ހދ. ކުޅުދުއްފުއްޓަށް މީގެ 15 ވަރަކަށް އަހަރު ކުރިން އުފަންވި ކަމަށް ބެލެވޭ ފަނި ކޮފީ، މަޝްހޫރީ ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުގަ އެވެ. އެހެން ހިސާބުތަކުގެ މީހުންނަށް އަދި މިއީ މުޅިން އާ އެއްޗެކެވެ.
ގިނަ ބަޔަކު ބުރަވާ ގޮތުން ފަނި ކޮފީ އުފަންކުރި މީހަކަށް ވާނީ ކުޅުދުއްފުށި ކޮށީގެ އާދަމް މުހައްމަދު (ޖާވިދު) އެވެ.
"ކޮށީގެ އާދަނު އައިސް ބުނާނެ، ކޮފީ 'ކްއާޓެއް' ދޭށޭ. ފެން ކޮޅެއް އަޅާފައި ކޮފީކޮޅެއް އަޅައިގެން ބައި ތައްޓަށް ވުރެ ވެސް މަދު އެތިކޮޅެއް، އެ ހިސާބުން އައިސް އެ އަށް ކިޔުނު އެއްޗެއް ފަނި ކޮފީ އަކީ،" ދެ ހާސް ފަސް ވަނަ އަހަރު، އެންމެ ފުރަތަމަ ފަނި ކޮފީ ތައްޔާރު ކުރަން ފެށި ކަމަށް ބެލެވޭ 'ކެފޭ ފްރޭރޭ' ގައި އެ ދުވަސް ވަރު މަސައްކަތް ކުރި ހަސަން އާދަމް ބުންޏެވެ.
އާންމުކޮށް ކަޅު ކޮފީ ބޮމުން އައި ޖާވިދު ބުނި ގޮތުގައި 'ކްއާޓް' ކޮފީ އެއް ނުވަތަ ކޮފީ ޖޯޑެއްގެ ހަތަރު ބައި ކުޅަ އެއް ބަޔަށްވާ ވަރަށް، ކޮފީ ބޯން ފެށީ، ދުވާލަކު ފަސް ހަ ކޮފީ ތަށި ބޮވޭއިރު، ކޮފީގެ މިންވަރު މާ ގިނަ ވާތީ އެވެ. އޭނާ ބުނި ގޮތުގައި ފަނި ކޮފީ އަކީ ކަޅު ކޮފީ އާ ތަފާތު އެއްޗެކެވެ.
"ކަޅު ކޮފީ އޭ ބުނީމަ ގެންނާނީ ކޮފީ އަޅާފައި ފެން އަޅާފައި މިކްސަރުން ގިރާފައި. ފަނި ކޮފީ އޭ ބުނީމަ ގެންނާނީ ކުޑަ ފެން ފޮދަކަށް ކޮފީ ކޮޅެއް އަޅައިގެން. އަމިއްލަ އަށް ގިރާނީ،" ޖާވިދު ބުންޏެވެ. "ކުރިން ހަތަރު ރުފިޔާ އަށް ކޮފީ ފަންޏެއް ލިބޭ. އޭރުވެސް ކަޅު ކޮފީ ދެނީ ފަސް ރުފިޔާ އަށް."
ފަނި ކޮފީގެ މަގުބޫލުކަން ބޮޑުވުމުން މިހާރު ފަނި ކޮފީ ވެސް ވިއްކަނީ ކަޅު ކޮފީ ތައްޓަކާއި އެއް އަގަކަށް ފަސް ރުފިޔާ އަށެވެ. 'ފަނި ކޮފީ' ކިޔާ ކެފޭ އެއް ހދ. ހަނިމާދޫ ގައި ހުރުމުން އަނގައިދެނީ އެ ކޮފީ ކުރިއަރާފައިވާ ވަރެވެ.
ކުޅުދުއްފުށީގެ ހުރިހާ ކެފޭ ތަކަކުން ކަހަލަ ގޮތަކަށް ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ވިކޭ އެއް ބުއިމަކީ ފަނި ކޮފީ އެވެ.
"ގިނަ މީހުން މިހާރު ބޮނީ ފަނި ކޮފީ އޭ ބުންޔަސް ދޮގަކަށް ނުވާނެ. މީހުން އައިސް ބުނާނީ ފަންޏެއް ދޭށޭ،" ކުޅުދުއްފުށީގެ ކެފޭ އަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފަނި ކޮފީ ބޯ ބައެއް މީހުން ބުނާ ގޮތުގައި އެކި ކެފޭގައި އެކި ގޮތަށް ފަނި ކޮފީ ހަދާއިރު އޭގެ ކޮލިޓީ އެއް ވަރެއްގަަ އެއް ނުހުރެ އެވެ. މިހެން ދިމާވެފައިވާ ކަމަށް ބެލެވެނީ ފަނި ކޮފީ، ކޮފީ ފަނީގެ ގޮތުގައި މާނަކޮށް؛ ފެން ފޮދަކަށް ކިރިޔާ ރަހަ ލާވަރަށް ކޮފީ ކޮޅެއް ގިރުވާލައިގެން ގެންނާތީ ކަމަށް ބައެއް މީހުން ބުނެ އެވެ. ކޮފީ ގެ ހިތި ރަހަ ގަދަކުރުމަށް ލިނބޯ ކޮޅެއް ލައިގެން ވެސް ބައެއް މީހުން ފަނި ކޮފީ ބޮއެ އެވެ.
"ޖޯޑަކަށް ފެން އަޅާފައި ކޮފީ ރަހަ ނުހުންނަ ވަރަށް ވެސް އެބަ ހަދާ، ފަނި ކޮފީ އެއީ އެއް ގޮތަކަށް ވެސް ކަމުދާ އެއްޗަކަށް ނުވޭ،" ގިނައިން ކޮފީ ބޮއެ އުޅޭ އެހެން ހަސަން އާދަމް އެއް، ފަނި ކޮފީ އާ މެދު ދެކޭ ގޮތް ތަފާތެވެ.
ކޮފީ ފަނި ވައިގަ ހިފުމުގެ އަނެއް ސަބަބެއް ކަމަށް ބެލެވެނީ، އެ ނަން ކަމުދިއުމެވެ. ކަޅު ކޮފީ އަށްވުރެ ހަރަދު ކުޑަކޮށް ހަދާލެވޭ އެއްޗަކަށް ވުމުން، ކެފޭތައް ހިންގާ ފަރާތްތަކަށް ލިބޭ މަންފާ ބޮޑުވުމަކީ ފަނި ކޮފީ ދެމިއޮތުމުގެ ސަބަބަކަށްވުން ގާތެވެ. ފަނި ކޮފީ އަކީ ތަންކޮޅެއް މުސްކުޅި ނަމެއް ކަމަށް، ދެކޭ ޒުވާނުންނަށް، ސަޅީ ކޮފީ 'ސޮޓެއް' ކީމައެވެ.