މުސްލިމަކާ ދިމާލަށް ކާފަރަށް ގޮވުން ވެސް ހުއްޓުވަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދެވަނަ ފަހަރަށް ދިރާސާކުރި އިރު ގެނެސްފައިވާ މައިގަނޑު ބަަދަލުތަކަކީ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ގޮވުުން، ކުށަކަށް ވާ ގޮތް އިތުރަށް ތަފްސީލު ކުރުމެވެ. އެ ބިލާ މެދު އާއްމުންނާއި ބައެއް އިލްމުވެރިން ކުރިން ކަންބޮޑުވުން ފާޅުކުރީ މާބޮޑު ތަފްސީލެއް ނެތި، ފުޅާ ދާއިރާއެއްގައި މީހުން ކުށްވެރި ކުރެވޭ ގޮތަށް އޮތުމުންނެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލުގައި އިބާރާތްތައް ފުރަތަމަ އޮތް ގޮތުން ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅޭ ކަމުގައި ބެލެވިގެން ކަންބޮޑުވުން އިންތިހާއަށް އުފެދުނެވެ.
ކޮމިޓީން ބިލަށް ގެނައި އެއް ބަދަލަކީ އިސްލާމް ދީނުގެ އުސޫލުތައް ބަޔާން ކޮށްދިނުމަކީ ކުށަކަށް ނުވާނެ ކަން ބަޔާން ކުރާ މާއްދާއެއް ބިލަށް އިތުރު ކުރުމެވެ. މި ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ބަޔާން ކުރުމާއި މުންކަރާތްތައް ނަހީކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އޭގައިވެއެވެ.
މީގެ އިތުރުން މީހަކު ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް، ޖިނާއީ ކުށަކަށް ވުމަށް ހާލަތްތަކާއި ޝަރުތުތަކެއް ހިމަނާފައި ބިލަށް އެ ބައިތައް އިތުރުކޮށްފައިވެއެވެ.
ފުރަތަމަ ހާލަތަކީ، އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމާއި އަދި ސުންނީ މުސްލިމުންގެ ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަކައަކާ ގުޅުވާފައި އެ މީހަކު ކާފަރު ކުރުމެވެ. ދެވަނަ ހާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު މުރުތައްދެއް ގޮތުގައި ސިފަކުރުމެވެ.
ބިލާ ދެކޮޅު ހެދި ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްލާމީ އުސޫލުތައް މީހުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ދައްްކާ ވާހަކަތައް ވެސްް ކުށަކަށް ހަދަން ބިލުން ޖާގަ ލިބޭ ކަަމަށް ބެލެވުމެވެ. ޖުޑިޝަރީ ކޮމިޓީން މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިންމައި، މަޖިލީހުގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން، އިސްލާމްދީނުގެ އުސޫލުތައް ބަޔާންކޮށްދިނުމަކީ ކުށަކަށް ނުވާނެކަން، ސާފުކޮށް ބަޔާންކުރާ މާއްދާއެއް ބިލަށް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 124 ވަަނަ މާއްދާއަށް ބިލުގައި ހުށަހަޅާފައިވާ އިސްލާހުގެ ފަހަތަށް، އިސްތިސްނާގެ އަކުރެއް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ ބިލުގައި ހިމެނޭ ކުށް ވެސް ކޮމިޓީން އިތުރަށް ތަފްސީލް ކޮށްދީފައިވެއެވެ މިހާރު އޭގައި ވަނީ މުވާސަލަތީ ވަސީލަތެއް ބޭނުން ކޮށްގެން އިސްލާމް ދީނަށް ތައުހީނު ކުރުމާއި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އިތުރަށް އިސްލާމް ދީނާ މެދު ދޮގު މައުލޫމާތެއް ފެތުރުން ވެސް އެއީ އޭގެ ކުށެއް ކަމުގައި ބަޔާންކޮށްފައެވެ.