ads
ފިޗް ރޭޓިން--
ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ"އިން "ބީ މައިނަސް"އަށް މަތިކޮށްފި
ގިނަ ލޯނުތަކެއް ނެގުމުން 2020ވަނަ އަަހަރު ފިޗް ރޭޓިންއިން ރާއްޖޭގެ ކްރެޑް ރޭޓިން "ސީސީސީ" އަށް ދަށްކޮށްފައި އޮތުމަށްފަހު އެ ރޭޓު "ބީ މައިނަސް"އަށް މަތިކޮށްފި އެވެ.

"ބީ މައިނަސް" ރޭޓިންއަކީ ރިސްކުތައް ހުރި ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ނުރައްކާ ނޫންކަމާއި، އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދެއްކޭނެކަން ޔަގީންކުރާ ރޭޓެވެ. 

އަހަރެއްހާ ދުވަސް ފަހުން ފިޗުން ރާއްޖޭގެ ހާލަތު ބެލުމަށް ފަހު "ބީ މައިނަސް"އަށް ރާއްޖޭގެ ރޭޓިން ރަނގަޅު ކޮށްފައިވަނީ ކޮވިޑުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް ހުރިވަރުގެ 70 އިންސައްތައަށް ފަތުރުވެރިކަން ރަނގަޅުވެފައި ވާތީއެވެ. 

އެގޮތުން ބެޑް ނައިޓްސްއިން ލަފާކުރި ވަރަށް ވުރެ ބޮޑަށް ކުރިއެރުން ލިބިފައިވާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރުވެފައިވާކަން އެޖެންސީން ފާހަގަކުރެއެވެ.

އަދި އަންނަ އަހަރު ޓޫރިޒަމް 80 އިންސައްތައަށް ރަނގަޅުވާނެކަމަށް އެޖެންސީން ލަފާކުރާއިއިރު 2023ގައި ކުރީގެ ހާލަތަށް ރުޖޫއަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ. 

ރާއްޖޭގެ ރޭޓިން މަތިކުރި އަނެއް ސަބަބަކީ ސްކޫކު ބޮންޑެއް ވިއްކާ އަންނަ އަހަރު ޖުލައިގައި ފައިސާ ދައްކަން ޖެހޭ ޑޮލަރު ބޮންޑެއްގެ ފައިސާ ހަލާސްކޮށްފައިވާތީއާއެވެ. އެެ އެޖެންސީން ފާހަގަކުރާ ގޮތުގައި ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި އަންނަ އަހަރު 107.6 ކުޑަކުރެވޭނެއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖިޑީޕީ އަންނަ އަހަރު 29.4އިންސައްތައަށް ކުރިއަރާނެއެވެ. 

ރޭޓިން މަތިކުރި ނަމަވެސް ފިޗުން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ދަރަނި އަދިވެސް ބޮޑުވުމާއި އެ ފައިސާ ދެއްކުމަށް ބޭރުގެ އެކި ފަރާތްތަކުން ރާއްޖެއިން ބަރޯސާވާން ޖެހުމުގެ ކަންބޮޑުވުން އެބައޮތެވެ. އަދި ކޮވިޑްގެ ހާލަތު ރާއްޖޭގައި އަދިވެސް ހަމައަކަށް އެޅިފައިނުވާއިރު، އިގްސޯދު ކޮޅަށް ޖެހުމަށް ރާއްޖެއިން ފަތުރުވެރިކަމަށް އެކަނި ބަރޯސާވާތީ އެ ސިނާއަތު އަރިއަޅާލުމުގެ ފުރުސަތު އަދިވެސް އެބައޮތްކަން އެޖެންސީން ފާހަގަކުރެއެވެ. 

މިދިޔަ އަހަރު ރާއްޖޭގެ ރޭޓު ދެފަހަރެއްގެ މަތިން ދަށްކޮށްފައިވެއެވެ. އެންމެ ފުރަތަމަ 2020ވަނަ އަހަރު ފެށުނުއިރު ފިޗުން ރާއްޖެއަށް ދީފައި ވަނީ "ބީ ޕްލަސް" ގެ ރޭޓިންއެއް ނަމަވެސް ކޮވިޑާއެކު ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އަށް ބަދަލުކޮށްފަ އެވެ. 

ފިޗް ރޭޓިން އިން ހަމަ އެއަހަރުގެ ނޮވެމްބަރުގެ ތެރޭގައި ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކުރިއެވެ. އެފަހަރު ދަށްކޮށްފައިވަނީ ފަތުރުވެރިކަން ހުއްޓި ބޭރު ފައިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ގިނަ ލޯނުތަކެއް ނެގުމުންނެވެ. 

ފިޗުން އޭރު އަންދާޒާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރަކީ 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީއާ ގުޅިގެން ވެސް އިގްތިސޯދަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެކެވެ. އަދި ޖުލައި 15 ގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން އަންނަން ފެށި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމަށް އަންދާޒާކޮށްފައި އޭރު އޮތީ 2022 ގައެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދަމުން އަންނަނީ ފިޗުގެ އިތުރުން މޫޑީސް އިންވެސްޓާ ސާވިސް އިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް