ads
ތަސްލީމު އަދި އަލިމަނިކު
ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަލީ މަނިކާއި ތަސްލީމު ޝަރީއަތް ނިމެންދެން ބަންދަށް
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަލީ މަނިކާއި ތަސްލީމު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެެވެ.

ދައުލަތުން ތަސްލީމާއި ޢަލިމަނިކުގެ މައްޗަށް އުފުލައިފައި ވަނީ ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ބަންދުގައި ބެހެއްޓުމަށް ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މި  މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މިއީ ޖިނާއީ ބޮޑު ކުށެއްކަން ޝަރީއަތަށްވެސް ޤަބޫލު ކުރެވޭކަން ފާހަގަ ކުރައްވައި، ދެމީހުންގެވެސް މިބާވަތުގެ މައްސަލައިގެ ރިކޯޑް އޮތްކަމަށް ވިދާޅުވެ، ހެއްކަށް ނުފޫޒު ފޯރުވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަން ޤަބޫލު ކުރެވޭކަމަށް ވިދާޅުވެ، ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

މި މައްސަލައިގައި މީގެ ކުރިން ހަތް މީހުންނަށް ދައުވާކޮށްފައި ވެއެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.

ފަހުމީގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ނާޒިމްގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް