސަރުކާރު އައުމަށްފަހު މެނުވީ އަލުން އެހީ ފޯރުކޮށް ދިނުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. 

ސޫދާންގެ މިބަޣާވާތުގައި މިހާތަނަށް ދިހަ މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް