ސިއްޙީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
މިގޮތުން ހަގު އުމުރުފުރާތަކުގެ ކުދިންނަށް ވެކްސިން ދެވޭނެ މަގު ފަހިވެގެންދިޔަހާ އަވަހަކަށް އެކުދިންނަށްވެސް ބޭނުންވާނެ ވެކްސިން ހޯދުމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ހިދުމަތް މެދުކެނޑުމެއްނެތި، މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދަން ރާވާފައިވާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށާއި، މިކަން ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމުކަމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޚިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅުކޮށްފައި ކަމަށާއި އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަދި ފަސް ހޮސްޕިޓަލަކީވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމަށާއި، މީގެ ސަބަބުން ސިއްޙީ ޚިދުމަތް ލާމަރުކަޒުވެ، ޚިދުމަތްތައް އަވަސްވެ، ކުރިއަރާ ދިއުމަށް މަގުފަހިވާނެ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލުތަކަކަށް ބަދަލުކުރުމަށް މި ބަޖެޓުގައިވާނީ އަމާޒު ހިފާފައި ވާކަމަށާއި ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 60 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށްވެސް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވެއެވެ.
މިނިސްޓަރު ވިދާޅުވީ ބޭނުމަކީ ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި ވަސީލަތްތައް މުއްސަނދިކުރުމާއި ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން ކަމަށެވެ.އެގޮތުން ސަރަހައްދީ ތަރައްޤީ އާއި ސިއްޙީ ފަރުވާ ގުޅޭ އެންމެ ބޮޑު މިސާލަކީ ކެންސަރުގެ ފަރުވާ އަށް ހާއްސަކޮށް ލ. ގަމުގައި ތަރައްގީ ކުރާ ހޮސްޕިޓަލް ކަމަށާއި، މި ހޮސްޕިޓަލުގެ މަސައްކަތްވެސް ބަޖެޓުގައި ހިމެނިފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމާއި، އެމަޖެންސީ މެޑިކަލް ސާވިސް ގެ ހިދުމަތް ހަރުދަނާކުރުމަށްވެސް ރޭވިފައި ވެއެވެ.