ހިފްޒު ކޮމިޓީ އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވީ ޤުރުއާން ކިޔަވާއިރު އޭގައި ބަޔާންކޮށްފައިވާ ކަންކަން ބަލައި ދެނެގަންނަން ޖެހޭކަމުގައެވެ
ކީރިތި ޤުރުއާނުގެ ޢިލްމުގެ މަތިވެރިކަމާ ގުޅޭގޮތުން ނައިބްރައީސް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން ކަންކަމަށް ބިރުވެތިވާން ޖެހޭ ކަމަށާއި އަދި މުސްލިމުންގެ ގޮތުގައި ތިބެގެން އެކަކު އަނެކަކަށް އެހީތެރި ވުމަށާއި މަގު ދައްކައި ދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހިފްޒު ކޮމެޓީ އިފްތިތާހު ކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ އައްޑޫ ސިޓީގެ ހިފްޒު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފަ އެވެ. މިއަދު އިފްތިތާހު ކުރެވުނު ހިފްޒު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފަސް މެންބަރުންނެވެ.
މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ހިފްޒު ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެ ގޮތް ބައްލަވާ ލައްވާ، ކީރިތި ގުރުޢާން ހިތުދަސްކޮށް ޙިފްޡު އިމްތިހާނަށް ހާޒިރުވެތިބި ކުދިންނަށް ހިތްވަރުދެއްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ނައިބް ރައީސް ވަނީ އައްޑޫ ސިޓީގައި ތިބި ދީނީ ޢިލްމުވެރިންނާއި ބައްދަލު ކުރައްވާފައެވެ.