ads
ހަކުރު ބައްޔަށް ހޭލުންތެރިކުރުމަށް ބޭނުންކުރާ ނިޝާން...
ހަކުރު ބަލީގެ ބިރުވެރިކަމުގެ ތެރެއަށް ހަށިގަނޑު ދޫކޮށްނުލާ!
ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ.
Advertisement

ގައިގަޔަށް ނުފެތުރޭ މި ބަލީގައި އުޅޭ ގިނަ ބަޔަކު އަހަރުމެންގެ މި ކުޑަ ރާއްޖޭގައި ވެސް ވަރަށް ގިނައިން އެބަ ތިއްބެވެ. ހަށިގަނޑުގައި މި ބަލި ހުންނަކަން ދެނެގަނެވީ ގިނަ ފަހަރު ކޮންމެވެސް ކަމެއް ދިމާވެގެން ޓެސްޓުތަކެއް ހެދުމުންނެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އަހަރުމެންގެ ތެރޭގައި މި ބަލި ތަހައްމަލު ކުރަމުންދާ ގިނަ ބަޔަކު އެބަ ތިއްބެވެ. ނަމަވެސް މި ބަލި ހަށިގަނޑުގައި ހުންނަ ކަން ދެނެ  ނުގަނެވޭ މީހުން ވެސް ވަރަށް ގިނަ އެވެ. 

އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަކުރުބަލި ޖެހިފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުންނަށް އެ ބަލި ހަށިގަނޑުގައި ހުރިކަމެއް ނޭނގޭ އެވެ. މާނަ އަކީ މި ބަލި ހުރިކަން އެނގޭ މީހުންނާއި އެއްވަރުގެ އަދަދެއް ބަލިހުރިކަން ނޭނގި ފަރުވާ ނުހޯދަ އެބަތިއްބެވެ. 

ސީއެންއެމް އަށް ދިން އިންޓަވިއު އެއްގައި އޭނާ ވިދާޅުވީ، ހަކުރު ބައްޔަކީ ގައިގަޔަށް ނުފެތުރުނު ނަމަވެސް ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ. އެހެން ކަމުން އަބަދުވެސް ހަށިގަނޑުގައި މިފަދަ ބަލިތައް ހުރިތޯ ގަވާއިދުން ޗެކް ކުރުން މުހިއްމު ކަަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، އާއިލާގައި ހަކުރު ބަލި ހުންނަ މީހަކު ހުންނަ ނަމަ މަދުވެގެން ކޮންމެ އަހަރަކު ނުވަތަ ދެ އަހަރުން އެއް އަހަރު ބަލި ހުރިތޯ ޗެކްކުރަން ވާނެ ކަމަށެވެ. ގިނަ ފަހަރު އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ފަރުވާ ކުޑަކޮށްލެވި ދޫކޮށްލެވޭ ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ބަރުދަން މާބޮޑަށް އިތުރުވެ ފަލަވާ ނަމަވެސް ހަކުރު ބައްޔަށް ޓެސްޓު ކުރަންޖެހޭ ކަމަށެވެ.

މާބަނޑުވުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބޮޑު ބަދަލާއެކު މާބަނޑު ދުވަސްވަރު ހަކުރު މަތިވުން މިއީ ގިނަ މީހުންނަށް ކުރިމަތިވާ ކަމެއްކަން ފާހަގަ ކުރައްވާ ޑޮކްޓަރު ވިދާޅުވީ، މާބަނޑު އިރު މި ބަލި ޖެހޭ މީހުންނަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ހަކުރު ބަލި ޖެހުން ގާތް ކަމަށާއި އެހެން ކަމުން އެކަމަށް ވިސްނާ ޓެސްތު ހަދަންޖެހޭ ކަމަށެވެ.

"ވިހެއުމަށްފަހު ހަކުރު ދަށްވާނެ. އެކަމަކު ވަރަށް ގިނަ ފަހަރު އެ މީހެއްގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި އަނެއްކާވެސް މި ބަލި ތަހައްމަލުކުރަން ޖެހޭ، ޗާންސް ބޮޑު،" ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

your imageއެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ…

ޑޮކްޓަރު އިތުރަށް ވިދާޅުވީ، ކުޅިވަރުތަކަށާއި އެކި ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ހަކުރު އެޅި ބުއިންތައް މާކެޓްކުރާ ކޮންޕެނީތައް ކަމަށާއި އެއީ އަސްލު ޒުވާން ޖީލަށް ވެސް ނުވިސްނި އޮތް ކަމެއް ކަމަށެވެ. ވަކި ބްރޭންޑެއްގެ ނަން ފާހަގަ ނުކުރައްވާ ޑޮކްޓަރު ވިދާޅުވީ، ވަރަށް ގިނަ ފަހަރު ކުޅިވަރު ފެސްޓިވަލް ތަކާއި މުބާރާތް ތަކުގައި ވެސް އެ ދެންނެވި ކަހަލަ ބުއިންތަކުގެ އިޝްތިހާރުތައް ހުންނަ ކަމަށެވެ.

ބަލި ހުންނަ މީހުން ވެސް ފަރުވާ ކުޑަ ނުކުރައްވާ!

ހަކުރުބަލި ހުންނަ މީހުންނަށް ކޮންމެ ކޮންމެ ކާއެއްޗެއް ނުކެވެ އެވެ. އެހެން ނަމަވެސް އަހަރުމެންގެ މާހައުލު އޮންނަ ގޮތުން ވަރަށް ގިނަ ފަހަރު ބަލި ހުންނަ މީހުންނަށް ވެސް މީރު އެއްޗެހި ކާހިތްވެއެވެ. ތަފާތު މީރު ފޮނި ކާތެކީގެ ރަހަ ބަލާ ކެވޭ ފަހަރު ވެސް އާދެއެވެ. 

އެހެން ނަމަވެސް ޑޮކްޓަރުވެސް ވިދާޅުވަނީ ކިތައްމެ ކާހިތްވިޔަސް ތިމާގެ ހަށިގަނޑާމެދު ވިސްނަންޖެހޭ ކަމަށެވެ.ހަކުރު ބަލި ހުންނަ ނަމަ ނުކެވޭ އެއްޗެހި،  ތަރުކާރީ އާއި މޭވާގެ ތެރޭގައި ވެސް ހުންނަކަން ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

"ކާއިރުވެސް ބެލެންސް ކުރަން އިސްކަންދޭންޖެހޭނެ، ހުންނާނެ ނުކެވޭ އެއްޗެހި ވެސް. މިސާލަކަށް އޮރޮންޖެއް ކެޔަސް ދުވާލަކު އެއް އޮރޮންޖު ކަހަލަ ގޮތަކަށް ކާން ޖެހޭނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

ހަކުރު މާބޮޑަށް ދަށްވުން ވެސް ނުރައްކާ!

ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުން މާ ބޮޑަށް ހަކުރު ދަށްވުން ވެސް ނުރައްކާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންސޫލިން ބޭނުންކުރާ މީހުންނާއި މާބަނޑު މީހުން ހަކުރު ދަށްވެދާނެ ކަމަށާއި ހަކުރު ދަށްވެއްޖެކަން އެކި ގޮތް ގޮތުން އިނގޭނެ ކަމަށެވެ.

މިސާލަކަށް ތުރުތުރު އެޅުމާއި މެޔަށް ތަދުވުމާއި އަނބުރައިގަންނަ ގޮތް ވުން ފަދަ ކަންކަން ހަކުރު މާބޮޑަށް ދަށްވުމުން ވެދާނެކަން ފާހަގަކުރައްވާ ޑޮކްޓަރު ވިދާޅުވީ، ހަކުރު ދަށްވުމުން ކުޑަކޮށް ހަކުރު މަތިވާ ޒާތުގެ ކޮންމެވެސް އެއްޗެއް ކާން ޖެހޭނެ ކަމަށެވެ.

މި ބަލި ރާއްޖޭގެ ނިސްބަތުން ގިނަ ކަމުން ޑޮކްޓަރު ލަފާދެއްވަނީ ޝައްކުވާނަމަ ހަކުރު ބައްޔަށް ޓެސްޓުކޮށް ޗެކްއަޕް ހެދުމަށެވެ. ގިނަ ފަހަރު ފަރުވާ ކުޑަ ކުރެވި، ވާނެ އެއްޗެއް ވުމުން ދެނެގަނެވޭ އިރު އޮންނަނީ މާ ބޮޑަށް ވެސް ލަސްވެފައެވެ. މި ބަލި މީ އާދައިގެ ބައްޔެއްގެ ގޮތުގައި ދެކި ބަލީގެ ބިރުވެރިކަމުގެ ތެރެއަށް ތިމާގެ ހަށިގަނޑު ދޫކޮށްނުލާށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް