ads
މުސާރައިގެ ކަންބޮޑުވުންތަކާއި ގުޅިގެން ސިވިލް ސާރވިސް މުވައްޒަފުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން : ފޮޓޯ ފޭސްބުކް
މިނިމަމް ވޭޖަށް 500 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި
މުސާރައިގެ ހަމަހަމަކަން ގާއިމުކުރުމަށާއި މިނިމަމް ވޭޖު ތައާރަފްކުރުމަށް 500 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ބަޖެޓުގައިވާ ގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާ ދީފައިވާ ގޮތަށް މުސާރަ އާއި ފިކްސްޑް އެލަވަންސްތައް ކަނޑައަޅައި މިނިމަމް ވޭޖުގެ ގޮތުގައި މަހަކަށް 7،000 ރުފިޔާ ތަންފީޒު ކުރަން ފަށައިފިނަމަ މިނިމަމް ވޭޖް ދިނުމަށް 163 މިލިއަން ރުފިޔާ ބަޖެޓުން ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭ މުސާރަ ހިމަނައިގެން އަންނަ އަހަރު ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއަށްވެސް 700 އަށްވުރެ ގިނަ މުވައްޒަފުން ނެގުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދަށެވެ.

2022 ވަނަ އަހަރު 9759.8 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހިނގާނެކަމަށް ލަފާކުރެވޭއިރު، މިއީ ބަޖެޓުގެ 26.4 އިންސައްތައެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް މުވައްޒަފުންނަށް ޚަރަދުވާނެކަމަށް އަންދާޒާކުރާ މިންވަރަށްވުރެ 13.0 އިންސައްތަ އިތުރު އަދަދެކެވެ.

މުވައްޒަފުންނަށް ހިނގާ ޚަރަދަކީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ ޚަރަދަކަށް ވާއިރު މީގެމައިގަނޑު ސަބަބުތަކުގެ ތެރޭގައި އައު މަގާމުތައް އުފައްދައި ދައުލަތުގެ މުވައްޒަފުން އަދަދު އިތުރުވަމުންދިއުން ފާހަގަކުރެވެއެވެ. މީގެއިތުރުން ޚިދުމަތް ދިނުމަށް މުވައްޒަފުން ބޭނުންވާ މިންވަރު އިތުރުވުމާއި މުސާރައިގެ އެކި އޮނިގަނޑުތައް ރާވައިފައި ހުންނަގޮތުން މުސާރައަށް އަންނަ ބަދަލުތަކާއި އިތުރުގަޑީގެ މަސައްކަތުގެ ޚަރަދު އިތުރުވަމުންދިއުމަކީވެސް މުވައްޒަފުންނަށް ކުރާ ޚަރަދު އިތުރުވަމުން ދާ ސަބަބެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 700 އަށްވުރެ ގިނަ އައު މުވައްޒަފުން ނެގުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި 400 އައު މުދައްރިސުންނާއި 160 އެއްހާ ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނެއެވެ. މި ދެ ދާއިރާގެ މުވައްޒަފުންނަށް ކުރާ ޚަރަދަށް ބަލާއިރު ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް 2270 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އަދި 2257 މިލިޔަން ރުފިޔާ ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މުވައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމާއި މިނިމަމް ވޭޖު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ ތިން އަހަރަށް ބަހާލައިގެންނެވެ. އެ މަސައްކަތަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ ހިމެނި ނަމަވެސް 2023 ވަނަ އަހަރު އެ މަސައްކަތަށް 750 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ އެ މަސައްކަތަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް