ads
ފެރީގައި ގެންދިޔަ ބަލި މީހާ——
ެެެއެމަޖެންސީ ހާލަތުގައި އޮތް ބަލި މީހާ، ވިލިމާލެ ފެރީގައި!
މިދިޔަ ބުރާސްފަތި ދުވަހެވެ. ވިލިމާލެއިން ފުރައިގެން މާލެއަށް ދަތުކުރަމުންދިޔަ ފެރީއެކެެވެ. އެހެންދުވަސްތަކެކޭ އެއްގޮތަށް ފެރީގައި އާއްމުން ގިނަ އެވެ. ކަނޑުގެ ރާޅުތައް ކަފަމުން މާލެ އަށް މިސްރާބު ޖަހައިގެން ދަތުރުކުރަމުންދަނީ އެވެ. ވިލިގިލީގައި ދިރިއުޅޭ ރައްޔިތުންނަކީ ބޮޑު ބައްޔެއް ވެއްޖެނަމަ ނުވަތަ ޑޮކްޓަރަށް ދައްކަން ނަމަ ކަނޑު ދަތުރުކޮށް ޖެހިގެން އޮންނަ މާލެ އަށް ނުވަތަ ހުޅުމާލެ އަށް އަންނަ ބަޔެކެވެ. ހޮސްޕިޓަލެއް ނެތީއެއް ނޫނެވެ. ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ލިބެންނެތީ އެެވެ.
Advertisement

ވިލިމާލެ ރައްޔިތެއްކަމަށްވާ އައިޝަތު ޝިތުނާ ވެސް އެ ދުވަހު އިނީ ޑޮކްޓަރަށް ދައްކަން ހުޅުމާލެ އަށް ދިޔުމަށް ފެރީއަށް އަރަ އެވެ. އާދައިގެ ދުވަހެއް ފަދައިންނެވެ. ނަމަވެސް ކުރިމަތީގައި އޮތް ހާލުދެރަ ދުވަސްވީ އުމުރުފުރާގެ މީހަކު އޮތް ހާލު ފެނި ހިތަކަށް ކެތެއްނުވި އެވެ. 

އެ މީހާ އަކީ އެމަޖެންސީގައި މާލެ ގެނައި މީހެކެވެ. އާއެކެވެ. ފެރީގެ އެންމެ ކުރީގައި އޮތް ހުސްޖާގައިގައި އަށިގަނޑަކަށް ލާ ބިންމަތީގައި ބާއްވާފައި އޮތީ "އެމަޖެންސީގައި" އަވަސް ފަރުވާދޭންޖެހޭ އުމުރުން ދުވަސްވީ ބަލިމީހެކެވެ. 

ހުދު ފޮތިގަނޑެއް ގައިގާ އަޅާފައި އޮތްއިރު ނޭފަތަށާއިއެކު އޮތީ ހޮޅިގުޅައިފަ އެވެ. ފެންނަފެނުމަށް ނިދާފައި އޮތްހެން ހީވިނަމަވެސް ހަގީގަތުގައި އޮތީ ނިދާފައެއް ނޫނެވެ. ހާލު ދެރަކަމުން އަޑެއްވެސް ލައްވާ ނުލެވި އެނޫންގޮތެއް ނެތިގެން އޮތީ އެވެ. ކުރިމަތީގައި ހުރި ގޮނޑިތަކުގައި ވިލިމާލެ ހޮސްޕިޓަލުގެ ނަރުހަކާއި މަސައްކަތު މީހަކު އެހީތެރިންގެ ގޮތުގައި ތިއްބެވެ. ފެރީގައި އާއިލާގެ މީހުންވެސް ތިބޭނެކަމަށް ބެލެވެ އެވެ.

މި މަންޒަރު ޝިތުނާގެ ފޯނުގެ ކެމެރާ އަށް ކެޕްޗާކޮށް ވީޑިއޯކޮށް، ޝޯޝަލް މީޑިއާ އަށް ދޫކޮށްލީ ހިތަށް ކުރި އަސަރަކުންނެވެ. އުހުތަކު އޮތް ހާލު ފެނި ހިތަށް ކެތް ނުކުރެވިގެންނެވެ. މިނޫން އެހެން ގޮތެއް ވާނެކަމުގެ އުންމީދާއިއެކު އެތައް ޝަކުވާތަކެއް ހިތުގައި އޮވެގެންނެވެ. 

އަޅުގަނޑު ނަމަވެސް ތިބާ ނަމަވެސް ކެތެއް ނުވާނެ އެވެ. ކެތްވާނީ ކިހިނަކުންތޯ އެވެ. ހުދު ފޮތިގަނޑަކުން ނިވާކޮށް ކަފުންކޮށްފައި އޮތް މައްޔިތެއްގެ އުސޫލުން ފެރީއެއްގެ ހުސް ޖާގަ އެއްގައި އޮޔާވަޔާއި، ނަގާ ރާޅާއިއެކު ވާނެ ގޮތެއް ވާން ބާއްވާފައި އެ އޮތީ އަޅުގަނޑު ކަހަލަ، ދިރިހުރި އަހްތެއްވިއްޔާ އެވެ. ކޮންމެވެސް މީހެއްގެ ދަރި އެކެެވެ. ފިރި އެކެވެ. ބައްޕަ އެކެވެ. ބޭބެ އެކެވެ. ނޫނީ ކާފަ އެކެވެ. 

ޝިތުނާ "ސީއެންއެމް"އާ ވާހަކަ ދައްކަމުން ބުނީ، އެ މީހާ އަކީ ހަަމައެކަނި ބަލި މީހަކީ ވެސް ނޫން ކަމަށާއި، އެ މީހާ އަކީ "އެމަޖެންސީގައި" މާލެ ގެންދިޔަ މީހެއް ކަމަށެވެ. 

އެހެން ނަމަވެސް ފަރުވާ އަށް ސީ އެމްބިއުލާންސެއްގައި ގެންދަންޖެހޭ އެފަދަ މީހަކު އާއްމުން، އާއްމުކޮށް، ދަތުރުކުރުމަށް ބޭނުންކުރާ ފެރީ އެއްގައި އާއްމު އުސޫލުން ގެންދިޔުމުން ހިތާމަކުރާ ކަމަށެވެ.

"ވަރަށް އުމުރުން ދުވަސްވެފައި އޮތް މީހެއް. ކާންދޭ ހޮޅިގުޅާފައި އޮތީ. ނަރުހަކާ މަސައްކަތު މީހަކު އެހީތެރިއަކަށް އޮތީ. އާއިލާގެ ބޭފުޅުންވެސް ތިއްބެވި ކަންނޭނގެ. ދެން އާއްމުކޮށް މީހުން ދަތުރުކުރާ ފެރީ އެއްގައި ހަމަ އާއްމުކޮށް ދަތުރުކުރާ އުސޫލުން ގަނޑިޖެހުނީމަ ފަސިންޖަރުން ހަމަވީމަ ފެރީ ނައްޓާލާނީ. އެހެންކަމަށްވާއިރު އެމަޖެންސީ ހާލަތެއްގައި ގެންދާ ބަލި މީހަކު އެ ފަދަ ފެރީއެއްގައި ގެންދިޔުމަކީ އެހާ ރައްކާތެރިކަމެއް ނޫންވީމަ އަޅުގަނޑު ވެސް އެ ވީޑިއޯ ޝެއާކޮށް އެ ވާހަަކަ ޝެއަ ކުރަންޖެހުނީ،" ޝިތުނާ ބުންޏެވެ.

އޭނާ ބުނީ ފެރީގައި މާލެ އާ ހިސާބަށް އާދެވުނުއިރު، އެ ބަލިމީހާ ބަލައި އަދި އެމްބިއުލާންސް ވެސް ނާންނަ ކަމަށެވެ. 

އެމަޖެންސީ ހާލަތުގައި ގެންދާ ބަލިމީހުންނަކީ އަވަސް ފަރުވާ ބޭނުންވެގެން ގެންދާ ބަޔަކަށްވާއިރު، އާއްމު އުސޫލުން މަޑު ދުވެލީގައި "ޓަކަޓަކަ" ލައްވަމުންދާ ފެރީ އެއްގައި، ބަލިމީހާ މާލެ ގެންދެވޭއިރު މިފަދަ ދުވަސްވީ ހާލަތު ދަށް މީހަކު ދުނިޔޭގައި އޮންނާނެ ކަމުގެ ވެސް އޮތީ ކޮން ޔަގީންކަމެއް ތޯ އެވެ؟

އޭނާ ކިޔާދިން ގޮތުން އެއީ އާ ކަމެއްވެސް ނޫނެވެ. ވިލިމާލެ އިން އާއްމުކޮށް އެމަޖެންސީ ހާލަތެއްގައި ކިތަންމެ ބަލިހާލަތު ދަށް ވިޔަސް ގެންދަން ވެއްޖެނަމަ ގެންދަން ޖެހެނީ މިފަދަ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ. މާބަނޑު މީހުން ވިހަންވެގެން ބަނޑުގައި ރިއްސާތީ މާލެ ގެންނަން ވިޔަސް އަރުވަނީ ފެރީ އަށެވެ. ކިތަންމެ ފަރަކަށް ފެރީއަށް މާބަނޑު މީހުން ވިހާފަވެސް އެބަހުއްޓެވެ. 

ނަމަވެސް މިކަން މިހެން ހިނގާކަމަށް ވާނަމަ މިއީ މައްސަލަ އެކެވެ. ދެރަ ކަމެކެވެ. ރައްޔިތުން ތުން ފިއްތައިގެން ތިބުން އެއީ އެމީހުން އިންސާނީ ހައްގުން މަހްރޫމްވާންވީ ކަމެއް ނޫނެވެ. 

ވިލިމާލޭގެ ސިއްހީ ނިޒާމާއިމެދު ގިނަ ރައްޔިތުން ހިތްހަމައެއް ނުޖެހެ އެވެ. މާލޭ ސިޓީގެ ސަރަހައްދެއްގެ ގޮތުގައި އޮތް ނަމަވެސް ވިލިމާލެ އަކީ ކޮންމެ ސަރުކާރެއްގައި ވެސް ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް އެކަހެރި ކޮށްލާފައި އޮންނަ ރަށެެކެެވެ. މާލޭ ސިޓީގެ ރަންދަރި އަކީ ހުޅުމާލެ އެވެ. ދޮންދަރި އަކީ ވިލިމާލެ އެވެ. ސިއްހީ ފަރުވާއެއް ހޯދަންވިޔަސް ގަދަކަނޑުގައި ދަތުރުކޮށް ދާންޖެހެނީ މާލެއަށް ނޫނީ ވިލިމާލެ އަށެވެ.

މިހާރު އޮތީ އާ ކައުންސިލެކެވެ. އިންތިހާބު ދުވަސްވަރު ވިލިމާލެ އާއި މާލެ އާއި ދެމެދު ދެކޮޅަށް ރައްޔިތުން "ދުވާ ދުވުން" ހުއްޓުވާނެ ކަމަށް ވައުދުވި ނަމަވެސް ރައްޔިތުން އަދިވެސް އެތިބީ ހަމަ ދެކޮޅަށް ދުވެލަ ދުވެލަ އެވެ. 

ބަލި ބައްޕަ ނުވަތަ ކާފަ، މަންމަ، މާމަ ގޮވައިގެން އަދިވެސް ދާންޖެހެނީ ނިކަމެތި ކަމާއި، އިތުރު ތަކްލީފުތައް އެބަލިކަށި ހަށިގަނޑަށް ދެމުން ކަނޑު ހުރަސްކޮށް މާލެ ނުވަތަ ހުޅުމާލެ އަށެވެ. 

މިކަން ހުއްޓޭނީ ކޮން ދުވަހަކުން ތޯ އެވެ؟ ޒިންމާ ނަންގަވަން ތިއްބަވާ ބޭފުޅުން އެއްޗެއް ހިތަށް އަރާ ބާވަ އެވެ؟ ގައުުމުގެ ވެރިން ކޮބާ ތޯ އެވެ؟ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި މަޖިިލިސް މެމްބަރުންނާއި، ކައުންސިލަރުން ބޮޑެތި މުސާރަ ދީފައި ބައިތިއްބާފައި ތިބީ ހަމަ އެކަނި ގޮނޑި ހޫނުކުރާކަށް ނޫނެވެ. 

ސަތަރިގަނޑުގައި، ބަރޮލުގައި، ގާނޑިޔަލުގައި، ޕިކަޕުގައި، ފެރީގައި އަޅުގަނޑުމެންގެ މުސްކުޅި މާމަ އާއި ކާފައިންގެ ބަލިކަށި ހަށިގަނޑު ގެންދަން ކެތެއް ނުވާނެ އެވެ. މި މަންޒަރު ފެނިފައި، ރާއްޖޭގެ ސިއްހީ ނިޒާމާއި މެދު ވިސްނާ ހިތްފަޅައިގެން ދާވަރު ވެ އެވެ. 

މާދަމާ ހަމަ އެގޮތަށް ގެންދަން ޖެހެނީ އަޅުގަނޑުގެ ގާތް މީހެއްގެ ހަށިގަނޑު ނުވަތަ ހުދު އަަޅުގަނޑުގެ ހަށިގަނޑު ނޫންކަމެއް ވެސް ނޭނގެ އެވެ.

15%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް