މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ، ފުލުހުންގެ ބެލުމުގެ ދަށުން ދަނގެއްޗަށް ގެންގޮސް އެ ރަށު ކޯޓަށް ހާޒިރު ކުރުމަށް ފަހުއެވެ. މަހްމޫދުގެ މަރާ ގުޅިގެން ސާލިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ރޭ ސާލިމް ދަނގެތީ ކޯޓަށް ގެންދިޔުމުން އެ ރަށު ކޯޓުން ނިންމީ އޭނާ 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށެވެ.
މަޙުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަޙުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ. އޭރު އޭނާ ހައްޔަރުކޮށް ދަނގެތީ ކޯޓަށް ގެންދިޔުމުން އެ ކޯޓުންވެސް ވަނީ އޭރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މަޙުމޫދު އަބޫބަކުރު މަރާލާ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މަޙުމޫދު ހަށިގަނޑަަށް ވަޅިން ޙަލަމާދީ ބޮޑެތި ޒަޙަމްތަކެއް ދީފައިވެއެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ދަނގެތީގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ތޮއްޑޫ އަށް އުފަން އެ ދެ މީހުންނާ ދޭތެރޭގައި ދަނގެތި މީހުން ޝައްކު ކުރި ނަމަވެސް ސާލިމްއާ މެދު ތުހުމަތު ކުރެވުނީ އޭނާ ދިރިއުޅޭ ގެއިން މީހަކަށް ފެނުނު މަންޒަރުންނެވެ.
އެމީހާ ބުނި ގޮތުގައި ސާލިމް ދިރިއުޅޭ ގެއިން އެ ރޭ ނުވައެއް ޖަހާކަން ހާއިރު، މީހެއްގެ ހަޅޭކުގެ އަޑު އިވިގެން ބަލާލި އިރު، ގޭތެރެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު ފެނުނެވެ. އެ މައުލޫމާތު އޭނާ އެންމެ ފުރަތަމަ ހިއްސާ ކުރީ އާއިލާގެ މީހަކާއެވެ. އެކަމަކު ފަހުން އެކަން ފުލުހުންނާ ހިއްސާ ކުރުމުން ފުލުހުން ވަނީ ސާލިމް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ.
މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ސާލިމް ކިޔައި ދިން އިރު، އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ވަނީ ހޯދައިފައެވެ.
މި މައްސަލާގައި ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި މި މީހާ މަޙުމޫދު މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް މީމީހާ އެކަނި ގޮހެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި މީ މިހާ ހައްޔަރުކުރުމަށްފަހު ހާދިސާ ހިނގި ތަންތަނަށް ގެންދިޔުމުން އެނާ ވަނީ އެކަން ކުރި ގޮތް ފުލުހުންނަށް ކިޔާދީފައެވެ. އަދި އޭގެއިތުރުންވެސް ގިނަ ހެކިތަކެއް ފުލުހުން ވަނީ ހޯދާފައެވެ. އޭގެތެރޭގައި މަޙުމޫދަށް ޙަމަލާދިނުމަށް ބޭނުންކުރިކަމަށް ޝައްކުކުރެވޭ ތަކެތިވެސް ހިމެނެއެވެ. އަދި މަޙުމޫދުގެ ފޯނާ ވޮލެޓު ވަޅުލާފައި އޮއްވާ އެތަކެތިވެސް ފުލުހުންވަނީ މިމިހާ ދިން މައުލޫމާތުގެ އަލީގައި ހޯދާފައެވެ
ފުލުހުން ބުނެފައި ވަނީ އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކު މަހުމޫދު މަރާލުމުގައި ބައިވެރިވި ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އެނގިފައިވާ ގޮތުގައި މަހްމޫދު މަރާލީ، ފައިސާ ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުންނެވެ.މަހުމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމް ދަނިކޮށް ކެމެރާއަކަށް ވެސް ވަނީ އަރައިފައެވެ.