އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ހަނގު އުމުރުފުރާތަކުގެ ކުދިންނަށް ވެކްސިން ދެވޭނެ މަގު ފަހިވެގެންދިޔުމުން އެކުދިންނަށް ބޭނުންވާ ވެކްސިން ހޯދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ކުރިއަށްގެންދިޔުމަށް ރާވައިފައިވާ ކަމަށެވެ.
ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކި ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުންކަން ފާހަގަކޮށް އަމީރު ވިދާޅުވީ އެކަން ހާސިލްކުރުމަށް ކުރިއަށްގެންދާ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ފަސް ސަރަހައްދެގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީ ކުރުން ކަމަށެވެ. އެ މަޝްރޫއުގެ ތެރެއިން ފަސް ހޮސްޕިޓަލެއްގެ ވަސީލަތްތަކާއި ހިދުަމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅުކޮށްފަކަމަށް އަމީރު ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް އުމްރާނީ ގޮތުން އެ ހޮސްޕިޓަލްތަކަށް އިންވެސްޓް ކުރާނެ ކަމަށާއި އެ ހޮސްޕިޓަލަކީ ވެސް އަމިއްލައިން ހިންގާ ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފެށިގައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ސިއްހީ ހިދުމަތްތައް ލާމަރުކަޒީވެ ހިދުމަތްތައް އަވަސްވެ ކުރިއަރާދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް ބަޖެޓުގައި އަމާޒު ހިފާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތް ދިނުމުގެ ގޮތުން 60 ރަށެއްގެ ސިއްހީ މަރުކަޒު "އަޕްގްރޭޑް ކުރުމުގެ' މަސައްކަތް ވެސް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް މުއްސަނދިކުރުމާއި ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުން ކަމަށް އޭނާ ފާހަގަކުރި އެވެ.