އެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުالله އެވެ.
ސީއެންއެމް އާ ވާހަކަ ދައްކަވަމުން ދާންދޫ ފެނަކަ ބްރާންޗްގެ މެނޭޖަރ އިބްރާހިމް ދީދީ ވިދާޅުވީ، އެ އިމާރާތަކީ ދާންދޫގައި ގާއިމްވެގެންދާ ފެނަކައިގެ ފުރަތަމަ އޮފީސް އިމާރާތް ކަމަށެވެ.
އިތުރަށް ވިދާޅުވީ، މިހާރު އޮފީސް އިމާރާތުގެ މަސައްކަތް ފެށުމަށް މުވައްޒަފުން ހޯދަމުންދާ ކަމަށާއި މަސައްކަތް ފެށި ތިނެއް ނުވަތަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިމި ބޭނުންކުރެވޭނެ ކަމަށެވެ.
މިއަދު ބިންގާ އެޅުނު މި އިމާރާތުގައި 20 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އޮފީހަކާއި މީޓިންގް ރޫމެއްގެ އިތުރުން ޓެރެސް އަދި ލޮބީ އޭރިއާއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީ ސައީދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދާންދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ކަރަންޓާއި ނަރުދަމާ ދާދި އަވަހަށް ގާއިމު ކޮށްދެއްވާނެ ކަމުގެ ޔަގީން ސައީދު ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން ދާންދޫ ކައުންސިލް އިދާރާއާއި މިސްކިތްތަކާއި މަގުބައްތިތައް ސޯލާ ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ފެނަކައިން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ސައީދު ވަނީ ދާންދޫ ކައުންސިލަށް ދެއްވާފައެވެ.